އިބޫއާ އެކު ޖޭޕީން ރަނިންމޭޓަކަށް ނަގާނީ ކާކު؟

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އިއްޔެ އިއުލާންކުރީ، އިދިކޮޅު ކޯލިޝަންގެ ބޮޑު ނިންމުމެކެވެ؛ ރިޔާސީ ކެންޑިޑޭޓު ކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލައްވައި، ރައީސް ޔާމީން ބަލިކުރަން އެމްޑީޕީގެ ކެންޑިޑޭޓަކާއި ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ ބޭފުޅަކު ނެރުމެވެ.


އެ ނިންމުމާ އެކު އިދިކޮޅު ގިނަ ބައެއްގެ ތާއީދު އޮތީ، ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނެރުމަށެވެ. އެކަން އެމްޑީޕީގެ ކޮންގްރެސް އިން މިރޭ ވަނީ ފާސް ވެސް ކޮށްފަ އެވެ.

ދެން އޮތީ ޖުމްހޫރީ ޕާޓީގެ ނިންމުމެވެ. ސިޔާސީ ގޮތުން ނުފޫޒު ގަދަ އެ ޕާޓީގައި، ސިޔާސީ ދާއިރާގައި ތަޖުރިބާކާރު، ތައުލީމީ، އަދި ވެރިކަމަށް ގާބިލް ބޭފުޅުން އެބަ ތިއްބެވި އެވެ. އޭގެ ތެރެއިން، އިބޫއާ އެކު ޖޭޕީން ރަނިންމޭޓަކަށް ހަމަޖައްސާނީ ކޮން ބޭފުޅެއް ހެއްޔެވެ؟

ޖޭޕީގެ ކޮންގްރެސްގައި އަލީ ހުސެއިނާއި މައުސޫމް ބައިވެރިވެވަޑައިގަންނަވަނީ: ނައިބު ރައީސަކަށް ހަމަޖައްސަން ނޮމިނޭޓްކުރާ ލިސްޓުގައި މި ދެ ބޭފުޅުންގެ ނަން ވެސް ހިމެނޭ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޖުމްހޫރީ ޕާޓީން އެ މަގާމަށް އައްޔަންކުރަން، އެ ޕާޓީގެ އާއްމު މެމްބަރުންނާއި ސިޔާސީ ކަންކަމަށް ޝައުގުވެރިވާ މީހުން އަންނަނީ ނަންތަކެއް ހުށަހަޅަމުންނެވެ. އެންމެ ބޮޑަށް ބަހުސްކުރެވޭ ނަންތަކުގެ ތެރޭގައި ގާނޫނު ވަކީލް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ (އައިޝާ) ހިމެނެ އެވެ.

މި ބޭފުޅުންގެ ތެރެއިން އިބޫގެ ރަނިން މޭޓަކަށް ބޭފުޅަކު ކަނޑައަޅާނީ ގާސިމްގެ ލަފަޔާ އެކު، އެ ޕާޓީގެ ކައުންސިލުންނެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި އިދިކޮޅު ކޯލިޝަނަށް އެންމެ ކަމުދަނީ އަލީ ހުސެއިން އެވެ. އޭނާ އަކީ، އަނިޔާވެރިކަމާއި ނާއިންސާފާ ދެކޮޅަށް، ފާޅުގައި ބަސްވިދާޅުވާން ކެރިވަޑައިގަންނަވާ އަދި މިހާތަނަށް ރައްޔިތުންނަށް ތެދުވެރި ބޭފުޅެއްގެ ގޮތުގައި ވެސް އަންނަނީ ސިފަކުރަމުންނެވެ.

ޓުވިޓާގައި އެކަކު ލިއެފައިވާ ގޮތުގައި، ރައީސް ޔާމީން ބަލިކުރަން "އިބޫ އާއި އަލީ ހުސެއިން އަކީ މުޖައްރިބު ފަންޑިތައެކެ"ވެ.

ނައިބު ރައީސަކަށް އަލީ ވަހީދުގެ ނަން ހުށަހަޅައި އެމްޑީޕީގެ އެކްޓިވިސްޓު ލޫކަސް ކޮށްފައިވާ ޓުވީޓެއް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް މައުސޫމަކީ ވެސް ސޯޝަލް މީޑިއާގައި ހިނގާ ނަމެކެވެ.

އޭނާ އަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި ގާސިމް އިތުބާރުކުރައްވާ އަދި ސިޔާސީ ގޮތުން ތަޖުރިބާކާރު، މައުސޫމަކީ އިބޫއާ އެކު ނެރެން އެންމެ ކަމުދާ ބޭފުޅާ އެވެ.

ޖޭޕީ ކޮންގްރެސް ނިންމުމުގެ ހަފްލާގެތެރެއިން-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ފައިސަލަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި، އޭނާއަކީ ދެގޮތެއް ނުވާނެ އަދި ރައްޔިތުންގެ އިޚްލާސްތެރިއެކެވެ. ސިޔާސީ ދާއިރާގައި މިހާތަނަށް އެކަން ސާބިތުކޮށްދީފައިވާ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

ފައިސަލް ނަސީމަށް ތާއީދުކޮށް ކޮށްފައިވާ ޓުވީޓެއް.

ރަނިންމޭޓުންގެ ލިސްޓުގައި ގާސިމްގެ އަނބިކަނބަލުން އައިޝާގެ ނަން ހިމަނުއްވައި، ތާއީދުކުރެއްވީ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ސްލޮޓް ހައްގުވަނީ މިވަގުތު ޖަލު ހުކުމެއްގައި ހުންނެވި ގާސިމް އިބްރާހީމާއި އެމަނިކުފާނުގެ ހިތްވަރުގަދަ އާއިލާ އަށް ކަމަށެވެ. އެހެންވެ އިބޫއާ އެކު އައިޝާ އިންތިޚާބު ކުރަން ތާއީދުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ ތެރެއިން ޖުމްހޫރީ ޕާޓީން ބޭފުޅަކު ކަނޑައަޅައި އިއުލާންކުރުން ދެން މާ ލަހެއް ނުވާނެ އެވެ.

އިދިކޮޅު ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓު ކަނޑައަޅަން ޕާޓީތަކުގައި އުފެދުނު ޚިޔާލުތަފާތުވުންތައް ހައްލުވެ، މިހާރު އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ ޖޭޕީން ދައްކާނެ ރަނިންމޭޓަކަށެވެ. އެއީ، އަނެއްކާވެސް ސިޔާސީ މަސްރަހުގައި ޝައުގުވެރި ނިންމުމަކަށް ވާނެ އެވެ.