ޕީޕީއެމް ރިފޯމް ކުރަން އެއްޗެއް ނޯންނާނެ: ރައީސް ޔާމީން

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގައި ރިފޯމް ކުރާނެ އެއްޗެއް ނޯންނާނެ ކަމަށާއި އެ ޕާޓީން ރިފޯމް ގެންނަން ބޭނުންވާ ހުރިހާ ކަމެއް ފަލްސަފާގައި ލިޔެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ މުސްތަޝާރު، ރައީސް ޔާމީން އެހެން ވިދާޅުވީ، ކުރީގެ ރައީސް އަދި އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ފެއްޓެވި އިސްލާހީ ހަރަކާތުގެ ސަޕޯޓަރުން، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، "މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)" ގެ ނަމުގައި ހަރަކާތްތެރިވާން ފަށާފައިވަނިކޮށެވެ. މައުމޫންގެ ފެކްޝަނުން މިހާރު މަސައްކަތް ކުރަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެންނެވެ.

ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް އެރުއްވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމްގެ ވިސްނުން، "ކަރުދާސްތަކުގައި" އޭރު ލިޔެފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ފަލްސަފާ އަށް އެއްވެސް ބަދަލެއް ނުވަތަ ފަނޑުވުމެއް ނާންނަ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ޝަހީމް (ކ-2) ދިދަ އެއް ހިފަހައްޓައިގެން. - ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކޮން އެއްޗެއްތޯ ރިފޯމް ކުރަން އޮތީ؟ ނޯންނާނެ ރިފޯމް ކުރެވޭނެ އެއްޗެއް،" ރައީސް ވިދާޅުވި އެވެ.

ޕީޕީއެމް ރިފޯމް ކުރަން މަސައްކަތް ކުރައްވާ ބޭފުޅުން، ރިފޯމް ކުރަން އުޅެނީ ކޮން ކަމެއްތޯ ހިތަށް ގެންނަން ވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ޕީޕީއެމުން ބަޔަކު ނުކުމެގެން ގޮސް، ރިފޯމް ކުރާ ވާހަކަ ދެއްކުމުން، "ކަނޑާ ވެސް ހިނި ވެސް އަންނަ ގޮތަށް އެއްޗެހި" އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމް އުފެއްދުމަށް އޭރުގެ ޕާޓީގެ ރައީސްގެ މައުމޫން ހައެއްކަ މަސް ވަންދެން މަޝްވަރާ ކުރެއްވި އިރު، އެ މަޝްވަރާ މަޖިލިހުގައި ތިއްބެވި ހަތް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ އެމަނިކުފާނެވެ. އެ ހަތް ބޭފުޅުންގެ ތެރެއިން ވެސް ޕީޕީއެމްގައި މިއަދު ހުންނެވި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ލަޝްކަރަކީ ބަދަހި ލަޝްކަރަކަށް ހެދުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުފުޅު ކުރެއްވީ ވެސް އެމަނިކުފާނު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ، މިއުޅެނީ ޕީޕީއެމްގެ ސިޔާސަތުތަކަށް ބަދަލު އައިސްގެނެއް ނޫން. ޕީޕީއެމްގެ ފިކުރަށް ބަދަލު އައިސްގެނެއް ނޫން މިއުޅެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ "އޮޑިން ފުންމާލައިގެން" ދިޔަ މީހުންނަކީ ކޮންމެވެސް މުހުތާދެއް ނުވަތަ އަމިއްލަ އެދުމެއް ފުއްދުމަށާއި ސިޔާސީ ކުރު މަގު ހޯއްދަވަން ބޭނުންވެފައި ތިއްބެވި ބޭފުޅުންތަކެކެވެ. އަދި ވިދާޅުވީ، ޕީޕީއެމަށް ގެއްލުން ދިނީ، ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުނު މީހުން ކަމަށެވެ. އެކަން ކުރީ އިދިކޮޅު ފަރާތްތަކުން ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސަރުކާރުގައި އެތައް ވަޒީރުން ބަދަލު ކުރަން ޖެހުނު. އެއީ ހަމަ ގައިމުވެސް އެމްޑީޕީގެ ވަޒީރުން ނަގައިގެނެއް ނޫން،" ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ދިވެހިން ކުރިމަތިލާން މިއުޅެނީ އިންތިޚާބަކާ ނޫނެވެ. މިހާރު މި ކުރިމަތިލަނީ ގައުމީ މަސްއޫލިއްޔަތަކާ ކަމަށާއި މިއީ ދިގު ރާސްތާ އަކަށް ދަތުރު ކުރުމަށް ދިވެހިންގެ ކެރުންތެރިކަމާއި ފޯރުންތެރިކަމާއި ބަހާތައް ރައްކާތެރިކޮށްދޭން ކުރާ އިމްތިހާނެއް ކަމަށް ވިދާޅުވި އެވެ. އެހެންވެ، އިހްލާސްތެރި ވާން ޖެހޭ ވަގުތު އައިސް ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް ވަރުގަދަ ވަނީ އެ ޕާޓީގެ އާންމު މެމްބަރުން ކުރާ އިތުބާރުގެ ސަބަބުން ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ޕީޕީއެމްގެ ފިކުރު ތަންފީޒު ކުރުމަށް ކަމަށާއި އެ ޕާޓީގެ މެމްބަރުން ޕާޓީ އަށް އިތުބާރު ކުރާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ "ލަގަން" އެމަނިކުފާނު ހިއްޕަވައިގެން ހުންނެވިހާ ހިނދަކު، އެ ޕާޓީގެ އަސާސްތަކާ ހިލާފުވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ޕީޕީއެމުން މަސައްކަތް ކުރަނީ ގައުމިއްޔަތުގެ ރުކުންތައް ސަލާމަތް ކުރުމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޕީޕީއެމްގެ އޮޑިން ބަޔަކު ފުންމާލި ކަމަށް ރައީސް ވިދާޅުވިއިރު، އިސްލާހީ މަސައްކަތްޕުޅު މައުމޫން، ފެއްޓެވީ، ޕީޕީއެމްގެ ރައީސްގެ ގޮތުގައި ހުންނަވައިގެންނެވެ. ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންނާއި ގައުމަށް ގެއްލުންވަމުންދާ ކަަމަށް ވިދާޅުވެ، ފެއްޓެވި އިސްލާހީ މަސައްކަތްޕުޅު ޕާޓީ ތެރެއިން ކާމިޔާބު ނުވުމުން، އިދިކޮޅު ފަރާތްތަކާ މައުމޫން ވަނީ ގުޅިވަޑައިގެންފަ އެވެ.

މައުމޫނާއި ރައީސް ޔާމީނާ ދެމެދު ހިޔާލު ތަފާތުވުން އުފެދި މައުމޫން ޕާޓީން ވަކި ކޮށްފައި ވަނީ 2016 ގަ އެވެ.

ގައުމު އިސްލާހު ކުރުމުގެ ނަމުގައި، އިދިކޮޅު ޕާޓީތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދެވި މައުމޫން ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ މައްޗަށް މިހާރު ވެސް އަދުލު އިންސާފު ގާއިމު ކުރަން ހުރަސް އެޅުއްވި ކަމުގެ ދައުވާ ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ.