މައުމޫނާއި ދެ ފަނޑިިޔާރުންގެ ފޯނު ފުލުހުންނަކަށް ނުދޭ: ހެކިން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދިނުމަށް ފުލުހުން އެންގުމުން ތިން ބޭފުޅުންގެ ފޯނު ވެސް ފުލުހުންނަށް ދީފައި ނުވާ ކަމަށް ހަތަރު ފުލުހަކު ކްރިމިނަލް ކޯޓުގައި މިރޭ ހެކިބަސް ދީފި އެވެ.


މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެ ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރަނީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ.

އެ މައްސަލާގައި މިރޭ ހެކިބަސް ދިން ހަތަރު ފުލުހުންގެ ތެރެއިން ދެ ފުލުހުންނަކީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރަން ސުޕްރީމް ކޯޓަށް ދިޔަ ދެ ފުލުހެކެވެ. ބާކީ ތިބި ދެ ފުލުހުންނަކީ މައުމޫން ހައްޔަރު ކުރުމަށްޓަކައި އެމަނިކުފާނު ދިރިއުޅުއްވާ އެންދެރިމާގެ އަށް ދިޔަ ދެ ފުލުހެކެވެ.

މައުމޫންގެ ފޯނު ނެތް ކަމަށް ވިދާޅުވި، އެ ގެއިން ފޯނު ފެނިފައެއް ނުވޭ

އެންދެރިމާގެ އަށް ދިޔަ ދެ ފުލުހުން ކަމަށްވާ މުހައްމަދު ލަތީފާއި ހުސައިން އަޒްމީލް ވެސް ހެކިބަސް ދެމުން ބުނިގޮތުގައި، އެންދެރިމާގޭގައި މައުމޫން ހުންނަވަނިކޮށް އެމަނިކުފާނު ހައްޔަރު ކުރުމަށް ފަހު، ފޯނު ދޭން ފުލުހުން އެންގީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ހެކިތައް ފޯނުގައި ހުންނާނެ ކަމަށް ބެލެވޭތީ އެވެ. އަދި ފޯނު ދޭން މައުމޫނަށް އެންގުމުން އެމަނިކުފާނުގެ އަތުގައި ފޯނު ނެތް ކަމަށް ވިދާޅުވެ، ފޯނު ހޯދައި ދިނުމަށް އާއިލާގެ ބޭފުޅުންގެ އަރިހުން މައުމޫން އެދިވަޑައިގަތް ކަމަށް އެ ދެ ފުލުހުން ހެކިބަސް ދިނެވެ.

އެ ދެ ފުލުހުން ވެސް ބުނިގޮތުގައި މައުމޫންގެ އާއިލާ ބޭފުޅުން އެ ފޯނު ހޯދަން މަސައްކަތް ކުރުމަށް ފަހު ފޯނު ނުފެނުނު ބުނުމުން ފުލުހުން ވެސް އެ ގެ ފާސްކުރި އެވެ. އެކަމަކު އެ ފޯނު އެ ގެއިން ފެނިފައި ނުވާ ކަމަށް އެ ދެ ފުލުހުން ހެކިބަސް ދިނެވެ.

ދެ ފަނޑިޔާރުންގެ ފޯނު ވެެސް ދީފައެއް ނުވޭ، ހޯދިއިރު ވެސް ނުފެނުނު

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކުރަން ސުޕްރީމް ކޯޓަށް ދިޔަ ދެ ފުލުހުން ކަމަށްވާ މުހައްމަދު ސާމިހު އާއި އިސްމާއިލް ވިރްދާން ހެކިބަސް ދެމުން ބުނީ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ އޭވީ ރޫމް ކިޔާ ކޮޓަރިއެއްގެ ތެރޭގައި ތިއްބަވަނިކޮށް ކަމަށެވެ. އަދި ދެ ބޭފުޅުން ހައްޔަރުކޮށް، ކުރެވޭ ތުހުމަތުތައް އިއްވުމަށް ފަހު އެ ބޭފުޅުން ފޯނު ދޭން އެންގި ކަމަށާއި އެކަމަކު ފޯނު ހަވާލު ކޮށްފައިނުވާ ކަމަށް އެ ދެ ފުލުހުން ވެސް ބުންޏެވެ.

