ހަތަރު ބެއިންނާ ބެހުނު 75 އަހަރުގެ މީހާގެ މައްސަލަ ތިނަދޫ ކޯޓަށް

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ، 75 އަހަރުގެ ފިރިހެނަކު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގައި އެ މީހާގެ ދައުވާ ގދ. ތިނަދޫ ކޯޓަށް ފޮނުވައިފި އެވެ.


ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނި ގޮތުގައި ތިނަދޫ ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔުމަށް، އެ ކޯޓަށް މައްސަލަ ފޮނުވީ މި ހަފުތާގަ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހައްޔަރު ކުރި އެ މީހާގެ މައްޗަށް، މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވަނީ ދައުވާކޮށްފަ އެވެ. އެކަމަކު އެ ރަށުގެ ކޯޓަށް ހުށަހެޅި އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް ނުބާއްވަނީސް، މިދިޔަ މާޗު މަހުގެ ފަހުކޮޅު ޕީޖީން ވަނީ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.

ޕީޖީން ކުރިން ބުނި ގޮތުގައި ދައުވާ ނެގީ އެ މީހާގެ އުފަން ރަށުގެ ކޯޓުގައި އެ މައްސަލަ ކުރިއަށް ނުގެންދެވިގެންނެވެ.

އެއްބަނޑު އެއްބަފާ ހަތަރު ކުދިންނާ ބެހުމުގެ އިތުރުން، މީހަކާ އިނދެގެން އުޅޭ އަންހެނަކާ އެކި ފަހަރު މަތިން ޒިނޭ ކުރި މައްސަލައެއްގައި ވެސް އެ މީހާގެ މައްޗަށް ދައުވާ ކުރެ އެވެ.

މި ހަތަރު ކުދިންނާ ބެހުމުގެ ތުހުމަތުގައި، އޭނާގެ އިތުރުން އޭނާ ގެންގުޅޭ ބިދޭސީއަކު ވެސް ހައްޔަރުކުުރި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހާ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމުން މިހާރު އަނެއްކާ ވެސް އޭނާ އުޅެނީ އެ ރަށުގައި ހުންނަ އޭނާގެ ފިހާރަ ހިންގުމުގަ އެވެ.

ރަށުގައި ނުފޫޒު ގަދަ ކަމަށް ބުނާ އެ މީހާ، މީގެ 12 އަހަރު ކުރިއްސުރެ އަންނަނީ އެކި ކުދިންނަށް ޖިންސީ ގޯނާ ކުރަމުން ކަމަށް އޭގެ ތެރެއިން ބައެއް ކުދިން ބުނެ އެވެ. އޭނާ ވަނީ އެ ހަތަރު ބެއިންނާއި އެކުދިންގެ މަންމަ ދިރިއުޅޭ ގެ މަރާމާތުކޮށް، ދިރިއުޅެވޭނެ ގޮތް ހަދައިދީފަ އެވެ. އަދި އެ މީހުން ކައިބޮއި ހެދުމަށް، ދަރަންޏަށް އެއްޗެހި ނަގަނީ އެ މީހާގެ ފިހާރައިންނެވެ. ކުދިންނާ ގުޅުން ހިންގީ އެއީ ސަބަބެއް ކަމަށް ބަލައިގެން ކަމަށް އެ ކުދިން ބުނެ އެވެ.