ރައީސް ޔާމީނާ، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި، އެމަނިކުފާނުގެ ސަޕޯޓަރުންނަށް އަތްޕުޅުން ހަނާ އަޅުއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
30 ޖުލައި 2018 - 01:38
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ، އެ ކަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ އެދިވަޑައިގެންފި އެވެ.
ސެޕްޓެމްބަރު 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް ރަސްމީކޮށް އެރުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯ އަށް ބަލާއިރު، ރާވާފައި ހުރީ ކުރިން ވެސް އެ ޕާޓީގެ ވެރިކަމުގައި ކުރަން ރޭވި ކަންކަން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި މި ފަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ބޭފުޅުން ނުކުމެވަޑައިގަންނަވަން ވާނީ ހަމައެކަނި އެމްޑީޕީގެ މީހުންނަށް ވެރިކަންކޮށް ދޭކަށް ނޫނެވެ. އޭގެ ބަދަލުގައި، އެބޭފުޅުން "ތާހިރު" ވާން ޖެހޭ ކަމަށާއި ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަން ޖެހޭ ވަރު ކަމެއް އޮތް ނަމަ، އެ ކަން ކުރައްވަން ވެސް ކެރިވަޑައިގަންނަވަން ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިބޫ ކުރައްވާ ދަތުރުގެ ތެރެއިން ރަށެއްގެ އަތިމަރިމަތީގައި އެލުވާލާފައި ހުރި ޖޯއްޔެއް އުނދޯޔެއް ގައި އިށީނދެވަޑައިގެން: އިބޫ އަށާއި އެމްޑީޕީ އަށް ވެސް ރައީސް ޔާމީން ގިނަ ސުވާލުތަކެއް ރޭ ކުރިމަތި ކުރެއްވި.
ރައީސް ޔާމީން ވިދާޅުވީ، މި ފަހަރުގެ ރިޔާސީ އިންތިޚާބަކީ އެމަނިކުފާނާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބޫއާ ދޭތެރޭގައި އޮތް އިންތިޚާބެއް ނޫން ކަމަށެވެ. މިއީ، ރާއްޖޭގެ މިސްރާބާއި ދިވެހިންގެ ސިފަތަކާއި މަސްލަހަތާއި އިސްލާމް ދީނާއި ގައުމިއްޔަތުގެ ސިފަތަކަށް ބަސް ބުނުމުގެ ހައްގު އޮންނަން ޖެހޭތޯ ބަލަން ނަގާ ވޯޓެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ކަން ކަމަށް ރައްޔިތުން ވިސްނަން ޖެހެނީ. މިއީކީ ރައީސް ޔާމީން، ވަކި ގޮތަކަށް ހުރީމާ، ނޫނީ އިބްރާހިމް މުހައްމަދު ސޯލިހް ވަކި ގޮތަކަށް ހުރީމައެއް ނޫން. މި ހުރިހާ ސިފަތަކަށް (އެމްޑީޕީން) ހިޔާނާތްތެރި ވެފައި އޮތީ ކުރިން،" އެންމެ ބޮޑު އިދިކޮޅު ޕާޓީ އަދި އިދިކޮޅު ކޯލިޝަން ގައި އިސް ދައުރެއް އަދާކުރާ އެމްޑީޕީ އަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އިބޫ އަށާއި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ގިނަ އަދަދެއްގެ ސުވާލުތަކެއް އިބޫ އަށް ކުރިމަތި ކުރައްވައިފަ އެވެ. ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެއް ކަމަކީ އެމްޑީޕީން ރާއްޖޭގެ ހަރު މުދާ ނުވިއްކާނެ ކަން ރައްޔިތުންނަށް ކަށަވަރުކޮށް ދޭން ޖެހޭ ކަމެވެ.
- ރާއްޖޭގެ ހަރު މުދާ ނުވިއްކާނެ ކަން ކަށަވަރު ކޮށްދޭންޖެހޭ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ބަޔަކަށް ވިއްކާލީ ކީއްވެތޯ އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޚަޒާނާ އަށް ލިބުނު އާމްދަނީ ކުޑަވި މައްސަލަ.
- އިސްލާމީ އުސޫލު ކިހާ ވަރުގަދަކޮށް ހިންގިދާނެތޯ؟
- މަރުގެ ހުކުމް ތަންފީޒު ކުރާނެތޯ؟
- އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަންގެ މައްސަލަަތައް ނުބެލި ސަބަބު
- އެމްޑީޕީގެ ނުފޫޒާ އެކު ފެބްރުއަރީ 1 ގެ އަމުރު ސުޕްރީމް ކޯޓުން ނެރުނު ސަބަބު
- ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކަނޑާލި ސަބަބު
- ދައުލަތުގެ ބަޖެޓަށް ވޯޓު ނުދޭ ސަބަބު
- ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަން ކަށަވަރު ކޮށްދިނުން
* މި ހުރިހާ ސުވާލުތަކަށް ވެސް އެމްޑީޕީ ނުވަތަ އިބޫ ޖަވާބު ދެއްވުމަށް ރައީސް ޔާމީން ބޭނުންފުޅު ވަނީ ރައްޔިތުންގެ ކުރިމަތީގައި.
