އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ސިއްރު 16 ހެކިވެރިން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ދެކޮޅަށް ކުރާ ޓެރަރިޒަމްގެ ދައުވާ އަށް އެމަނިކުފާނު އިންކާރު ކުރެއްވުމުން، ދައުލަތުން 16 ސިއްރު ހެކިވެރިން މިރޭ ހުށަހަޅައިފި އެވެ.


ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ އެމަނިކުފާނު މަގާމުގައި ހުންނަވައި އިތުރު ބަޔަކާ ގުޅިގެން ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމަށް ބުނެ އެވެ.

ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްލަހަތުތަކެއް ގެއްލޭ ގޮތަށް އުއްތަމަ ފަނޑިޔާރު މަގާމުގެ ނުފޫޒު ބޭނުން ކުރައްވާފައިވާ ކަމާއި އުއްތަމަ ފަނޑިޔާރު ރިޝްވަތުގެ ގޮތުގައި ހިފާފައިވާ ފައިސާގެ މުގާބިލްގައި ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި އަމުރު ނެރުނު ކަމަށް ދައުވާގައިވެ އެވެ.

މީގެ އިތުރުން ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ދުރާލައި ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެމަނިކުފާނު ވަނީ މި ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ.

ދައުވާއާ މެދު ވިދާޅުވަނީ ކީކޭތޯ، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ސުވާލު ކުރެއްވުމުން އުއްތަމަ ފަނޑިޔާރު ކޮޅަށް ތެދުވެ ހުންނަވައި ވިދާޅުވީ އެ ދައުވާއަކީ އެއްވެސް އަސްލެއް ނެތް ބާތިލް ދައުވާއެއް ކަމަށެވެ. މިއީ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ދައުވާއަށް އިންކާރު ކުރެއްވީތޯ ގާޒީ ސުވާލު ކުރެއްވުމުން ޖަވާބުގައި ވިދާޅުވީ ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ.

ދައުވާ ސާފުވެއްޖެތޯ ގާޒީ ސުވާލު ކުރެއްވުމުން، އުއްތަމަ ފަނޑިޔާރުންގެ ވަކީލުން ވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވައިފަ އެވެ. އެގޮތުން ދައުވާގައި، ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނާއިރު، މިއީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ވަކީލުން ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ސަރުކާރު ވައްޓާލުމަކީ ކުށެއް ކަމަށް ބުނަނީ ގާނޫނުލް އުގޫބާތުގެ 610 ވަނަ މާއްދާގައި ކަމަށެވެ. އެއީ ރިޔަޓްކޮށްގެން ނުވަތަ ގަދަ ބާރުން ވެރިކަން ވައްޓާލުން ނުވަތަ އެކަމަށް ހިތްވަރު ދިނުމުން ކުރާ ދައުވާއެއް ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

ނަމަވެސް، ދައުލަތުގެ ވަކީލް އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރަނީ ރިޝްވަތު ނަންގަވައިގެން އަމުރު ނެރެ، ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުން ކަމަށެވެ. އަދި އަމުރު ނެރެގެން ނަތީޖާތަކެއް ހާސިލް ކުރަން އުއްތަމަ ފަނޑިޔާރު އުޅުއްވި ކަމަށް ފަޒުނާ ވިދާޅުވި އެވެ. އެހެންވެ ސަރުކާރާއި ދައުލަތަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަށް ވިދާޅުވި އެވެ.

ރިޝްވަތު ހިފުމާއި ނުފޫޒު ފޯރުވުމުގެ ވަކި މައްސަލަތަކެއް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރިއަށް ދާތީ އެމަނިކުފާނުގެ ވަކީލް ހިސާން ހުސެއިން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ހިސާން ވިދާޅުވީ އެ މައްސަލައިގެ ހުކުމް އަންނަ ގޮތުން، ސާބިތުނުވާ ކަމަކަށް ހުކުމްކޮށްފި ނަމަ މި މައްސަލާގައި ބުނާ ރިޝްވަތުގެ ބައި އުނިވެގެންދާނެ ކަމަށެވެ.

