އަދަބު ދެނީ ޓެރަރިޒަމްގެ ގާނޫނު ނުބައިކޮށް މާނަކޮށްގެން: އިންތި

ރައްޔިތުންނަށް އަދަބު ދެނީ ޓެރަރިޒަމްގެ ގާނޫނު "ރޯ ނުބައިކޮށް" މާނަކޮށްގެން ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރޭ ވިދާޅުވެއްޖެ އެވެ.


މި އަހަރުގެ މަސައްކަތްތެރިންގެ ބައިނަލްއަގްވާމީ ދުވަސް ނުވަތަ މޭ ޑޭގެ މުނާސަބަތުގައި އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގައި އިންތި ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނާއި އެހެން ގާނޫނުތައް މާނަ ކުރަނީ "ސާރިދޯޅަކު، ބޮޑުކަމުދަނީ މޫދަށޭ" ބުނާ މިސާލުގެ ދަށުން ކަމަށެވެ.

އެގޮތުން ހައްޔަރު ކުރާ ކޮންމެ މީހެއްގެ މައްޗަށްހެން، ޓެރަރިޒަމްގެ ދައުވާ އުފުލަމުން އަންނަ ކަމަށް ވެސް އިންތި ވިދާޅުވި އެވެ. އަދި 2015 ގެ މެއި 1 ވަނަ ދުވަހު ކުރި ބޮޑު މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޖަލަށްލިއިރު، ހުސް ފެން ފުޅިއެއް އެއްލި ކަމަށް ބުނެ، އަންހެނެއްގެ މައްޗަށް ވެސް ހަމަ އެ ދައުވާކޮށް ޖަލަށްލި ކަމަށް އޭނާ ވިދާޅުވި އެވެ.

"މޮޔަވެފައިވާ ގެރިއެއް ތެޅޭހެން ޓެރަރިޒަމްގެ ގާނޫނު ރާއްޖޭގައި ތެޅެމުންދާ ތަން އަޅުގަނޑުމެންނަށް ފެނިގެން ދަނީ. ސާރިދޯޅަކު ބޮޑުކަމު ދަނީ މޫދަށޭ ބުނާ މިސާލުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ (އަބްދުﷲ މަސީހު) އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅުނީމަ ޓެރަރިޒަމްގެ ދައުވާ،" އިންތި ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން އަމުރެއް ނެރުނީމަ ޓެރަރިޒަމްގެ ދައުވާ،"

އިންތި އެގޮތަށް ވިދާޅުވިއިރު، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރަށް ފަހު ހިނގައިދިޔަ ކަންކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.

އެ ހުރިހާ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.

ޓެރެރިޒަމްގެ ގާނޫނު ފާސްކުރުމަށް ފަހު، އެ ގާނޫނުގެ ދަށުން މިހާތަނަށް އަމަލުކޮށްފައި އޮތީ ހަގީގަތުގައި ޓެރެެރިޒަމްގެ އަމަލުތައް ހިންގާ މީހުންގެ ބަދަލުގައި ސިޔާސީ މީހުންގެ މައްޗަށް ކަމަށް އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ފުލުހުން ތަހުގީގު ހިންގަނީ ތުހުމަތު ކުރެވޭ ގޮތަކަށް ނޫން ކަމަށެވެ. އަދި ދައުވާކޮށް ޝަރީއަތް ހިންގަމުން ދަނީ ތަހުގީގު ކުރި މައްސަލައެއްގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.