ގާނޫނާ އެއްގޮތަށް ހިންގާ ހަރަކާތްތަކަށް ހުރަސްނާޅާނެ ކަމުގެ ޔަގީންކަން ފުލުހުން ދިން: އީސީ

ގާނޫނާ އެއްގޮތަށް ހިންގާ ސިޔާސީ އެއްވެސް ހަރަކާތަކަށް ހުރަސްނާޅާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.


ސިޔާސީ ޕާޓީތަކުން ހަރަކާތްތައް ހިންގަން ފުރުސަތު ދިނުމާ ބެހޭ ގޮތުން އީސީން އިއްޔެ ވަނީ ފުލުހުންނާ ބައްދަލުކޮށްފަ އެވެ. ސިޔާސީ ފަރާތްތަކަށް ހަމަހަމަކަމާ އެކު ހަރަކާތްތެރިވުމުގެ ފުރުސަތު ދިނުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް އީސީން ބުނެ އެވެ.

އެކަމަކު އިއްޔެ ވެސް އެމްޑީޕީން ބާއްވަން އުޅުނު ޕޯސްޓަރު ހިއްޕުމުގެ ހަރަކާތަކަށް ފުލުހުން ވަނީ ހުރަސްއަޅާފަ އެވެ.

"ފުލުހުން ދިން ޔަގީންކަމަކީ، ގާނޫނީ އިމުގެ ތެރެއިން ހިންގާ އެއްވެސް ހަރަކާތަކަށް ހުރަސްނާޅާނެ ކަން. އެކަންކަމާ ބެހޭ ގޮތުން އިއްޔެ މަޝްވަރާކުރެވިގެން ދިޔައީ،" އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ތިން މަސް ދުވަސް ވެފައިވާއިރު، އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ނުދޭކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.

އިދިކޮޅު ޕާޓީތަކަށް މަގުމަތީގެ ހަރަކާތެއް ނުހިންގޭ އިރު ޖަލްސާއެއް ބާއްވަން ވެސް މާލެއިން އެއްވެސް ތަނެއް ސަރުކާރަކުން ދުލެއް ނުކުރެ އެވެ.

އެކަމަކު ވެރިކަން ކުރާ ޕީޕީއެމުން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި ހިންގާ ޑޯ ޓު ޑޯ ފަދަ އެއްވެސް ހަރަކާތަށް ފުލުހުން ހުރަހެއް ނާޅަ އެވެ. އަދި ޕީޕީއެމްގެ ޖަލްސާތައް ބާއްވަން ސަރުކާރުގެ ކޮންމެ ތަނެއް ވެސް ލިބޭ ކަމަށް، އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.