އައިޖީއެމްއެޗުން 96 މިލިއަން ރުފިޔާ އިތުރު ގަޑީގެ ގޮތުގައި ދިނީ ކުރި މަސައްކަތަކަށް ކަމެއް ނޭނގެ: އޮޑިޓް

އައިޖީއެމްއެޗުގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު 96 މިލިއަން ރުފިޔާ ދިނީ ކުރި މަސައްކަތަކަށް ކަން ކަށަވަރު ކުރެވެން ނެތް ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ޚާއްސަ އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.


ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނާ ބެހޭ ގޮތުން ތައްޔާރުކުރި ޚާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އައިޖީއެމްއެޗުގެ ބައެއް މުވައްޒަފުން ރަސްމީ ގަޑީގެ އިތުރުން، ބައެއް ދުވަސް ދުވަހު 10 ގަޑިއިރުން 24 ގަޑިއިރާ ހަމައަށް މެދުކެނޑުމެއް ނެތި މަސައްކަތް ކޮށްފައިވާ ކަމަށް އިތުރު ގަޑީގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އިތުރު ގަޑީގައި ކުރާ މަސައްކަތުގެ ރެކޯޑް ބެލެހެއްޓުމުގެ ނިޒާމުގައި އެކަށީގެންވާ ކޮންޓްރޯލް ތަކެއް ނެތް ކަމަށެވެ. އެހެންވެ، އާއްމު މިންގަނޑުތަކާ ޚިލާފަށް އިތުރު ގަޑީގައި މަސައްކަތްކުރި ކަމަށް ރެކޯޑު ކޮށް، އެ ގަޑިތަކަށް ފައިސާ ދޫކޮށްފައި ވާއިރު އެއީ ހަގީގަތުގައި ވެސް އިތުރު ގަޑީގައި މުވައްޒަފުން ކޮށްފައިވާ މަސައްކަތްތަކަށް ވާ ފައިސާ ކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލްގެ ބައެއް މުވައްޒަފުންނަށް ދޫކޮށްފައިވާ އިތުރު ގަޑީގެ ފައިސާގެ މައްސަލައާ ބެހޭ ގޮތުން ޚާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ މައްސަލަ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަކޮށް، އިސްލާހު ކުރަން ލަފާ ދީފައިވާނެ ކަމަށެވެ.

ޚާއްސަ އޮޑިޓް ރިޕޯޓުގައި ވާ ގޮތުން، އައިޖީއެމްއެޗުގެ ގިނަ އަދަދެއްގެ މުވައްޒަފުން 2015 ވަނަ އަހަރުގެ ކޮންމެ މަހަކު ވެސް، އެ މުވައްޒަފުންނަށް ލިބޭ އަސާސީ މުސާރަ އަށް ވުރެ ގިނައިން އިތުރު ގަޑީގެ ފައިސާ ނަގާފައި ވެ އެވެ.