އެ ދެ ފުލުހުން ބުނިގޮތުގައި ފޯނު ދޭން އެންގުމުން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެކި ފަހަރު ވާހަކަ ދެއްކެވީ އެކި ގޮތަށެވެ. އެއް ފަހަރު ފޯނު ނުދެއްވާނެ ކަމަށް ދެ ބޭފުޅުން ވިދާޅުވި ކަމަށާއި އަދި ފަހުން ފޯނު ނެތް ކަމަށް ވިދާޅުވެ ވެސް ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަމަށް ދެ ފުލުހުން ހެކިބަސް ދިނެވެ. އަދި ސުޕްރީމް ކޯޓަށް އެ ރޭ ވަދެ ތިބީ ކުށްވެރިންތަކެއް ކަމަށް ވިދާޅުވެ، ކުށްވެރިންނަށް ދޭން ޖެހޭނެ އެއްޗެއް ނޯންނާނެ ކަމަށް ދެ ބޭފުޅުން ވިދާޅުވި ކަމަށް ވެސް އެއް ފުލުހަކު ހެކިބަސް ދިނެވެ.

އެ ފުލުހުން ބުނިގޮތުގައި، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ފޯނު ފެނޭތޯ ސުޕްރީމް ކޯޓުގެ އެކި ތަންތަން ބަލައި، ފާސް ކުރުމުން ވެސް ފޯނު ފެނިފައެއް ނުވެ އެވެ.

ސިއްރު ހެއްކެއްގެ ހެކިބަސް، މައުމޫންގެ ސުވާލެއް ދައުލަތަށް

އެ ހަތަރު ފުލުހުންގެ އިތުރުން އިތުރު ސިއްރު ހެއްކެއްގެ ހެކިބަސް ވެސް މިރޭ ނެގި އެވެ. ސިއްރުން ހެކިބަސް ދިނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިވެރިއެކެވެ. ހެކިބަސް ދެމުން އޭނާ ބުނިގޮތުގައި 2014 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމައަށް އެކި ފަހަރު މަތިން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާ ދެމެދު އެކި ފަހަރު މަތިން އޭނާ ވާނީ މުއާމަލާތް ކޮށްފަ އެވެ.

އެ ދެ ބޭފުޅުން އެކި ފަހަރު މަތިން އޭނާއާ ފޯނު ވެސް މުއާމަލާތް ކުރި ކަމަށް އޭނާ ބުންޏެވެ. އެކަމަކު، ފޯނުުން ކުރި އެ މުއާމަލާތްތަކުގެ ތަފްސީލުތައް ހާމަކޮށްފި ނަމަ ކާކުކަން ހާމަވެދާނެތީ އޭގެ ތަފްސީލުތައް އޭނާ ޝަރީއަތުގެ މަޖިލީހުގައި ހާމައެއް ނުކުރެ އެވެ.

ފޯނުން ކުރި މުއާމަލާތްތަކުގެ ތަފްސީލު ޝަރީއަތުގެ މަޖިލީހުގައި ހާމަކުރަން ހެކިވެރިޔާ ބޭނުން ނުވުމުން، ދައުލަތުން ވަނީ އެ ތަފްސީލުތަކަކީ އޭނާ ތަހުގީގަށް ދިން ބަޔާނުގައި ހުރި ކަންތައްތައް ތޯ ވިދާޅުވެ، ސުވާލު ކޮށްފަ އެވެ. ޖަވާބުގައި ހެކިވެރިޔާ ބުނީ ތަހުގީގަށް ދިން ބަޔާނުގައި ފާހަގަ ކޮށްފައި ހުންނާނީ އެ ކަންތައްތައް ކަމަށާއި އެ ބަޔާނަކީ ސައްހަ ބަޔާނެއް ކަމަށެވެ.

ސިއްރު ނަގައި ނިމުމުން މައުމޫން ވަނީ ތެދުވެ ވަޑައިގެން، ސިއްރުން ހެކިބަސް ނަގަނީ ކޮން ހަމައަކުންތޯ ވިދާޅުވެ ދައުލަތުގެ ވަކީލުންނާ ސުވާލު ކުރިމަތި ކުރައްވައިފަ އެވެ. ސިއްރުން ހެކިބަސް ނެގުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށް ވިދާޅުވެ، މައުމޫން ވިދާޅުވީ ސިއްރުން ހެކިބަސް ނެގުމުން ހެކިބަސް ދޭ މީހާއަކީ އަދުލުވެރިއެއް ކަން ކަށަވަރުވާނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ހެކިވެރިންނަކީ އަދުލުވެރި ބަޔަކަށް ވާންޖެހޭނެ ކަން ގުރުއާނާއި ކީރިތި ރަސޫލާގެ ބަސްފުޅުތަކުން ދަލީލު ދައްކަވަމުން މައުމޫން ވިދާޅުވީ ސިއްރުން ހެކިބަސް ނެގުމަކީ ދޮގު ހެކިބަސް ދިނުމަށް މަގު ފަހި ކުރާ ކަމެއް ކަމަށެވެ. ދޮގު ހެކިބަސް ދިނުމުގެ ނުބައި ކަން ބަޔާންކޮށް ދެއްވުމަށް ގުރުއާނާއި ރަސޫލާގެ ބަސްފުޅުތަކުން ދަލީލު ދައްކަވަމުން މައުމޫން ވިދާޅުވީ ރޯދަ މަހެއްގައި އެފަދަ އަމަލެއް ކުރެވިގެން ނުވާނެ ކަމަށެވެ.

ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ގާނޫނު އަސާސީގައި އޮންނަ ކަން ފާހަގަ ކުރައްވައި، މައުމޫން ވިދާޅުވީ އިސްލާމީ ޝަރީއަތާ ޚިލާފް އެއްވެސް ކަމެއް ރާއްޖޭގައި ކުރެވިގެން ނުވާނެ އެވެ.

މައުމޫންގެ އެ ވާހަކަފުޅާ ގުޅިގެން ދައުލަތުގެ ވަކީލާ އައިޝަތު ރީޝާ ވިދާޅުވީ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފް އެއްވެސް ގާނޫނެއް ރާއްޖޭގައި ނެހެދޭނެ ކަމަށް ދައުލަތުން ވެސް އެއްބަސްވާ ކަމަށެވެ. އެކަމަކު ސިއްރުން ހެކިބަސް ނެގުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އޮތް ކަމެއް ކަމަށާއި އެކަން އިސްލާމްދީނާ ޚިލާފްވާ ނަމަ ގާނޫނުގައި އެ ވާހަކަ އޮންނާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ރީޝާ ވިދާޅުވި އެވެ.

ވަކީލުން ނެތުމުން ތިން ބޭފުޅުން ވެސް ހެކިންނާ ސުވާލެއް ނުކުރެއްވި

މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް މިރޭ ނެގިޔަސް، ހެކިވެރިންނާ ސުވާލު ކުރަން ތިން ބޭފުޅުން ވެސް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ސަބަބެއްގެ ގޮތުގައި ތިން ބޭފުޅުން ވެސް ވިދާޅުވީ އެ ބޭފުޅުންގެ ހުރިހާ ދިފާއީ ވަކީލުން މައްސަލަ ދޫކޮށްލާފައިވާތީ އިތުރު ވަކީލުން އައްޔަން ކުރަން ބޭނުން ވުމެވެ. ވަކީލުން ނެތީސް، އެއްވެސް ހެކިވެރިއަކާ ސުވާލު ކުރަން ބޭނުންފުޅު ނުވާ ކަމަށް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ތަކުރާރުކޮށް ވިދާޅުވި އެވެ.

ހެކިވެރިންނާ ދައުލަތުން ސުވާލު ކުރުމަށް ފަހު ތިން ބޭފުޅުންނަށް ފުރުސަތު ދެއްވާ ކޮންމެ ފަހަރަކު ވެސް ތިން ބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ހެކިވެރިންނާ ސުވާލު ކުރަން ބޭނުންވަނީ ވަކީލުންގެ ހާޒިރުގައި ކަމަށާއި އެހެންވެ އެ ފުރުސަތު ބޭނުންފުޅުވާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބް ވިދާޅުވީ، ދިފާއީ ވަކީލުން އައްޔަން ކުރަން އެއްވެސް ހުރަހެއް ތިން ބޭފުޅުންނަށް ނެތް ކަމަށާއި ކުރިން މައްސަލަ ދޫކޮށްލި ދިފާއީ ވަކީލުން ފިޔަވައި، އެހެން ވަކީލުން އައްޔަން ކުރުމުގެ ފުރުސަތު ތިން ބޭފުޅުންނަށް އަދިވެސް އެބައޮތް ކަމަށެވެ.

ގާޒީ އެގޮތަށް ވިދާޅުވުމުން ވެސް، ތިން ބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ހެކިވެރިންނާ ސުވާލު ކުރަން ބޭނުންފުޅު ވަނީ ވަކީލުންގެ ހާޒިރުގައި ކަމަށާއި އެއީ އަސާސީ ހައްގެއް ކަމަށެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް މިރޭ ވަނީ ނަގައި، ނިމިފަ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެ ބޭފުޅުންގެ މައްޗަށް އަންނާނެ އެވެ.

އެ މައްސަލައިގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.