މާސްކު ބެހުމުން މަހްލޫފަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް

މުޒާހަރާއެއްގެ ތެރޭގައި މާސްކް ބެހި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކާ ގުޅިގެން މިއަދު ބާއްވަން ތާވަލު ކުރި ޝަރީއަތް ކެންސަލްކޮށްފި އެވެ.


މާސްކް ބެހި މައްސަލައިގައި މަހްލޫފްގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. މި އަޑުއެހުން ކެންސަލް ކުރި ސަބަބެއް ނޭނގެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ އިދިކޮޅު ޕާޓީތަކުގެ ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މަހްލޫފަށް ދައުލަތުން ހަތަރު ދައުވާއެއް ވަނީ ކޮށްފަ އެވެ.

އޭގެ އިތުރުން ތަހުގީގު ނިންމައި، ދައުވާކުރުމުގެ މަރުހަލާގައި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި ވެސް ދެ މައްސަލައެއް އެބައޮތެވެ. އެއީ ރައްޔިތުންގެ މަޖިލީހުގައި ސަލާމަތީ ބާރުތަކާ ދެކޮޅަށް މާރާމާރީ ހިންގުމުގެ ދައުވާ އާއި މުޒާހަރާއެއްގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ ކުރާ ދައުވާ އެވެ.

މަހްލޫފްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ މާސްކް ބެހި މައްސަލައިގެ އިތުރުން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި، މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އެވެ. އަދި އޭނާ ކުރި ދެ ޓުވީޓެއްގެ މައްސަލައިގައި ވެސް ދައުލަތުން އޭނާ އާ ދެކޮޅަށް ދައުވާ ކުރެ އެވެ.

މަހްލޫފަށް ޓެރަރިޒަމްގެ ދައުވާ ކޮށް، ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކުރި އިރު، އޭނާ ހައްޔަރުކުރީ އިދިކޮޅު ފަރާތްތަކުން މާލޭގައި ފެބްރުއަރީ 22 ގައި ކުރި މުޒާހަރާގެ ތެރެއިންނެވެ.

މީގެ ކުރިން، އެއްވުމެއްގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމުގެ ދެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެގެން ވެސް ޖަލަށް ލި އެވެ. އެ ދެ މައްސަލައިގައި 10 މަހާއި 24 ދުވަސް ވަންދެން މަހްލޫފް ޖަލުގައި ހޭދަކުރެއްވި އެވެ. އެ ހުކުމުން ޖޫން، 8، 2017 ގައި މިނިވަންވުމާ އެކު އިދިކޮޅު ހަރަކާތުގެ އިސް ސަފުގައި އަނެއްކާ ވެސް މަސައްކަތް ކުރައްވަން ފެއްޓެވި އެވެ.