ރައީސް ޔާމީނަށް ވޯޓު ނުދޭނީ ގައުމުގެ އަދުއްވުން: އަބްދުއްރަހީމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ނުދޭނީ ގައުމުގެ އަދުއްވުން ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ލ. ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އިފްތިތާހު ކުރުމަށް މި ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަނީ ރައީސް ޔާމިން ގެންނެވި ތަރައްގީ ކަމަށާއި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް "ވިއްކަން" ވަރަށް ބައިވަރު ވާހަކަ ހުރި ކަމަށެވެ.

"އިދިކޮޅު މީހުން އަޅުގަނޑުމެންނާ ކުރެވޭނެ ޖަދަލެއް، ދެއްކޭނެ ހެއްކެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ފޮނަދޫގައި ހިންގި ތަރައްގީގެ އެއްވެސް މަޝްރޫއެއް ފެންނާކަށް ނެތެވެ. އެކަމަކު، ރައީސް ޔާމީންގެ ސަރުކާރުން ފޮނަދޫގެ ތަރައްގީ އަށް 700 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ފޮނަދޫ އަށްވުރެ ރައީސް ޔާމީނަށް އެއްވަނަ ހޯދައިދޭން ހައްގު އެހެން ރަށެއް ރާއްޖޭގައި ނޯންނާނެ. އާބާދީގެ ނިސްބަތަށް ބަލާއިރު މިހާ ބޮޑު ކުރިއެރުމެއް ހޯދި އެއްވެސް ރަށެއް ނޯންނާނެ. އެއީ ރައީސް ޔާމީންގެ ހިތްޕުޅުގައި މި ރަށާ މެދު އޮތް ޝައުގުވެރިކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ފާޑު ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ އިބޫ މަޖިލީހުގައި މަސައްކަތް ކުރައްވާތާ އެތައް އަހަރެއްވީ އިރު، މައިނޯރިޓީ ލީޑަރަކަށް ހުންނަވައިގެން މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރައްވާފައި ނުވާ ކަމަށެވެ.

އެހެންކަމުން އިބޫ އަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތް މަސްއޫލިއްޔަތުތައް އަދާ ކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބު ގާތްވަމުން އަންނަ އިރު މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެ އަށް އައިސްފައި ހުރި ބަދަލުތަކާ މެދު ފުންކޮށް ވިސްނައި، އަންނަ ދައުރުގައި އާ މީހަކު ތަޖުރިބާ ކުރާ ބަޔަކަށް ދިވެހިން ވެގެން ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ކުރިއަށް ދާންވީ ތަޖުރިބާކާރަކާ އެކުގައި ކަމަށެވެ.

ރައީސް ޔާމީންގެ ތަޖުރިބާއާ ދޭތެރޭ ސުވާލު އުފައްދާނެ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށާއި ރައީސް ޔާމީން ފަދަ ބޭފުޅަކު ރިޔާސީ އިންތިހާބަށް ކުރިމަތިލާފައި ވަަނިކޮށް އެމަނިކުފާނާ ވާދަ ކުރަން ނިކުންނަ އެހެން މީހަކަށް އާ ބަސް ބުނާނީ ދިވެހި ގައުމާއި ރައްޔިތުންގެ އަދުއްވުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.