ފޯނު ނުދިން މައްސަލާގައި އަބްދުﷲ ސައީދާއި އަލީ ހަމީދަށް އިއްވި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

ދާދި ފަހުން މަގާމު ގެއްލުނު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ފޯނު ފުލުހުންނަށް ނުދިން މައްސަލާގައި އެ ބޭފުޅުންގެ މައްޗަށް އިއްވި އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން އެ ބޭފުޅުންގެ ފަރާތްޕުޅުން މިއަދު ހުށަހަޅައިފި އެވެ.


އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މަގާމު މިދިޔަ ހަފުތާގައި ގެއްލުނީ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލައެއްގައި އެ ބޭފުޅުންނަށް އިއްވާފައިވާ އެއް އަހަރާއި ދެ މަހުގެ ޖަލު ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ. އެއީ ކުށެއް ސާބިތުވެގެން ރާއްޖޭގައި އުއްތަމަ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ގެއްލުނު ފުރަތަމަ ފަހަރެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެ ބޭފުޅުން ހައްޔަރުކޮށް، ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި މައްސަލާގައި ކްރިމިނަލް ކޯޓުން މި މަހު އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެވެ.

ތަފާތު ތިން ދައުވާއެއް ސާބިތުވެ، އަބްދުﷲ ސައީދަށް ތިން އަހަރާއި އެއް މަހުގެ ޖަލު ހުކުމެއް މިހާތަނަށް އައިސްފައިވާއިރު، އަލީ ހަމީދަށް ދެ ދައުވާއެއް ސާބިތުވެ، ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. އަދި އެ ބޭފުޅުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތުގެ ދައުވާއެއް ވެސް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ނިންމި ނިންމުމާ އެކު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މަގާމު ގެއްލުނަސް، އެ ބޭފުޅުންގެ ވަކީލުން ބުނަމުން ގެންދަނީ އެ ބޭފުޅުންގެ މަގާމު އަދިވެސް ނުގެއްލޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެ ބޭފުޅުންގެ ވަކީލުން ބުނަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ އެ ކޯޓުގެ ރަޖިސްޓްރާގެ ނިންމުމެއް ކަމަށާއި އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރެވޭނެ ކަަމަށެވެ. ވަކީލުން އެގޮތަށް ބުންޏަސް، ސުޕްރީމް ކޯޓުގެ ނިިންމުމުގައިވާ ގޮތުން އެ ނިންމުން ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

ފޯނު ނުދިން މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ވެސް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. މައުމޫންގެ ފަރާތްޕުޅުން އެ މައްސަލަ އަދި އިސްތިއުނާފެއް ނުކުރެ އެވެ.