ރައީސް ވިދާޅުވި ގޮތުގައި، ގާނޫނަށް އިހްތިރާމް ކުރުމަކީ ރައްޔިތުން އުފުލަން ޖެހޭ ޒިންމާއެއް ނޫން ކަމާއި ސަރުކާރުގެ ހުރިހާ ކުންފުނިތައް އުވާލާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު، ދިވެހިންނަށް ލިބުނު ތަރައްގީގެ އަސްލަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް އަމިއްލަ ފައިމައްޗަށް ތެދުވެ، މާލީ ގާބިލްކަން ލިބުމެވެ.
ރަށްރަށުގައި ބަނދަރު ހެދުމާއި މަގު ހެދުން ފަދަ ކަންކަން ކުރަން ބޭރުގެ ކުންފުނިތަކާ ހަވާލު ކުރީމާ، "ލާރިކޮޅެއް ނަގާފައި" އެ ކުންފުނިތަކުން އެނބުރި ދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ހައްގު ހޯދަން އަބަދަކު ކޯޓަށް ނުދެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އެބޭފުޅުން ވިދާޅު ނުވޭ ރާއްޖޭގެ ހަރު މުދާ ހުންނާނީ ދިވެހިންގެ އެއްޗެއްގެ ގޮތުގައި ކަން. އެއާޕޯޓު ބޭރު ބަޔަކަށް ވިއްކާލަން ޖެހުނީ ކީއްވެގެން ކަމާއި އޭގެން ރާއްޖޭގެ ހަޒާނާ އަށް އެހާ ކުޑަ އެއްޗެއް ލިބިގެން ދިޔައީ ކީއްވެގެންތޯ [އެމްޑީޕީ އާއި އިބޫ] ސާފުކޮށް ދޭން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން، އިސްލާމީ އުސޫލުތައް ކިހާ ވަރުގަދަ ކަމާ އެކީގައި ހިންގައިދޭނެތޯ އާއި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެތޯ ވެސް އެއީ އެމްޑީޕީ އާއި އިބޫގެ ފަރާތުން ޖަވާބު ލިބެން ޖެހޭ ސުވާލެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ އަށް ޖަވާބު ދެއްވަން ޖެހޭނީ ރައްޔިތުން ކުރިމަތީގައި ކަމަށް ވެސް ރައީސް ޔާމިން ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި އޮތް ސަބަބާއި އެބޭފުޅުންގެ ނުފޫޒު އޮވެގެން ފެބްރުއަރީ 1 ގެ އަމުރު ނެރުއްވީ ކީއްވެގެންތޯ ވެސް ޖަވާބު ދެއްވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް ސިޔާސީ ޕާޓީއެއްގެ ލީޑަރު، އަޅުގަނޑުމެންގެ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް އަތް ބާނާކަށް. އެބޭފުޅުންގެ ވެރިކަމެއްގައި ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަން ކަށަވަރުކޮށް ދޭން ޖެހޭ،" ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ އިތުރުން ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް ރަސްމީކޮށް އެރުވުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާ ގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރައީސް ޔާމީން ވިދާޅުވީ، ސިވިލް ސާވަންޓުންގެ މުސާރަ އިތުރުކޮށްދޭ ވާހަކަ ދައްކާއިރު، އެމްޑީޕީގެ ވެރިކަމުގައި އެ މީހުންގެ މުސާރަ ކަނޑާލީ ކީއްވެތޯ އާއި ރައްޔިތުންގެ މަޖިލިހަށް ބަޖެޓު ހުށަހެޅީމާ އެ އަށް އެމްޑީޕީގެ މެމްބަރުން ވޯޓު ނުދެއްވީ ކީއްވެތޯ ވެސް ސުވާލު ކުރަން ޖެހޭ ކަމަށެވެ. އަދި އިގްތިސާދު ވަރުގަދަ ކުރަން ޖެހޭއިރު، މި ވާހަކަތައް ދައްކާތަން ނުފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ވޯޓު ހޯދަން ބޭނުން ނަމަ، ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަތުމަށް ރައީސް ޔާމީން ވަނީ އިބޫ އަށް ގޮވާލައްވައިފަ އެވެ. އަދި "ފަޅު ގޮވާން ކުރާ ވާހަކަ ދައްކައިގެން" މި ކަހަލަ ބޮޑެތި ރުކުންތަކަށް ޖަވާބު ނުދެއްވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
31 July 2018
އަދި ނެތް ގާނުނުއަސާސީއާ ގާނޫނާހިލާފު އެއްވެސް ކަމެއް މިސަރުކާރން ކޮށްފައެއް.
