ވޯޓު ފޮށި ބަހައްޓާ ރިސޯޓުތައް މަދުކުރުމުން އިދިކޮޅު ވެރިން ޝަކުވާތަކާ އެކު އީސީ އަށް

ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ރިސޯޓުތައް މަދުކުރުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް ހަމަޖެއްސުމުން އިދިކޮޅު ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން އެ ކޮމިޝަނަށް ވަޑައިގެން ޝަކުވާ ހުށައަޅުއްވައިފި އެވެ.


ސެޕްޓެމްބަރު، 23 ގައި ބާއްވާ އިންތިޚާބުގައި ޖުމްލަ 452 ވޯޓު ފޮށި ބަހައްޓާއިރު، އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަތް ރިސޯޓެވެ. އެކަމަކު އީސީގެ ވެބްސައިޓުގައިވާ ހިސާބުތަކުން ދައްކާ ގޮތުގައި 2013ގެ ރިޔާސީ އިންތިޚާބުގައި 42 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

ވޯޓު ފޮށި ބަހައްޓަން ނިންމި ރިސޯޓުތަކަކީ ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް އާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި ބަނޑޮސް މޯލްޑިވްސް އާއި ކުރަމަތި އައިލެންޑް ރިސޯޓާއި ޕެރެޑައިސް އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓާއި ކުރެއްދޫ އައިލެންޑް ރިސޯޓެވެ.

އީސީގެ ޝަރީފް، މިއަދު އިދިކޮޅު ބައެއް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުން. - ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ވޯޓު ފޮށި ބަހައްޓާ ރިސޯޓުތައް މަދުކުރުމުން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި އަދާލަތު ޕާޓީގެ ޖެންޑަ އާއި އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ރައީސް އަހްމަދު ނުއުމާން ވަނީ އީސީގެ ރައީސް އަހުމަދު ޝަރީފްއާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފަ އެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް ޝަރީފް އަޑުއެއްސެވި ކަމަށެވެ. އަދި ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ފަހު، ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ޖަވާބެއް ދެއްވަން ޝަރީފް ނިންމެވި ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"ކޮމިޝަންގެ މެމްބަރުން މިވަގުތު މާލެ އިން ބޭރުގައި ތިއްބެވީމަ، ހަމައެކަނި ރައީސް ބައްދަލު ކުރެއްވީ. ރައީސް ވިދާޅުވީ މެމްބަރުން މާލެ ވަޑައިގަތީމަ، ބައްދަލުވުމެއް ބާއްވާފައި، އިދިކޮޅު ފަރާތްތަކަށް ޖަވާބެއް ދޭނެ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.

އީސީގެ ތިން މެމްބަރަކު މިވަގުތު ތިއްބެވީ އިންތިހާބާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގަވަން ރާއްޖޭގެ އެކި ސަރަހައްދުތަކުގަ އެވެ.

އީސީގެ ރައީސް ޝަރީފް، އިދިކޮޅު ބައެއް ބޭފުޅުންނާއެކު މިއަދު ބޭއްވި ބައްދަލުވުން. - ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓު ލާ އިރު އެހީތެރިވާން ހަމައެކަނި އީސީގެ އޮފިޝަލެއް ހުންނަ ގޮތަށް އެ ކޮމިޝަނުން ނިންމުމުންނާއި ވޯޓު ފޮށި ބަހައްޓާ ރިސޯޓުތައް މަދުކުރުމުން ގިނަ ބައެއްގެ ފާޑުކިއުން އީސީ އަށް ވަނީ އަމާޒުވެފަ އެވެ.

މަދު ރިސޯޓުތަކެއްގައި ވޯޓު ފޮށި ބެހެއްޓުމަކީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ އެތައް ހާސް ބައެއްގެ ވޯޓު ލުމުގެ ހައްގު ގެއްލޭނެ ނިންމުމެއް ކަމަށް، އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ކުރީގެ އިންތިހާބުތަކުގައި ވޯޓު ލާން 100 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި ނަމަ އެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަ އެވެ. އެކަމަކު މިހާރުގެ އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ 250 އަށް ވުރެ ގިނަ މީހުން ވޯޓު ލާން ރަޖިސްޓްރީކުރާ ރިސޯޓްތަކުގައި ނޫނީ ވޯޓު ފޮށި ނުބަހައްޓާ ގޮތަށެވެ.

ކުރިން އޮންނަ އުސޫލަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފާހަގަ ޖަހައިދެނީ އޭނާގެ އެހީތެރިއަކަށް ހަމަޖައްސާ މީހެކެވެ. އެކަމަކު މި ފަހަރުގެ އިންތިހާބަށް އީސީން ގެންނަމުން ދާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެދިނުމުގެ ފުރުސަތު ހަމައެކަނި އީސީގެ އޮފިޝަލުންނަށް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.