ތާރު އަޅާ މަގުތައް، ބްރިޖު ހުޅުވެންވާއިރަށް ނިމޭނެ: މުއިއްޒު

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖުގެ ދަތުރުތަކަށް ތާރު އަޅައިގެން ހަދާ މަގުތަކުގެ މަސައްކަތް، ބްރިޖު ހުޅުވެން ވާއިރަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ބްރިޖުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ފަށާފައިވާއިރު، މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ބްރިޖް ހުޅުވަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ހައުސިން މިނިސްޓްރީން ނިންމާފައި ވަނީ މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ތާރު އެޅުމަށެވެ. އެ މަސައްކަތުގެ ދަށުން، މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ފުޅާކުރާނެ އެވެ. އެ މަގު ފުޅާކުރަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނު ނުދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަޝްރޫއުގައި ހިމެނޭ ބޮޑެތި މަގުތަކަކީ ބޮޑުތަކުރުފާނު މަގުގެ އުތުރުން، ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް މިއަދު ވިދާޅުވީ މާލޭ ކޮޅުން ބްރިޖާ ގުޅޭ މަގުތައް ނިންމުމުގެ މަސައްކަތް، އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް އެބަދާ ކަމަށެވެ. އެ މަގުތަކުގައި ތާރު އަޅަން ފެށުމަށް، ފެރީ ޓާމިނަލުން ފެށިގެން ގޮސް ސެނަހިޔާ ހޮސްޕިޓަލާ ހަމައަށް އެގްރިގޭޓް ބޭސްލޭޔާއެއް އަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިއަދު ވެސް ފަހަރެއްގައި ތާރުއަޅަން ފެށިދާނެ. އަޅުގަނޑުމެން ފަށާނީ، [މާލޭގައި ހުންނަ ހުޅުމާލޭ] ފެރީ ޓާމިނަލް ކައިރިން،" މުއިއްޒު ވިދާޅުވި އެވެ.

"މަގު ހަދައި ނިމޭއިރު، [ވެހިކަލް] ދުއްވާ ބައިގެ ފުޅާމިނުގައި އިންނާނެ 12 މީޓަރު. އެއީ ފަރާތެއްގައި ހަ މީޓަރު. އެއީ ދެކޮޅަށް ހަތަރު ފުރޮޅުލީ ވެހިކަލަށް އެއްފަހަރާ، ދުއްވޭ ގޮތަށް."

އެ މަގުތަކުގައި ލައިޓު ހަރުކޮށް، ގަސް އިންދާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ހުޅުލޭ ކޮޅުން، ބްރިޖާ ގުޅޭ މަގުތައް ހަދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތް ވެސް މި މަހުގެ ނިޔަލަށް ނިމޭނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބްރިޖާ ގުޅޭ މަގުތައް ނިމުމުން، މާލެ ތެރޭގެ ތޮއްޖެހުމަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ.