މިހާރު ހިންގާ މަޝްރޫއެއް ނުހުއްޓުވާނަން: އިބޫ

މިހާރު ކުރިއަށް ގެންދާ އެއްވެސް ތަރައްގީގެ މަޝްރޫއެއް، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ނުހުއްޓުވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.


އެމްޑީޕީ އަށް ބޮޑު ތާއީދެއް އޮންނަ ހދ. ކުޅުދުއްފުށީގައި ބޭއްވި ކޯލިޝަންގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ތަރައްގީގެ އެއްވެސް މަޝްރޫއެއް އޭނާގެ ސަރުކާރުން ހުއްޓާ ނުލައި، ގަވައިދާ ޚިލާފަށް ކޮށްފައިވާ ކަންކަން އިސްލާހު ކުރައްވާނެ ކަމަށެވެ.

"އެއީ ބޭރުގެ ފަރާތްތަކުން ހިންގާ މަޝްރޫއެއް ވިޔަސް ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރާ މަޝްރޫއެއް ނަމަވެސް ތަރައްގީގެ މަޝްރޫއެއް ހުއްޓާ ނުލާނަން،" އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ގަވައިދާ ޚިލާފަށް ކޮށްފައިވާ ކަންކަން، އެއްބަސްވުމަށް ބަދަލު ގެނެސްގެން އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އިސްލާހު ކުރާނެ އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން ގެންދާއިރު، އެއީ ކޮރަޕްޝަންގެ ތެރެއިން ނުއަގުގައި ކުރިއަށް ގެންދާ ކަންކަން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި މާލެ-ހުޅުލެ ބްރިޖާއި އައިޖީއެމްއެޗްގެ 25 ބްރީގެ އިމާރާތުގެ މަޝްރޫއު ހިމެނެ އެވެ. ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުން އެ ވާހަކަތައް ދޮގުކުރެ އެވެ.

ރަށްރަށުގެ ކައުންސިލްތަކަށް ބާރުތައް ދޭނެ ކަން ފާހަގަ ކުރައްވައި އިބޫ މިރޭ ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި ރަށްރަށު މަގުތައް ހެދުމާއި ކުނި މެނޭޖް ކުރުން ފަދަ ކަންކަން ކުރާނީ ކައުންސިލްތަކުން ކަމަށެވެ. އަދި ތަރައްގީ ގެންނާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ބާރު ދީގެން ކަމަށް ވިދާޅުވި އެވެ.

އިބޫގެ ސަރުކާރެއްގައި ކޮށްދެއްވާނެ ކަންކަން ހާމަކުރައްވަމުން ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ބެންކެއް ގާއިމްކޮށް، އެ ބެންކު މެދުވެރިކޮށް އަންހެނުންނަށާއި ޒުވާނުންނަށް ހާއްސަ އުސޫލުތަކެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ.