ހޮޅުދޫގައި ހިނގި އެކްސިޑެންޓެއްގައި ދެ ޒުވާނަކު މަރުވެއްޖެ

ނ. ހޮޅުދޫގައި މިރޭ، ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މޫދަށް ވެއްޓި ޒުވާން އަންހެނަކާއި ފިރިހެނަކު މަރުވެއްޖެ އެވެ.


ސައިކަލްގައި ދުއްވަން ނުކުމެ އުޅެނިކޮށް ހިނގި އެކްސިޑެންޓުގައި މަރުވީ އެ ރަށު ހުސްނާ މުހައްމަދު އާއި އަހުމަދު އަދީލެވެ. މި ދެ މީހުންގެ އުމުރުން ވެސް 26 އަހަރެވެ. އެ ދެ ރަހުމަތްތެރިން ކަމަށް ވެ އެވެ.

ހޮޅުދޫ ކައުންސިލުން ބުނީ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑްގައި ދުއްވި ސައިކަލް ކޮންޓްރޯލް ނުކުރެވިގެން ގޮސް، ފަޅުތެރެއަށް ވެއްޓިގެން ކަމަށެވެ. އެ ދެ މީހުން ތިބި ސައިކަލް ފަޅުތެރެއަށް ވެއްޓިފައި އޮއްވާ ފެނުނީ އާންމުންގެ ބަޔަކަށް ކަމަށާއި ނެގިއިރު، ވެސް ދެ މީހުން މަރުވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

"ފަޅު ތެރެއިން ނެގިއިރު، އެއްވެސް ހަރަކާތެއް ދެ މީހުންގެ ނެތް،" ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.

ފުލުހުން ބުނީ ދެ ޒުވާނުން އެކްސިޑެންޓުވި ކަމުގައި މައުލޫމާތު ލިބުނީ މިރޭ 1:30 ހާއިރު ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނާ ސައިކަލް ވެއްޓިފައި ވަނީ ފަޅުތެރެއަށް ކަމަށް ފުލުހުން ވެސް ކަށަވަރުކޮށް ދިނެވެ. މި އެކްސިޑެންޓުގައި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

"އަނިޔާވި ދެ މީހުން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައި. އެކްސިޑެންޓުގެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.