ވަކީލުން އެދުމުން ފާރިސްގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށް ދިނުމަށް އޭނާގެ ވަކީލުން މިއަދު އެދިވަޑައިގަތުމުން އަޑުއެހުން ފަސްކޮށްފި އެވެ.


ޝަހްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް ދައުލަތުން ކުރަނީ ވެރިކަން ކުރާ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު އޮތީ ފާރިސްގެ ފަރާތުން ހުށަހަޅާ 47 ދިފާއީ ހެކިންގެ ތެރެއިން މުހިންމު ހެކިތައް ހުށަހެޅުމެވެ.

އަޑުއެހުމުގައި ފާރިސްގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ފާރިސްއާ އެކު މި ހަފުތާގައި ބައްދަލުވުމެއް ބާއްވައި ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އެދުމުން އެ ފުރުސަތު ދީފައި ނުވާ ކަމަށެވެ. އެހެންވެ، ފާރިސްއާ މަޝްވަރާ ކުރައްވަން ބޭނުންވާތީ އަޑުއެހުން ފަސްކޮށް ދިނުމަށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އަރިހުން ޝަމީލް އެދިވަޑައިގެންނެވި އެވެ.

މި މައްސަލައިގައި ފާރިސް ވިދާޅުވީ އަޑުއެހުން އޮންނަ ކަން އެނގިވަޑައިގަތީ މިއަދު ހެނދުނު ކަމަށާއި ކޯޓުގައި އޮތީ ކޮން މައްސަލައެއްކަން ކަރެކްޝަންސްގެ ފަރާތުން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އޭނާގެ މައްޗަށް ދައުލަތުން ބޮޑެތި ތުހުމަތުތަކެއް ކުރާކަން ފާހަގަކުރައްވައި، ފާރިސް ވިދާޅުވީ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ނުބާއްވާތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެހެންވެ، މި މައްސަލަ މުރާޖައާކުރަން ވަގުތު ބޭނުންވާ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ފާރިސް އަށް ވަކީލުންގެ ބައްދަލުވުން ހަމަޖައްސައި ދިނުމަށް ކަރެކްޝަނަލް ސާވިސްގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި މާދާމާ އެ މައްސަލައިގެ އަޑުއެހުމެއް ތާވަލް ކުރައްވާނެ ކަމަށާއި އަޑުއެހުމުގައި އޮންނާނީ ހެކި ހުށަހެޅުން ކަމަށް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި، މީގެކުރިން ބޭއްވި އަޑުއެހުމުގައި 47 ހެކިންގެ ހެކި ބަސް ނުނަގަން ވަނީ ނިންމައިފަ އެވެ. އެއީ ގިނަ އަދަދަކަށްވުމާއި ހުރިހާ ހެކިން ހާޒިރުކުރަން އުނދަގޫވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެންމެ މުހިންމު ހެކިން ހުށަހުމަށް ފުރުސަތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ޝަމީލް ވިދާޅުވީ ހެކިން ކަނޑައެޅުމަށް ގާޒީ ދެއްވީ އެންމެ އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ. އަދި އަޑުއެހުން އަންނަ ހަފުތާގެ ދުވަހަކަށް ފަސް ކޮށް ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ސަބަބެއްގެ ގޮތުގައި ޝަމީލް ވިދާޅުވީ ފާރިސް، މާފުށީ ޖަލުގައި ހުންނަވާއިރު، މި ދުވަސްވަރަކީ ރޯދަ މަހަށްވެފައި، ދަތުރުފަތުރު ކުރުމަކީ އުނދަގޫވުމެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ، އަޑުއެހުން ފަސްކުރުމަށް އިއުތިރާޒް ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެހެންވެ، ގާޒީ ވަނީ ދެން އަޑުއެހުން އޮންނަ ތާރީހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެ، އަޑުއެހުން ނިންމަވާލައްވައިފަ އެވެ.

ރިޝްވަތު ދިނުމުގެ ތުހުމަތުގައި މިދިޔަ އަހަރުން ފެށިގެން ހައްޔަރުކޮށްގެން ގެންގުޅުމަށް ފަހު، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހައްޔަރުކުރި ފާރިސްއާ ދެކޮޅަށް ދައުލަތުން ތިން ދައުވާއެއް ކުރެ އެވެ. އެއީ ޝަހްސު އޮޅުވައިލުމުގެ ދައުވާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާ އާއި މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ކުރާ ޓެރަރިޒަމްގެ ދައުވާ އެވެ.