އެކަމަކު، ގާޒީ ހައިލަމް ނިންމެވީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި ދައުލަތުން ހެކި ހުށަހަޅަން ފުރުސަތު ދިނުމުން ސިއްރު 16 ހެކިވެރިޔަކާއި "ކަޅު ފޮށިން" ފެނުނު ލިޔުންތަކާއެކު 32 ހެއްކެއް ހުށަހެޅި އެވެ. ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ގިނަ ލިޔެކިޔުންތައް ވަނީ ސިއްރުކޮށްފަ އެވެ. މި ހެކިތައް ހުށަހެޅުމަށް، އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ގާޒީ ވަނީ ފުރުސަތު ދެއްވައިފަ އެވެ.

އިބްތިދާއީ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރުންގެ ވަކީލުން ވަނީ އެމަނިކުފާނުގެ ބަންދު ރިވިއުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. ހިސާން ވިދާޅުވީ މިހާ ދުވަހު، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އުއްތަމަ ފަނޑިޔާރު ހުންނެވީ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ދައުލަތަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އެކަމަކު، މިހާތަނަށް އައިިރު ހެއްކަށް ނުފޫޒު ފޯރުވަން އުއްތަމަ ފަނޑިޔާރު އުޅުއްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުޖުތަމައުއަށް ނުރައްކާވާނެ ފަދަ ކަމެއް ނުކުރައްވާ ކަމަށް ހިސާން ވިދާޅުވި އެވެ.

އެހެންވެ، ބަންދުން ދޫކޮށްނުލެވޭ ނަމަ، އެންމެ ކުޑަމިނުން ޝަރުތުތަކާއެކު އުއްތަމަ ފަނޑިޔާރު ދޫކޮށްލުމަށް އެދިވަޑައިގެންނެވި އެވެ. އެކަމަކު، ގާޒީ ނިންމެވީ އުއްތަމަ ފަނޑިޔާރުގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށެވެ.

ހިސާން ވަނީ މާފުށީ ޖަލުގައި އުއްތަމަ ފަނޑިޔާރު ބަހައްޓާ ގޮޅިއާ ގުޅޭގޮތުން ވަރަށް ތަފުސީލްކޮށް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރު ހުންނަވަނީ އެކަހެރިކޮށްފަ އެވެ. އަދި ޓީވީއެއް ނުވަތަ ރޭޑިއޯއެއް ވެސް އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރާ މެދު އަމަލުކުރަނީ އެންޓި ޓޯޗާ ގާނޫނާ ހިލާފަށް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. އެކަމާ ގުޅިގެން ގާޒީ، ދައުލަތާ ސުވާލު ކުރުމުން ފަޒްނާ ވިދާޅުވީ ކޮންމެ ދުވަހަކު އުއްތަމަ ފަނޑިޔާރު ބޭރަށް ނެރޭކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދިން ލިޔުމުން އެނގޭ ކަމަށެވެ. ނަމަވެސް ދިފާއީ ވަކީލުން ވަނީ އުއްތަމަ ފަނޑިޔާރާ ހަވާލާދީ އެ ވާހަކަ ދޮގުކޮށްފަ އެވެ. ހިސާން ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރަށް ނިކުންނެވެނީ ދޮރު ކައިރިއަށެވެ. އެއީ ޖަލުގައި ތިބޭ އެހެން މީހުންނަށް ވަދެވޭ ސަރަހައްދެއް ނޫން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ހިސާންގެ ވާހަކަތަކާ ގުޅިގެން ގާޒީ ވިދާޅުވީ ގާނޫނީ ގޮތުން އެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި ކަމެއް ކުރައްވާނެ ކަމަށެވެ. އެއަށްފަހު، ގާޒީ ވަނީ މިރޭގެ ޝަރީއަތް ނިންމަވާލައްވައިފަ އެވެ.