މައުމޫން ގެއަށް ބަދަލު ނުކުރުމަކީ އަނިޔާވެރި ކަމެއް: އިދިކޮޅު ކޯލިޝަން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާއިރު، އެމަނިކުފާނު ދޫނިދޫ ޖަލުން ގޭބަންދަށް ބަދަލު ނުކުރުމަކީ އަނިޔާވެރި ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.


މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް އުފުލައި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ގޯސްވެފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، މައުމޫންގެ މައްޗަށް އެއްވެސް ކުށެއް މިހާތަނަށް ސާބިތުވެފައި ނުވާއިރު އެމަނިކުފާނު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ކުރީގެ ރައީސުންނަކީ ޚާއްސަ ހިމާޔަތާއި ރައްކާތެރިކަން ލިބިފައިވާ ބޭފުޅުންކަން ފާހަގަ ކުރައްވައި، އިންތި ވިދާޅުވި ގޮތުގައި މައުމޫންގެ ސިއްހީ ހާލުކޮޅަށް ރިއާޔަތްކޮށް، އެމަނިކުފާނު ގޭބަންދަށް ބަދަލު ނުކުރުމަކީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވާ ކަމެކެވެ.

"އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު މިހާ ދެރަ ހިސާބަށް ދިޔައީމާ އެމަނިކުފާނަށް މިފަދަ ލުޔެއް، އެންމެ ކުޑަމިނުން އެމަނިކުފާނު ގެއަށް ބަދަލު ކުރުމުގެ ފުރުސަތު ވެސް ސަރުކާރުން ނުދެއްވައި، އަނިޔާވެރިވަމުންދާ ކަމީ އަޅުގަނޑުމެން މިކަމުގައި ކަންބޮޑުވުން ފާޅުކުރާ ކަމެއް،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މައުމޫން ބަންދު ކޮށްފައި ހުންނެވީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި އެގޮތަށް ބަންދުގައި ހުންނަވަނިކޮށް އެމަނިކުފާނަށް ގެއްލުމެއް ލިބިވަޑައިގެންފި ނަމަ އޭގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން ކަމަށް ވިދާޅުވި އެވެ.

އިންތި ވިދާޅުވިގޮތުގައި، މައުމޫން މިނިވަން ކުރަން ނުވަތަ ގެއަށް ބަދަލު ކުރުމަށް އާއިލާއިންނާއި ވަކީލުން ކުރަމުންދާ މަސައްކަތަކަށް މިހާތަނަށް އެއްވެސް ހަައްލެއް ނުލިބެ އެވެ. އެހެންވެ، އެކަމާ މެދު ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތި ވަނީ ސިޔާސީ އިދިކޮޅު ބައެއް ބޭފުޅުންގެ މައްޗަށް މިހާރު ކުރިއަށް ގެންދާ ޝަރީއަތްތައް އަވަހަށް ހިންގަމުންދާތީ އެކަމާ މެދު ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އަވަހަށް ޝަރީއަތްތައް ކުރިއަށް ގެންދާތީ ވަކީލުން ތައްޔާރުވާން ވަގުތު ނުލިބޭ ކަމުގެ ޝަކުވާ އަންނަމުންދާ ކަމަށާއި އެއީ ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އެގޮތަށް ކަންކަން ހިނގާ ނަމަ، ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންސާފުވެރި ޝަރީއަތެއް ހަމަތަކުގެ މަތިން ކަންތައްތައް ކުރައްވާ ނަމަ ޖެހިވަޑައިގަންނަވާނެ ދައުވާ ލިބޭ ފަރާތްތަކަށް ރަނގަޅު ފުރުސަތު ލިބިވަޑައިގަންނަވަން. ވަކީލުންނަށް ތައްޔާރުވާން ފުރުސަތު ލިބިވަޑައިގަންނަވަން،" އިންތި ވިދާޅުވި އެވެ.