ކުނި މެނޭޖް ކުރުމުގެ މަޝްރޫއަށް 165 މިލިއަން ޑޮލަރު ހަމަޖެހިއްޖެ

ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރުން ހިންގަން ނިންމާފައިވާ ގްރޭޓާ މާލެ އެންވަޔަރްމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް ބޭނުންވާ 165 މިލިއަން ޑޮލަރު ހަމަޖެހިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އެވެ.


އެ އެހީ ހަމަޖެހުނީ މިހާރު ކުރިއަށް ގެންދާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް(އޭޑީބީ) ގެ ގަވަރުނަރުންގެ 51 ވަނަ ބޯޑު ބައްދަލުވުމުގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އެ ބައްދަލުވުމުގެ ހަވާސާގައި، ފިނޭންސް މިނިސްޓަރު އަދި ރާއްޖެ އިން އޭޑީބީ އަށް ކަނޑައަޅާފައި ހުންނަވާ ގަވަރުނަރު އަހުމަދު މުނައްވަރު އެ މަޝްރޫއަށް ފައިނޭންސް ކޮށްދޭ ބޭންކްތަކާ މަޝްވަރާ ކުރައްވައި، އެ ބޭންކްތަކުން ފައިސާ ދެއްވާނެ ކަމުގެ ޔަގީންކަން ހޯއްދަވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެގޮތުން އޭޑީބީ އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އަދި އޭއައިއައިބީގެ އިސްވެރިންނާ ވެސް މުނައްވަރު މަޝްވަރާ ކުރެއްވި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ދިވެހި ސަރުކާރުން ވެސް 10 ޕަސެންޓާއި 13 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ޚަރަދުކުރާ އެ މަޝްރޫއުގެ ދަށުން، މާލެ އާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ވ. އަތޮޅުގެ ރަށްތަކާއި ރިސޯޓްތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމް ކުރާނެ އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީ އާއި ވެމްކޯގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތިލަފުށީގައި ކުނި އެންދުން ހުއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާނެ އެވެ. އަދި ދެވަނަ ފިޔަވަހީގައި އޮންނާނީ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ތިލަފުށީގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމްކޮށް، އެއިން ހަކަތަ އުފެއްދޭނެ ގޮތް ހެދުމެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަންނަ ޖުލައި މަހު ފަށާއިރު އެ ފިޔަވަހީގެ ދަށުން، މި އަހަރު ނިމެން ވާއިރަށް ތިލަފުށީގައި ކުނި އެންދުން ހުއްޓާލެވޭނެ އެވެ. ދެވަނަ ފިޔަވަހި ފެށޭނީ އަންނަ އަހަރުގެ ކުރީކޮޅެވެ.