އެސްޓީއޯއިން ކުރާ ވިޔަފާރީގެ ބޮޑު ބައެއް ދޫކޮށްލާނަން: އިބޫ

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި އެސްޓީއޯއިން ކުރާ ވިޔަފާރިތަކުގެ ބޮޑު ބައެއް އާންމު ވިޔަފާރިވެރިންނަށް ދޫކޮށްލާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ ސެޕްޓެމްބަރު، 23ގައި، ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ބ. އަތޮޅުގެ ނުވަ ރަށަކަށް ކުރައްވާ ކެމްޕެއިނު ދަތުރެއްގައި އޭދަފުއްޓަށް ވަޑައިގެން އިބޫ ވިދާޅުވީ އެބޭފުޅުންގެ ސިޔާސަތަކީ ސަރުކާރުން ވިޔަފާރިއާ ދުރަށް ދިއުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިޔަފާރީގެ ސިޔާސަތަކީ ސަރުކާރުން ވިޔަފާރިއާ ދުރަށްޖެހުން. ހަމައެއާއެކުގައި ރައްޔިތުންނަށް ވިޔަފާރި ކުރެވޭނެ އުސޫލުތައް، ފަސޭހަ ގޮތްތައް ގާއިމްކޮށްދިނުން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ސިޔާސަތަކީ ހަމައެކަނިި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ކުރަންޖެހޭ ވިޔަފާރި ސަރުކާރުން ކުރުމެވެ.

"އެސްޓީއޯއިން ކުރަމުންދާ ވިޔަފާރިތަކުގެ ތެރެއިން ބޮޑު ބައި އާންމު ވިޔަފާރިވެރިންނަށް ދޫކޮށްލާނަން. އެސްޓީއޯއަކީ ހަމައެކަނި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ދައުލަތެއްގެ ފަރާތުން ރައްޔިތުންނަށް ކޮންމެހެން ކުރަންޖެހޭ ކަންތައް ކުރުމަށް ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި އަޅުގަނޑުމެން ބަދަލު ކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން މީރާއަކީ ހަރުދަނާ އުސޫލެއް ނެތި ޓެކްސް ނަގާ އޮފީހެއްގެ ބަދަލުގައި ގާނޫނަކުން ފާސްކޮށްގެން ޓެކްސް ނަގާނެ އޮފީހެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި ޓެކްސްގެ ނިޒާމަށް ގެންނަ ބަދަލުން މީރާއަކީ ވިޔަފާރިވެރިން ބިރުގަންނަ ތަނެއްގެ ގޮތުގައެއް ނޯންނާނެ. މީރާއަށް ބޭނުންހާ ގަވާއިދުތަކެއް ހަދައިގެން ވިޔަފާރިވެރިން މަޖުބޫރުކޮށްގެން ޖޫރިމަނާތަކެއް ނުކުރެވޭނެ. ރައްޔިތުންގެ އަތުން ނަގަންޖެހޭ ފައިސާއެއް ނަމަ ނަގަންޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނަކުން. އެއީ ގާނޫނު އަސާސީ ދަންނަ އުސޫލަކީ،" އިބޫ ވިދާޅުވި އެވެ.

މީރާއިން ގެންގުޅޭ އުސޫލުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެގެންދާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ރޫޅި ބަނގުރޫޓުވެގެންދާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަނީ. ޓެކްސް ކަލެކްޓް ކުރާ އޮފީހުން ޓެކްސްގެ ނިޒާމް އޭގެ ނުހައްގުން ގޮތުގައި ބޭނުންކޮށް މަޖުބޫރުން އެތައް ޖޫރިމަނާއެއްކޮށް ކުދި ވިޔަފާރިތައް ދަށްވެފައި ބަނގުރޫޓުވެގެންދާތަން އަޅުގަނޑުމެންނަށް ފެންނަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ހަމަ މިއަދު މިއަތޮޅު މާޅޮހަށް ވަޑައިގެން ރަށު ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށަށް ކައިރީގައި ހުންނަ ފަޅު ރަށްތައް ބަދަލު ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ކައުންސިލްތަކަށް ހިންގުމުގެ ބާރު ދިނުމުގެ އިތުރުން މާލީ ގޮތުން ތަނަވަސްކަން ލިބޭ ގޮތަށް އަޅުގަނޑުމެންގެ ތަސައްވަރުގައި އޮންނާނެ. އެގޮތުން ކައިރީގައި ހުރި ފަޅު ރަށްތަކުގެ ބެލެނިވެރިކަން ނޫން ނަމަ އެ ރަށްތަކުން ލިބޭ އާމްދަނީ ކައުންސިލަށް ލިބޭނެ ނިޒާމެއް އަޅުގަނޑުމެން ގާއިމް ކުރާނެ،" އިބޫ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓުދިނުމުގެ ހައްގު ލިބެ އެވެ. އަދި ރާއްޖެ އަދި ބޭރުގެ ބައެއް ގައުމުތަކުގައި 490 ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.