އިބޫ ހޮވިއްޖެ ނަމަ ނަޝީދު އަލުން ވެރިކަމަށް ގެންނާނެ: އަޒްލީން

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވެރިކަން ލިބިއްޖެ ނަމަ، އޭނާގެ ނައިބަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންނަވައި އެމަނިކުފާނަށް ވެރިކަން ދިނުމަށްޓަކައި އިބޫ އިސްތިއުފާ ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.


ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް، ޕީޕީއެމުން މާލޭގައި ހެދި "އަތޮޅު ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ، އިދިކޮޅު ހަރަކާތަކީ "ލާދީނީ" ކަމެއް ކަމަށެވެ.

ނުސީދާ ގޮތެއްގައި އަޒްލީން ފާޑުވިދާޅުވީ، ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް ކުރުމުން ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދަށެވެ. އެމަނިކުފާނު ފަހަކަށް އައިސް އުޅުއްވަނީ ސްރީ ލަންކާގަ އެވެ.

އަޒްލީން ތުހުމަތު ކުރެއްވި ގޮތުގައި، އިދިކޮޅު ހަރަކާތުގެ ބޭނުމަކީ ނަޝީދު އަލުން ވެރިކަމަށް ގެނައުމެވެ. އަދި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ އަށް ވެރިކަން ލިބިއްޖެ ނަމަ، އޭނާގެ ރަނިންމޭޓް ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމް މަގާމުން ދުރުކުރާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.

"...އެ ހިސާބުން އޮޓޮމެޓިކް ކޮށް ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނާނެ،" އަޒްލީން ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި އަޒްލީން ވާހަކަ ދައްކަވަނީ، އިދިކޮޅު ކެންޑިޑޭޓުންނަށް ތުހުމަތުތަކެއް ކުރެއްވި.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އޭނާ ވިދާޅުވީ، ނަޝީދަށް އަލުން ވެރިކަން ހޯދައިދިނުމަށް ފަހު، "ޑީލް" ތައް ހަދައި ނައިބު ރައީސަކަށް ގެންނާނީ އިބޫ ކަމެއް ނުވަތަ އެހެން ބޭފުޅެއް ކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި، ދައުރުގެ މެދުތެރޭ ގައި އިންތިޚާބެއް ބޭއްވުމަށް ނިންމާފައިވާކަން ފާހަގަ ކުރައްވައި އަޒްލީން ވިދާޅުވީ، އެއީ 18 މަސް ދުވަހު ވެރިކަން ކުރަން އަންނަ ވަގުތީ ބައެއް ކަމަށެވެ.

"އެ ފަދަ ބަޔަކަށް ރައްޔިތުންނަށް ވެވޭނެ އެއްވެސް ވައުދެއް ނޯންނާނެ. އެ ފަދަ ބަޔަކަށް ރައްޔިތުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އެ ފަދަ ބައެއްގެ އެއްވެސް ތަސައްވުރެއް ނޯންނާނެ،" މަޖީދީ މަގުގައި ކުރިން ސޯސަން ސްޓޯރު ހިންގި ތަނުގައި ހަދާފައިވާ ޕީޕީއެމްގެ ޖަގަހަ ހުޅުވުމުގެ ހަފުލާގައި އަޒްލީން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ނޫން އެހެން ބޭފުޅަކށް ވޯޓު ދިނުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެ، އިދިކޮޅު ހަރަކާތްތަކަކީ "ލާދީނީ" ކަމެއް ކަމަށް އަޒްލީން ތަކުރާރުކޮށް ވިދާޅުވި އެވެ.