ރާއްޖެ ބަލިކޮށް ސަލާމަތީ މަޖިލީހަށް އިންޑޮނީޝިޔާ

އދ.ގެ އާންމު މަޖިލީހުގައި ދެންމެ ނެގި ސިއްރު ވޯޓުގައި ރާއްޖޭގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައި، ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް އިންޑޮނީޝިޔާ ހަތަރު ވަނަ ފަހަރަށް އިންތިޚާބުވެއްޖެ އެވެ.


އެމެރިކާގެ ނިއުޔޯކްގައި ބޭއްވި އދ. ގެ އާންމު މަޖިލީހުގައި މި ގޮނޑި އިންޑޮނީޝިއާއަށް ލިބުނީ މި މަގާމަށް މުޅިން އަލަށް ކުރިމަތިލި ރާއްޖެއާ ވާދަކޮށްގެންނެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގޮނޑި އިންޑޮނީޝިއާ އަށް ލިބުނީ ވޯޓުގައި ބައިވެރިވި 190 ގައުމުގެ ތެރެއިން 144 ގައުމުގެ ވޯޓުންނެވެ.

އިންޑޮނީޝިއާ އާ ވާދަ ކޮށްގެން ރާއްޖެ އަށް ވޯޓު ދިނީ އެންމެ 46 ގައުމަކުންނެވެ.

އދ. ގެ އާންމު މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި ރާއްޖޭގެ ވަފްދު. (ކ-ވ) ސަފީރު އަލީ ނަސީރު، ފިޝަރީޒް މިނިސްޓަރު ޝައިނީ، އަދި ޓޫރިޒަމް މިނިސްޓަރު ޒަމީރު.

އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކަށް ލިބޭނެ އެންމެ ބޮޑު ބާރަކީ ދުނިޔޭގައި އެކިކަންކޮޅުތަކުގައި ހިނގާ ތަފާތު މައްސަލަތަކުގައި ބަސް ބުނުމުގެ ހައްގެވެ. އަދި އެކިއެކި ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް ކައުންސިލަށް ލިބެ އެވެ.

އދ. ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ހޮވޭނީ އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުގައި މެމްބަރު ގައުމުތަކުގެ ތެރެއިން ތިން ބައިކުޅަ ދެބައި ގައުމުގެ ވޯޓު ލިބިގެންނެވެ. އެއީ އދ. ގައި ހިމެނޭ 193 މެމްބަރު ގައުމުގެ ތެރެއިން އެންމެ މަދުވެގެން 120 ގައުމުގެ ވޯޓު ލިބިގެންނެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސި ވިލާތް އަދި ފަރަންސޭސި ވިލާތެވެ.

ސެކިއުރިޓީ ކައުންސިލްގައި ދެން ތިބޭ 10 މެމްބަރުންނަކީ ދެ އަހަރުން ދެ އަހަރުން ދައުރުވާ ވަގުތީ މެމްބަރުންނެވެ. ވަގުތީ މެމްބަރު ކަމަށް އިންތިހާބު ކުރަނީ އެކި ސަރަހައްދުތަކުންނެވެ. އެގޮތުން، މިރޭގެ ވޯޓުގައި ގޮނޑިތައް ކަށަވަރު ކުރީ ދެކުނު އެފްރިކާ، ޑޮމިނިކަން ރިޕަބްލިކް، ބެލްޖިއަމް އަދި ޖަރުމަން ވިލާތެވެ. އޭޝިޔާ ޕެސިފިކްގެ ގޮނޑި ފިޔަވައި އަނެއް ހަތަރު ގޮނޑިން ކޮންމެ ގޮނޑިއަކަށް ވާދަކުރީ އެއް ގައުމެވެ.

މިރޭގެ ވޯޓުގައި އެފްރިކާގެ ޖާގަ އަށް، އެ ގޮނޑި އަށް ވާދަކުރި ހަމައެކަނި ގައުމު ކަމަށްވާ ދެކުނު އެފްރިކާ އިންތިޚާބުވީ ޖުމްލަ 183 ގައުމުގެ ވޯޓުންނެވެ. އަދި ޑޮމިނިކަން ރިޕަބްލިކަށް ލިބުނީ 184 ވޯޓެވެ. ޖަރުމަން ވިލާތަށް 184 ވޯޓު ލިބުނު އިރު، ބެލްޖިއަމަށް ލިބުނީ 181 ވޯޓެވެ.

އދ. ގެ އާންމު މަޖިލީހުން މިރޭ ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފްދު ވޯޓު ލަނީ.

މިހާ ބޮޑު ތަފާތަކުން ރާއްޖެ އަށް މިފަހަރު ނާކާމިޔާބުވި އިރު، މީގެ ނުވަ އަހަރު ކުރިން، 2009 ވަނަ އަހަރު، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށް ރާއްޖެ ވާދަ ކޮށް، 185 ގައުމެއްގެ ވޯޓާ އެކު އެ ގޮނޑި ރާއްޖެ ކާމިޔާބުކުރި އެވެ.

އިންޑޮނީޝިޔާއާ ވާދަކޮށް ރާއްޖެ ބޮޑު ތަފާތަކުން ނާކާމިޔާބުވި އިރު، ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތާ މެދު ބައިނަލްއަގުވާމީ މުޖްތަމައުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުންހެން ޖަލު ހުކުމްގައި ނުވަތަ ބަންދުގައި ތިއްބެވި އިރު، ބައިނަލްއަގުވާމީ މުޖްތަމައުގައި ނުފޫަޒު ގަދަ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ވަނީ ހީނަރުވެފަ އެވެ.

އެ ގޮތުން އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ތަފާތު ބަޔާންތައް ނެރެމުންދާއިރު، ސަރަހައްދީ އެންމެ ބޮޑު ގައުމު ކަމަށްވާ އަވައްޓެރި އިންޑިޔާއާ އެކު އޮތް ޒަމާންވީ ގުޅުން ވެސް ވަނީ ހީނަރުވެފަ އެވެ. އޭގެ އިތުރުން ކޮމަންވެލްތުން ރާއްޖެ ވަކިވެފައި ވުމަކީ ވެސް މިފަދަ ވޯޓަކަށް ނުސީދާ އަސަރު ފޯރަފާނެ ކަމެކެވެ.