އަބުރުގެ ބިލް މާދަމާ އަށް އެޖެންޑާ ކޮށްފި

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށް ބަހުސް ފަށަން ތައްޔާރުވެއްޖެ އެވެ.


ހަފްތާއެއްގެ މެދުކެނޑުމަކަށް ފަހު މަޖިލީހުގެ ޖަލްސާތައް ފަށާއިރު، އެޖެންޑާގެ ފުރަތަމަ ކަމަކަށް އޮތީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ އަބުރުގެ ބިލުގެ އިބްތިދާއީ ބަހުސެވެ. މިއީ ނޫސްވެރިންނާއި ސިޔާސީ ބޭފުޅުންނާއި ދީނީ އިލްމުވެރިން އެ ބިލަކާ ދޭތެރޭ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި އަދި އާންމުގެ ތެރޭގައި ވެސް ވަރަށް ބޮޑު ބަހުސަކަށް ގޮސްފައިވާ ބިލެކެވެ. މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ ރާއްޖޭގައި ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަން މުޅިން ގެއްލި، ކޮރަޕްޝަންތަކުގެ ވާހަކަ ދެއްކުން މުޅިން ހުއްޓިގެން ދާނެ ކަމަށް ބުނެ، ދުނިޔޭގެ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ ބަޔާންތައް ނެރެފަ އެވެ.

މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް އާންމުކޮށް އޮންނަނީ ތިން ގަޑިއިރުގެ ބަހުސެކެވެ. އެހެންކަމުން މާދަމާ މި ބިލު ބަލައިގަތުމާ މެދު ގޮތެއް ނިންމައި، ބިލު ދިރާސާ ކުރުމަށް ކޮމެޓީއަކަށް ފޮނުވާނެ ކަމަށް ބެލެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އަބުރުގެ ބިލުގެ ބަހުސް މާދަމާ ފަށާނެ. - ފޮޓޯ: މަޖިލިސް

މި ބިލް ގާނޫނަކަށް ވުމުގެ ކުރިން، އެ ބިލްގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އާންމުންް ހޭލުންތެރި ކުރުވުމުގެ ވަރުގަދަ ކެމްޕޭނެއް ވެސް ނޫސްވެރިން އަންނަނީ ހިންގަމުންނެވެ. އަދި އެކިއެކި ފޯރަމްތަކާއި ޓީވީތަކުގައި އެކި ޕްރޮގްރާމްތައް ހަދައި، މި ބިލްގައި ހުރި ކަންބޮޑުވުންތައް އަންނަނީ ހިއްސާ ކުރަމުންނެވެ. ނޫސްވެރިން ކަންބޮޑުވާ މައިގަނޑު އެއް ސަބަބަކީ، މަދަނީ ކުށެއްގެ ގޮތުގައި އޮތް އަބުރާ ބެހުން، ޖިނާއީ ކުށަކަށް ބަދަލުކޮށް ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ ކޮށް ބޮޑެތި އަދަބުތަކެއް ކަނޑައެޅޭ ގޮތަށް އޮތުމުންނެވެ. އަދި ނޫސްވެރިންގެ މައްޗަށް ކުރާ ބޮޑެތި ޖޫރިމަނާތައް ނުދެއްކިއްޖެ ނަމަ، ޖަލު ހުކުމެއް އަންނާނެތީ އެވެ. މި ބިލްގައި ކުށްވެރިވާ މީހާ ކުށްވެރިކުރުމަށް އޮތް މަގުތައް ފުޅާވެ، ކުށުން ސަލާމަތް ވުމުގެ ދޮރު ވަނީ އިންތިހާ އަށް ހަނިކޮށްފަ އެވެ. މިސާލަކަށް، ލިޔާ އެއްޗަކަށް، އެ ރައްދުވާ މީހަކު ޖަވާބު ނުދީފި ނަމަ އެ ލިޔެވޭނެ ގޮތް ނެތުން ކަހަލަ ކަންތައްތައް ހިމެނެ އެވެ. މި ބިލާ އެކު، ނޫސްވެރިކަމުގެ އިތުރުން ސޯޝަލް މީޑިއާ އާއި ޕޯޑިއަމްތަކުގައި ވެސް މިނިވަން ޚިޔާލުފާޅު ކުރުން މުޅިން ހުއްޓިގެން ދިއުމުގެ ބިރު އެބައޮތެވެ.

އަބުރުގެ ބިލު ފަރުމާކޮށްފައި އޮތް ގޮތުން ދައުވާ ކުރުމެއް ނެތި މީޑިއާތަކަށާއި ނޫސްވެރިންނަށް ބޮޑެތި އަދަބުތައް ދިނުމުގެ ބާރު ބްރޯޑްކާސްޓިން ކޮމިޝަނަށާއި މީޑިއާ ކައުންސިލަށް ލިބެ އެވެ. އެގޮތުން އެއްވެސް ތަހުގީގެއް ނުކޮށް، ދެ ތަނުން ނޫސްތަކާއި، ޓީވީތަކާއި ރޭޑިއޯތަކަށް ހަރުކަށި ފިޔަވަޅު އަޅައި ނޫސްވެރިން ބައިލައްކަ ރުފިޔާ އިން ފެށިގެން ދެ މިލިއަނާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ބިލުގައިވާ ގޮތުން ހިޔާލުފާޅުކުރުމުގެ ހަމަތަކާ ހިލާފަށް މީޑިއާއަކުން އަމަލުކޮށްފިނަމަ، އެ މީޑިއާއަށް އިންޒާރުދީ، އެ ދިން އިންޒާރެއް އާންމު ކުރުމާއި ޝާއިއުކުރާ ލިޔުމެއް ނުވަތަ މަންޒަރެއް އަނބުރާ ގެނެސް ބަޔާނެއް އާންމުކޮށް މައާފަށް އެދެން ޖެހޭނެ އެވެ. އަދި ގާނޫނާ ހިލާފުވާ މީޑިއާ، ވަކި މުއްދަތެއް ވަންދެން ސަސްޕެންޑްކުރުމަށް ނުވަތަ ޕްރޮގްރާމް ޝެޑިއުލް ވަކި މުއްދަތެއް ވަންދެން މެދުކަނޑާލަން އެންގޭނެ އެވެ.

އަބުރުގެ ބިލާ ދެކޮޅަށް ނޫސްވެރިން މިދިޔަ ބުދަ ދުވަހުގެ ރޭ މުޒާހަރާ ކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ހަމައެއާއެކު ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާއިން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވަން ވާނެ އެވެ. ބިލުގައިވާ ގޮތުން ކޯޓުން މައްސަލަ ބެލުމަށްފަހު ނޫސްވެރިޔާ ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކުރެވިދާނެ އެވެ.

މީގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު، ގާނޫނުއަސާސީއަށް ހުށަހެޅި ދެ އިސްލާހަކަށާއި އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް މާދަމާ ބަހުސް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.