ރައީސް ޔާމީންގެ ހއ. އަދި ހދ. ދަތުރުފުޅު ފަސްކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން، ހއ. އާއި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް މާދަމާ ފައްޓަވަން ނިންމެވި ދަތުރުފުޅު، މޫސުން ގޯސްވުމާ ގުޅިގެން ފަސްކުރައްވައިފި އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން މާދަމާ އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ހދ. ހަނިމާދު އާއި ނޮޅިވަރަމަށެވެ. އޭގެ ފަހުން، ހއ. އަތޮޅުން ހޯރަފުއްޓާއި އިހަވަންދު އާއި ދިއްދު އާއި ކެލާ އަދި ބާރަށަށް ވަޑައިގަތުމަށް ވެސް އެމަނިކުފާނު އޮތީ ނިންމަވައިފަ އެވެ.

އެންމެ އުތުރުގެ ދެ އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ޔާމީން ވަޑައިގަންނަވަން ނިންމެވީ، ސަރުކާރުން އެ ދެ އަތޮޅުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުމަށެވެ. އެނގިފައިވާ ގޮތުގައި މޫސުން ރަނގަޅު ނަމަ، ހއ. އާއި ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ރައީސް ޔާމީން ދެން ފައްޓަވާނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނެވެ.

ރައީސް ޔާމީން ހަނިމާދު އަށާއި ނޮޅިވަރަމަށް ވަޑައިގަންނަވަނީ އެ ދެ ރަށުގައި ގާއިމް ކުރި ނަރުދަމާގެ ނިޒާމް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވުމަށެވެ. ހޯރަފުއްޓަށް ވަޑައިގަންނަވަނީ އެ ރަށުގެ ގޮނޑޮދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށެވެ. އިހަވަންދު އަށް ރައީސް ޔާމީން ވަޑައިގަންނަވަނީ އެ ރަށުގައި ގާއިމްކުރި ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވުމަށެވެ.

ރައީސް ދިއްދު އަށް ވަޑައިގެން، އެ ރަށުގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވައި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި މަގު ހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކޮށްދެއްވާނެ އެވެ. އަދި، ދިއްދޫ ގައި ސަރުކާރުން އިމާރާތް ކުރި ހައުސިން ޔުނިޓްތައް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކެލާގެ ނަރުދަމާގެ ނިޒާމު، ރައީސް އިފްތިތާހުކޮށް ދެއްވާއިރު، ބާރަށުގައި ހެދި ފާލަށް ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ވެސް ރައީސް ޔާމީން ވަނީ ނިންމަވައިފަ އެވެ.

ރައީސް ޔާމީން ދާދި ފަހުން ވަނީ މ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ. އެމަނިކުފާނު އެ ރަށްތަކަށް ވެސް ވަޑައިގަތީ، ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރެއްވުމަށެވެ.

ރައީސް ޔާމީން ހއ. އާއި ހދ. އަތޮޅަށް ކުރައްވަން ނިންމެވި ދަތުރުފުޅު ފަސްކުރެއްވި އިރު، އީޔޫގެ ފޮރިން އެފެއާޒް ކައުންސިލްގައި މާދަމާ އޮންނަ ބައްދަލުވުމުގައި ރާއްޖޭގެ އިސް ބައެއް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވަނީ އެޖެންޑާ ކޮށްފަ އެވެ. އެޖެންޑާގައިވާ ގޮތުން ފިޔަވަޅު އަޅާނީ އިންސާނީ ހައްގުތަކަށް އަރައިގަނެ، ގާނޫނު ނެެގެހެއްޓުމަށް ހުރަސް އަޅާ މީހުންނާ މެދުގަ އެވެ.