ރައީސް ޔާމީނަށް ގެއްލުން ނުވާ ގޮތަށް، މައުމޫނަށް ދޫދެއްވޭނެ: ނަޝީދު

ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ ގޮތުން ގެއްލުން ނުވާ ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދޫދެއްވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ޓެރަރިޒަމްގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުންނެވި މައުމޫނަށް ސިއްހީ ގޮތުން ސީރިއަސް މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އާއިލާ އިން ބުނި ގޮތުގައި މައުމޫންގެ ސިއްހީ ހާލުކޮޅު ވަނީ ނުރައްކާތެރި ހާލަތަކަށް ބަދަލުވެފަ އެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނާ މެދު އަމަލު ކުރައްވަމުން ގެންދަވަނީ ޒަމާނުއްސުރެ ރާއްޖޭގެ ވެރިން ކަން ކުރައްވާފައިވާ ގޮތާ ވަރަށް ދުރުން ކަމަށެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓު.

"މަނިކުފާނަށް (ރައީސް ޔާމީނަށް) ސިޔާސީ ގެއްލުން ނުވާ ގޮތަކަށް ރައީސް މައުމޫނަށް ދޫދެއްވާނެ،" މައުމޫންގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު ވިދާޅުވި އެވެ.

މައުމޫންގެ އާއިލާ އިންނާއި ވަކީލުން ބުނި ގޮތުގައި މައުމޫންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން، އެއްވެސް ވަރަކަށް އެމަނިކުފާނުގެ ބޯގުޑުވައި ނުހެދުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށެވެ. އެމަނިކުފާނު އަރިހުގައި އަބަދުވެސް މީހަކު ބަހައްޓަން ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.

ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، ހަމަ އެ ރޭ މައުމޫން ހައްޔަރުކުރީ ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތު ދިނުމުގެ ތުހުމަތުގަ އެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ.

އެމަނިކުފާނާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.