ގާނޫނުއަސާސީ އަށް 10 އަހަރު: ސަރުކާރުން ޚިލާފު ނުވާ އެންމެ މާއްދާއެއް ވެސް ނެތް: އިބޫ

މިހާރުގެ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށިތާ މާދަމާ 10 އަހަރު ފުރޭއިރު، އޭގެ ހުރިހާ ބާބަކާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޚިލާފު ވެފައިވާ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.


އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ލ. އާއި ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، އިދިކޮޅު ކޯލިޝަންގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ތިމަރަފުށީގައި ބޭއްވި ޖަލްސާ ގައި އިބޫ ވިދާޅުވީ، އޯގަސްޓް 7، 2008 ގައި ފާސްކުރި ގާނޫނުއަސާސީ ދިވެހިން ބަލައިގަތީ ފޮނި އުންމީދު ތަކަކާ އެކު ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން މިއަދު ތަންފީޒު ކުރަމުން ދަނީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ބާރުތައް ލިބޭ މާއްދާ ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފެހި ގާނޫނުއަސާސީ ބަލައިގަތީ ވަރަށް ފޮނި އުންމީދު ތަކަކާ އެކީގައި. އޭގައި ޑިމޮކްރަޓިކް މުޖުތަމައުއެއްގައި ބޭނުންވާ ކަންކަން އެކުލެވިގެން ވާނެ. ބާރުތައް ވަކިކޮށް، މިނިވަން މުއައްސަސާތައް އެކުލަވާލާފައި ވާނެ،" ރައްޔިތުންގެ ޚާއްސަ މަޖިލީހު ގައި ގާނޫނުއަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ހިންނަވަރު ދާއިރާގެ އިބޫ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަ ވަނީ ގާނޫނުއަސާސީގެ ބާބުތަކުގެ ތެރެއިން 15 ވަނަ މާއްދާ އެކަނި. އޭގެ ތެރެއިން ވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރުގެ މާއްދާ އެކަނި."

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ވިދާޅުވި ގޮތުގައި، އިދިކޮޅު ކޯލިޝަންގެ ޕާޓީތަކާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގުޅިގެން، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ނުކުންނަން ޖެހުނީ ގާނޫނުއަސާސީގެ ބާރު ކަނޑުވައިލުމުންނެވެ.

ގާނޫނުއަސާސީ ގައި ދައުލަތް އުފެދިގެން އަންނާނީ ރައްޔިތުންގެ ކިބައިން ކަމަށް ބުނެފައިވާއިރު، މިހާރު ރާއްޖޭގައި އެކަން ހިނގަމުން ދަނީ އެ ގޮތަށްތޯ، އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބޫ ސުވާލު އުފެއްދެވި އެވެ. އަދި ވިދާޅުވީ، އެ ހުރިހާ ބާރެއް ވަކި ފަރާތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

ގާނޫނުއަސާސީ ގައި ބަޔާންކުރާ އަސާސީ ހައްގުތަކުގެ ބާބު ގައި އެއްވެ އުޅުމުގެ މިނިވަން ކަމާއި ބަސް ބުނުމުގެ މިނިވަންކަން ކަށަވަރު ކޮށްދީފައި ވާއިރު، އަބުރުގެ ގާނޫނެއް ފާސްކޮށް، އެ ހައްގުތައް އަތުލާފައިވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ބޯކޮށް ވެހެމުންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ އިސް މެމްބަރު އިބޫ ވިދާޅުވީ، ގާނޫނު ހަދާނެ މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައްޔިތުންނަށް ދީފައިވާއިރު، އިދިކޮޅު 12 މެމްބަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި މި ސަރުކާރުގެ ނުފޫޒުން އަތުލައި 60،000 ރައްޔިތުން ތަމުސީލް ކުރުމުގެ ފުރުސަތު ގެއްލުވާލާފައިވާ ކަމަށެވެ.

އަދި ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ގާނޫނުއަސާސީ އަށް އަމަލު ކުރައްވާނެ ކަމަށެވެ. އިބޫ މިރޭ ވެސް ވިދާޅުވީ، ސިޔާސީ ކުށްވެރިންނާއި ޖަލުގައި ނުހައްގުން އަނިޔާ ލިބެމުންދާ މީހުން، އޭނާ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ދުވަހު މިނިވަން ކުރާނެ ކަމަށެވެ.

ސަލާމަތީ ބާރުތަކުގެ ބޭނުން ސަރުކާރުން ނާޖާއިޒު ގޮތުގައި ބޭނުން ކުރަމުންދާ ދިއުމާއި ގާނޫނުއަސާސީއާ ހިލާފަށް ކުރަމުން ދާ ކަންކަން ކޯލިޝަންގެ ސަރުކާރެއްގައި އިސްލާހު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.