ފްލެޓަށް އެދި 5،000 މީހުން ފޯމު ހުށަހަޅައިފި

އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ބިޔަ މަޝްރޫއުގެ ދަށުން މިހާތަނަށް 5،000 އާ ގާތް ކުރާ އަދަދަކަށް ފޯމު ހުށަހަޅައިފި އެވެ.


"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ 7،000 ފްލެޓަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވައިލީ މިދިޔަ ޖޫން މަހުގެ ތިނެއްގަ އެވެ. ފްލެޓުތައް 17 ކެޓަގަރީއަކަށް ބަހާލައި ކުރިމަތިލާން ހުޅުވައިލުމުން 43،000 އަށްވުރެ ގިނަ ފޯމު ނަގާފައިވެ އެވެ.

ފްލެޓަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް އޮންނާނެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް ދިނީ ވީހާ ވެސް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމަށް ކަމަށާއި ފޯމު ހުށަހަޅަން ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއުގައި ފްލެޓްތައް ބަހާލާފައިވާ ކެޓަގަރީތައް.

"އެންމެ ފަހު ވަގުތަށް މަޑުކޮށްގެން ނުތިއްބަވާ. އެންމެ ފަހު ދުވަސްކޮޅަށް މަޑުކޮށްގެން ތިބި ނަމަ، ދަތިތަކެއް ދިމާވެދާނެ. އެހެންވީމާ މިހާރުއްސުރެ ފެށިގެން އެ މީހަކަށް ފަސޭހަ ގަޑިއެއްގައި ވީހާ އެންމެ އަވަހަކަށް ފޯމު ހުށަހެޅުމަކީ މުހިންމު ކަމެއް. އެންމެ ފަހު ހަފުތާގައި މިކަން ކުރަން އުޅެފި ނަމަ، ބާރު ބޮޑުވެ، ތަކުލީފްތަކެއް ދިމާވެދާނެ،" ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒީމް ވިދާޅުވި އެވެ.

ފޯމް ބަލައިގަތުމުގެ ކަންކަން ހައުސިން މިނިސްޓްރީން ކުރިއަށް ގެންދަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދު 9:00 ން މެންދުރު ފަހު 3:00 އަށް އަދި ހަވީރު 4:00 ން ހަވީރު 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން ރޭގަނޑު 11:00 އަށް ވެސް ފްލެޓް ފޯމު ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މާލޭ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް، ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދިނުމުގައި ބަލާނެ ކަންކަމާއި ޕޮއިންޓް ދޭ އުސޫލެއް ހަދައި، މާލޭ ދަފުތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފަ އެވެ. އަދި ދަފުތަރުގައި ރަޖިސްޓްރީ ވުމަށް ހުށަހަޅަން ވަކި އޮފީހެއް ހަދައި، ދަފުތަރުގައި ރަޖިސްޓްރީވާ މީހުން ފްލެޓަށް އެދޭ ފޯމު އެތަނަށް ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ހައުސިން މިނިސްޓްރީން ހިންގާ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސާރވިސް މުވައްޒަފުންނަށް 1000 ފްލެޓް، އުމުރުން 18- 40 ދެމުދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓް، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް، މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އައިލާތަކަށް 200 ފްލެޓް، ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް އަދި މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތިހާލުގައި އުޅޭ ގޭބިސީތަކަށް ދޫކުރާ 256 ފްލެޓެވެ.