ބާނީ
31 July 2018
ކޮމެންޓް ތަކުން އިންތިހާބްގެ ނަތީޖާ ވަރައް ސާފް
ސަލިމާ
31 July 2018
އެމްޑީޕީ ގެ މުސާރަ ކައިގެންތިބޭ “ބޮޓުން” ކުރާ ކޮމެންޓަކީ ވޯޓް ނަތީޖާ ދައްކާ އެއްޗެއް ނޫން
ރަންވިއްކާ ކިލެގެ
30 July 2018
ވެރިކަމަށް ހޮވިއްޖެނަމަ ޖަމީލު އަށާއި އަދީބު އަށް ހެދި ގޮތް ނުހަދާނަންތޯ؟ މޮޔަ ގޮވުން ހުއްޓޭނީ ކޮން އިރަކުންތޯ
މުއީޒު
30 July 2018
އަނގައެއް އޮތިއްޔާ ކާޅެއްނުކާނޭ ދިވެހިން ބުނެ އުޅެނީ މިކަހަލަ ހާލަތްތަކުގަ! ޔާމީނު ހަމަ އެއްވެސް ވަރަކަށް ލަދެއްނުގަނޭތޯ އިބޫއަށް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވަން، ހުދު އެމަނިކުފާނު ވެރިކަމުގަ ހިންގި އެމް.އެމް.ޕީ.އާރު.ސީ މައްސަލަޔާ އިތުރު އެތައް ހިޔާނާތާ ސުވާލު އުފެދޭ ކަންކަމަށް ރައީސް ޖަވާބުދާރީ ނުވެ އަދި ޖަވާބު ދާރީ ކުރުވަން ހުރި މުވައްސަސާތަކާ، ކޯޓުތަކާ މަޖިލިސް އަށް ކޮށްލާފަ އެހެރަވަރު އަމިއްލަ އަށް ހިތަށް އަރުވާފަ.
އަތޮޅުގެއިން
30 July 2018
މަނިކުފާނަށް ސުވާލެއް. ދައުލަތުގެ ޚަޒާނާއަށް ވަންނަންޖެހޭ ފައިސާ، ކެޕިޓަލް ވަކިކުރި ވަކި ކުންފުންޏަކަށް ވައްދަންފެށީ ކީއްކުރަންހޭ؟؟؟
ޑެނިސް
30 July 2018
ތިސުވާލުތަކަށް އެންމެ ރަގަޅަށް ޖަވާބު ދެވޭނީ ޔާމިން އަށް.
ހެހެހެ
30 July 2018
ހިތުން ވަރަށް މޮޅު ސުވާލުތަކެއްދޯ ތިޔަ ކުރީ؟ އިބޫ އާއި ސުވާލު ކޮށްލިނަމަ އިބޫގެ ވެރިކަމެއްގައި ވައްކަން ކުރާ މީހުންގެ އަތް ބުރި ކުރާނަންތޯ؟
ފަތައްސީލާ
30 July 2018
ތި ސުވާލުތަކުގެ ޖަވާބު ރައްޔަތުންދޭނަން. ޢިރާދަކުރެއްވިއްޔާ. ޚެއްކޮށްލާ ލޮލުފިޔަވެސް ނުޖަހާ.
އެސް
30 July 2018
އަމިއްލައަށް ސޯޓްބޭލޭއިރުވެސް މިހާރުނޭގޭ ހިސާބަށްދިޔައީ
ހަބީބު
30 July 2018
އިބޫއާއި ކޮއްލަން އަދި އެއްސުވާލު އެބައޮތް. ވެރިކަން ލިބިއްޖެއްޔާ ތަޅާނެ ކުދިންކޮޅެއް ހޯދައިގެން ގޮސް ތަޅާނަންތަ؟
ޖާބިރު
30 July 2018
މަރުގެ ހުކުމް ތަންފީޒު ކުރާނެތޯ؟ ޔާމީނު ވެރިކަމުގަ ރާއްޖޭގެ ހާލަތު ގޯސްވެ ވެރިކަމުގެ ބާރު ދައްވާ ކޮންމެ ދަނޑިވަޅެއްގަ ސިޔާސީ ފައިދާ ނަގަން ދައްކާ ވާހަކައަކަށްވެ، އަމަލު ނުކޮށްހުރެ އެ ސުވާލު އަމިއްލައަށް ކޮށްލިނަމަ އަދި މާ ފުރިހަމަވާނެ!