ނަރުހުންގެ އެލަވަންސްތައް ކަނޑައެއް ނުލަން: އައިޖީއެމްއެޗް

އައިޖީއެމްއެޗުގެ ނަރުހުންގެ ބައެއް އެލަވަންސްތައް ކަނޑާލަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ ކަމެއް ނުކުރާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.


ސަރުކާރުގެ މައި ހޮސްޕިޓަލްގެ ނަރުހުންނަށް މިހާރު ދެމުން އަންނަ ބައެއް އެލަވަންސްތައް ކަނޑާލަން އެ ތަނުން ނިންމާފައިވާ ކަމަށް ބުނެ މީޑިއާ ގައި އިއްޔެ އާއްމުކުރި ޚަބަރާ ގުޅިގެން، އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސިވިލް ސާވިސް ކޮމިޝަނުން ކަމާ ބެހޭ އިދާރާތަކާ އެކު، ނަރުހުންގެ މަސައްކަތުގައި ފަންނީ ގޮތުން ކުރިއަށް ދެވޭނެ އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގައި އައިޖީއެމްއެޗުން ވެސް ބައިވެރިވާ ކަމަށް ބަޔާނުގައި ވެ އެވެ.

"މި އޮނިގަނޑު ރާވާފައިވާ ގޮތުގެ އަސާސަކީ ނާސިން ދާއިރާތަކުން ފަންނީ ގޮތުން ކުރިއަށް ދިއުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމާއި ނަރުހުން ކޮށްދެއްވާ ބުރަ މަސައްކަތްތަކާ އެކަށޭނަ މުސާރައެއް ހަމަޖެއްސުމާއި މާލީ އިނާޔަތުގެ ގޮތުގައި ލިބެމުންދާ އަދަދު ވެސް އިތުރު ކޮށްދިނުން. ޕްރޮފެޝަނަލް އޮނިގަނޑުތައް ރޭވުމާއި އެކުލަވާލުމުގައި ސިވިލް ސާވިސް ކޮމިޝަނުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން ވަކި އުސޫލްތަކެއް ގެންގުޅޭ،" އައިޖީއެމްއެޗުން ބުންޏެވެ.

"މި އުސޫލްތަކުގެ ސަބަބުން ދާއިރާގެ އެކިއެކި ފަންނީ ގިންތި ތަކުގައި ހުރި ފަރަގުތައް އިސްލާހު ކުރެވި، އެއް ހަމައަކުން ހުރިހާ މުވައްޒަފުންނަށް އަމަލު ކުރެވޭނެ މަގު ފަހިވެގެންދާ ކަމަށް މި ހޮސްޕިޓަލުން ގަބޫލުކުރަން."

އައިޖީއެމްއެޗުން ބުނިގޮތުގައި، ނަރުހުންގެ އޮނިގަނޑުގެ މަސައްކަތްތައް ނިންމައި ތަންފީޒު ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އައި ނަމަވެސް އެ އޮނިގަނޑު ފާސްކުރަން ޖެހެ އެވެ. އަދި ނަރުހުންގެ މުސާރަ އާއި އިނާޔަތްތަކަށް އަންނަ ބަދަލުތައް ނިންމައި އެކަން ސިވިލް ސާވިސް ކޮމިޝަނުން އަދި އަންގާފައި ނުވާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. އެހެންވެ، އެކަމާ ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތު ލިބޭސީ ސިވިލް ސާވިސް ކޮމިޝަނާއި ހެލްތު މިނިސްޓްރީން ކަމަށް ދެކޭ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ އެއީ، ސިވިލް ސާވިސް ގައި ހިމެނޭ އިދާރާ އަކަށް ވާތީ އާއި ގިނަ އަދަދެއްގެ ނަރުހުން މަސައްކަތް ކުރާ ތަނަކަށް ވާތީ އެ ތަނުން އަންނަނީ އެކަމާ ގުޅޭ ފަންނީ ލަފައާ އެކު ހުރިހާ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ނަމަވެސް، ނަރުހުންނަށް ދެމުން އަންނަ އެއްވެސް އިނާޔަތެއް ކަނޑައިލަން އައިޖީއެމްއެޗުން ނިންމާފައި ނުވާ ކަމަށް އެތަނުން ބުންޏެވެ.