މުޒާހަރާ އިން ހައްޔަރު ކުރި އަމީތު ދޫކޮށްލައިފި

އެމްޑީޕީން މާލޭގައި މިއަދު ހަވީރު ބޭއްވި މުޒާހަރާ އިން ހައްޔަރު ކުރި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ދޫކޮށްލައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ ތެރޭގައި ހިމެނޭ އަމީތު ހައްޔަރު ކުރީ އެމްޑީޕީގެ އޮފީސް ކުރިމަތީގައި ހުންނަވަނިކޮށެވެ. އޭނާއާ އެކު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި އާންމުން އެ ވަގުތު އެ ތަނުގައި ތިއްބެވެ.

އަމީތު ދޫކޮށްލި ކަން ނިންމައި، ފުލުހުން އޭނާ އަށް ދިން ލިޔުމުގައިވާ ގޮތުން އަމީތު ހައްޔަރު ކުރީ މަގުމަތީގައި މީހުން އެއްކޮށް މުޒާހަރާ ކުރުމާ ގުޅިގެންނެވެ.

މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށާއި އިދިކޮޅު ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ގޮވާލައި، އެމްޑީޕީގެ އޮފީސް ކުރިމައްޗަށް އެއްވި މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރީ މަޖީދީ މަގަށް ދިއުމަށެވެ. އެކަމަކު، އެމީހުންނަށް ނުދެވޭނެ ގޮތަށް ފުލުހުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އެހެންވެ، މުޒާހަރާގެ ބައިވެރިން ތިބެން ޖެހުނީ، އެމްޑީޕީ އޮފީސް ކުރިމަތީގަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން މިފަދަ ހަރަކާތެއް ނުބާއްވާތާ ގިނަ ދުވަސްތަކަކަށް ފަހު، ސަރުކާރަށް ޕްރެޝަރުކޮށް، މުޒާހަރާއެއް މި ބޭއްވީ ރާއްޖޭގެ ބައެއް އިސް ވެރިންނާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ކައުންސިލްގެ މާދަމާގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައި ވަނިކޮށެވެ.