ގޭޓްވޭގެ ބަދަލުގައި ހުޅުމާލެއަށް އިންޓަނޭޝަނަލް އާ ސްކޫލެއް ގެންނަނީ

ސްރީ ލަންކާގެ ގޭޓްވޭ ސްކޫލާ އެކު ހެދި އެއްބަސްވުން އުވާލުމަށް ފަހު ހުޅުމާލޭގައި އިންޓަނޭޝަނަލް އާ ސްކޫލެއް ހިންގަން ކޮލިޓޭޓް އެޑިޔުކޭޝަނުން ނިންމައިފި އެވެ.


ކުރިން ފަރީދިއްޔާ ސްކޫލް އަދި އޭގެ ފަހުން ލާލޭ އިންޓަނޭޝަނަލް ސްކޫލް ހުރި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ދިގު މުއްދަތަކަށް އެޑިޔުކޭޝަން މިނިސްޓްީން 2016 ގައި ކޮލިޓޭޓް އެޑިޔުކޭޝަނާ ހަވާލުކުރުމުން އެ ކުންފުނިން އެއްބަސްވުން ހެދީ ގޭޓްވޭ ސްކޫލާ އެވެ.

ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު "މިހާރު" އަަށް އިއްޔެ ވިދާޅުވީ ގޭޓްވޭއާ އެކު ވެފައިވާ އޮތް އެއްބަސްވުން އުވާލައި އަންނަ އަހަރުން ފެށިގެން ގްރޭޑް 1-10 އަށް ކިޔަވައިދޭނީ "ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް"ގެ ނަމުގައި ސިންގަޕޫރުގެ އިރުޝާދު ޓްރަސްޓާ ގުޅިގެން ކަމަށެވެ.

އިސްލާމީ ތައުލީމް ފޯރުކޮށްދޭ އިރުޝާދު ޓްރަސްޓުން އޭޝިޔާގެ އެކި ގައުމުތަކުގައި 29 ސްކޫލެއް މިހާރު ވެސް ހިންގާ ކަމަށް މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގޭޓްވޭއާ އެކު ވީ 25 އަހަރުގެ އެއްބަސްވުން ބާތިލްކުރަން ނިންމީ ދެ ފަރާތުން އެއްބަސްވެގެންނެވެ. ސްރީ ލަންކާގެ ކުންފުންޏާ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިރުޝާދު ޓްރަސްޓާ އެކު ކޮލިޓޭޓް އެޑިޔުކޭޝަނުން ހެދި އެއްބަސްވުން 23 އަހަރަށް ދެމިގެންދާނެ އެވެ.

"ބެލެނިވެރިންގެ އުއްމީދުތަކެއް އެބަހުރި. އެހެންވެ އެ އުއްމީދުތަކާ އެއްވަރަށް 21 ގަރުނަށް ފެތޭ، ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭން ވެގެން ސިންގަޕޫރުގެ ސްކޫލެއް ގެނައީ،" ރާއްޖޭގެ ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލްކަން ކުރިން ކުރައްވާފައިވާ މޫސަ ވިދާޅުވި އެވެ.

"ރާއްޖޭގެ އެހެން ސްކޫލުތަކުގައި ކިޔަވަައިނުދޭ ތަފާތު މާއްދާތައް ދަރިވަރުންނަށް ކިޔަވައިދެވޭނެ. އަދި ބައިނަލްއަގުވާމީ އެކި މުބާރާތްތަކާއި ތަފާތު ޕްރޮގްރާމްތައް ވެސް ދަރިވަރުންނަށް ފަހިކޮށްދީ، ބައިނަލްއަގުވާމީ އެކްސްޕޯޝާ ދެވިގެންދާނެ."

ކޮލިޓޭޓް އެޑިއުކޭޝަނުން މިހާރު ވަނީ ސްކޫލް ހިންގަން އަލަށް ހަވާލުވާ ކުންފުނިން އެ ތަނަށް ގެންނާނެ ބަދަލުތަކާ ބެހޭ ގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދޭން ފަށައިފަ އެވެ. އެކަމަށް ގިނަ ބެލެނިވެރިން ހިތްހަމަޖެހޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިންގަޕޫރުގެ ކުންފުނިން ސްކޫލާ ހަވާލުވިޔަސް ފީ އަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. އޭގެ ބަދަލުގައި ދަރިވަރުންނަށް ޓެކްސްޓް ފޮތްތަކާ އެކު އީ-ބުކްސް ލިބިގެންދާނެ ކަމަށާއި މުޅި ސްކޫލު ތެރެ ވައިފައި ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

މޫސަ ވިދާޅުވީ ބްރައިޓްވޭ ސްކޫލްގެ އިސް ވެރިންގެ ގޮތުގައި ހަމަޖައްސާނީ ސިންގަޕޫރުގެ ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ކަމަށެވެ. އެގޮތުން ޕްރީ ސްކޫލާއި ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑުތައް ވަކިކޮށް، އެތަންތަނަށް ހާއްސަ ޕްރިންސިޕަލުން ވެސް ތިބޭނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ހުރެގެން ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ މަގުސަދު. އެއާ އެކު ރާއްޖެއަށް ސިންގަޕޫރުގެ ތައުލީމް ފޯރުކޮށްދެވޭނެ،" މޫސަ ވިދާޅުވި އެވެ.