ޖެމްސްގެ ޚިދުމަތް ހުއްޓުމަކަށް އައިކަން އަންގާފައެއް ނެތް: ދިފާއީ ހެކި

ސުޕްރީމް ކޯޓުގެ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ހުއްޓުމަކަށް އައިކަން އަންގާފައި ނެތް ކަމަށް ވިދާޅުވެ، އެ ކޯޓުގެ އިސް ބޭފުޅަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.


ޖެމްސްގެ ޚިދުމަތް، މިދިޔަ ފެބްރުއަރީ 4 އަދި 5 ގައި ސުޕްރީމް ކޯޓުގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އުފުލައިފަ އެވެ. އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކޯޓުގައި މި މައްސަލަ ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެމަނިކުފާނަށް އަންނާނެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ އުއްތަމަ ފަނޑިޔާރުގެ ފަރާތުން ދިފާއުގައި ހެކި ބަސް ނެގުމެވެ. ދިފާއުގައި ހެކި ބަސް ދެއްވީ ސުޕްރީމް ކޯޓުގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ވަހީދެވެ.

އިބްރާހިމް ވަހީދު ހެކި ބަސް ދެއްވަމުން ވިދާޅުވީ، ސުޕްރީމް ކޯޓުގެ އިންފޮމޭޝަން ޓެކްނޮލަޖީ (އައިޓީ) ސެކްޝަންގެ ވެރިއަކަށް ހުންނެވިއިރު، ޖެމްސްގެ ޚިދުމަތް ހުއްޓުމަކައި އައިކަން އެ ސެކްޝަންގެ މުވައްޒަފެއްގެ ފަރާތުން އޭނާއާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި ޖެމްސްގެ ޚިދުމަތް މެދުކަނޑާލި ކަން އެނގިވަޑައިގަތީ މީޑިއާ އިން ކަމަށާއި މީޑިއާގައި ޝާއިއު ކުރާ ޚަބަރުތައް ވަރަށް ގިނައިން ބައްލަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އައިޓީ ސެކްޝަން ހިންގަނީ އެ ތަނުގެ ކޯޕަރޭޓިވް މެނޭޖްމަންޓް ޑިވިޝަންގެ ބެލުމުގެ ދަށުންނެވެ.

އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި އޭނާ އަކީ ސުޕްރީމް ކޯޓުގެ ތިން ޑިވިޝަނެއްގެ އިސްވެރިއެކެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، ޖެމްސްގެ ޚިދުމަތް މެދުކެނޑުނުތޯ އިބްރާހިމް ވަހީދާ ސުވާލު ކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.

އިބްރާހިމް ވަހީދު ވަނީ ސުޕްރީމް ކޯޓަށް ސިޓީ ނުވަތަ ލިޔެކިޔުންތައް ފޮނުވުމަށް އޮންނަ އިޖުރާއުތައް މިއަދުގެ ޝަރީއަތުގައި ތަފްސީލްކޮށް ދެއްވައިފަ އެވެ. އެގޮތުން ސުޕްރީމް ކޯޓަށް ދެ ގޮތަކަށް މައްސަލަތައް ހުށަހަޅާ ކަމަށާއި އެއީ ކައުންޓަރުގެ އިތުރުން ޖެމްސްގެ ޚިދުމަތް މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަތުމާ މެދު ގޮތެއް ނިންމަނީ އުއްތަމަ ފަނޑިޔާރެއް ނޫނެވެ. މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ލީގަލް ސެކްޝަނުން އެ ބަލައިގަތުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއްވެސް މައްސަލައެއް ދިމާވާނަމަ، ސެކްޝަންތަކުގެ އިސްވެރިންނާ އުއްތަމަ ފަނޑިޔާރު ބައްދަލު ކުރައްވާ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

"ސީދާ މުވައްޒަފުންނަށް ގުޅައި [އުއްތަމަ ފަނޑިޔާރު] އިރުޝާދެއް ނުދެއްވާ. ކަމެއް ދިމާވީމާ ސެކްޝަންގެ ވެރިންނާ ބައްދަލު ކުރައްވާނީ. ވަކިވަކިން [އުއްތަމަ ފަނޑިޔާރު] އަންގާ ކަމެއް އެނގިފައެއް ނެތް،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އޭނާގެ އެ ވާހަކަތަކާ ގުޅިގެން، ދައުލަތުގެ ވަކީލް ޝަމްލާ ޝަމީމް ވަނީ މިދިޔަ ފެބްރުއަރީ 4 އަދި 5 ގައި ވަޒީފާ އަށް ނުކުންނަވާފައިވާނެތޯ އިބްރާހިމް ވަހީދާ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި އިބްރާހިމް ވަހީދު ވިދާޅުވީ އެ ދެ ދުވަހު ވެސް އޮފީހަށް ވަޑައިގެންނެވި ކަމަށެވެ.

އޭނާ އެގޮތަށް ވިދާޅުވިއިރު، އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ވަނީ ސުޕްރީމް ކޯޓުގެ އިސް ބޭފުޅަކު ހެކި ބަސް ދެއްވައިފަ އެވެ. ކޮން ބޭފުޅެއްކަން ނޭނގޭ ގޮތަށް އަޑު ބަދަލު ކުރައްވައިގެން ހެކި ބަސް ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރު ވަނީ މިދިޔަ ފެބްރުއަރީ 4 އަދި 5 ގައި ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން ފޯނުންނާއި "ފޭސްޓު ފޭސްކޮށް" ވެސް އިރުޝާދު ދެއްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހުށަހަޅާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން މާދަމާ ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުލާސާ ބަޔާން އިއްވުމެވެ.