އިތުރަށް ލޯން ނަގާނެ ކަމެއް ނެތް، ޒިންމާ ނަގަން ޖެހޭނީ ރައީސް ޔާމީން: އިބޫ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިތުރަށް ލޯން ނަގަމުން އަންނަ ކަމަށާއި އެކަން ހުއްޓާލަން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގޮވާލައްވައިފި އެވެ.


ރިޔާސީ އިންތިޚާބަށް 27 ދުވަހަށް ވެފައިވަނިކޮށް، ރ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ރ. އިންނަމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ދައުލަތް ވަނީ ރައްޔިތުންގެ ނަމުގައި ދަރައި ނިމިފައިވާ ކަމަށާއި ރައީސް ޔާމީނަށް އިތުރު ފުރުސަތެއް ދޭން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.

"ރައްޔިތުން ބުނަނީ ރައީސް ޔާމީނަށް ނޫނެކޭ. ދެވަނަ ފުރުސަތެއް މި ސަރުކާރަކަށް ނެތޭ،" -- އިބޫ
އިންނަމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި، އިބޫ ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ

އެގޮތުން، ދައުލަތަށް ލިބޭ ކޮންމެ ރުފިޔާއަކުން 75 ލާރި ދައްކަން ޖެހެނީ ދަރަނި އަދާ ކުރުމަށް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އެހެންވެ، ނަގަމުން އަންނަ ލޯންތަކާއި ސޮވެރިން ގެރެންޓީ ދިނުން މި ވަގުތަށް ހުއްޓާލަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ގޮވާލެއްވި އެވެ.

"ތިޔަ ބޭފުޅުން ދައްކަވާ ޓެކްސް، އިމްޕޯޓު ޑިއުޓީ، އެހެން ގޮތް ގޮތުން ދައްކާ ފައިސާ އިން ދައްކަން ޖެހެނީ ރައްޔިތުންގެ ނަމުގައި ރައީސް ނަންގަވާފައި ހުރި ލޯން އަދާކުރެއްވުމަށް،" އިބޫ ވިދާޅުވި އެވެ.

"ރައްޔިތުން ބުނަނީ ރައީސް ޔާމީނަށް ނޫނެކޭ. ދެވަނަ ފުރުސަތެއް މި ސަރުކާރަކަށް ނެތޭ."

އިބޫ ވިދާޅުވި ގޮތުގައި، އިތުރަށް ލޯން ނަގާ ނަމަ، އެ ދެއްކެމުގެ ޒިންމާއާ ހަވާލުވެވަޑައިގަންނަވަން ޖެހޭނީ، ވެރިކަމަށް ވަޑައިގަތުމަށް ތައްޔާރުވެ ތިއްބެވި އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނަށެވެ. އެކަމަކު އެ ލޯންތައް ނެންގެވުމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ރާއްޖެ ތަރައްގީ ކުރުމުގެ ނަމުގައި، އިތުރު ހިދުމަތްތައް ދިނުމުގެ ނަމުގައި ބޮޑެތި ލޯންތައް ނަގައި އިތުރަށް ދަރަނިވެރި ކުރުވުމަކީ ރައްޔިތުން އެދޭ ކަމެއް ނޫން،" އިބޫ ވިދާޅުވި އެވެ.

އިންނަމާދުއަށް ވަޑައިގަތުމުން، އިބޫ އަށް އެރަށު ރައްޔިތުން މަރުހަބާ ދަންނަވަނީ. - ފޮޓޯ: އެމްޑީޕީ

އިންނަމާދޫގައި އިބޫ ދެއްކެވި ވާހަކައިގެ ޚުލާސާ:

- ބޯޓް ބިލްޑިން އާއި މެރިން އާޓިޓެކްޓް ދާއިރާ އިން އިތުރު ކޯސްތަކެއް ދޭނަން.

- ތަފާތު ކުރުމެއް ނެތި، ފެނާއި ނަރުދަމާގެ ނިޒާމު ހުރިހާ ރަށަކަށް ފޯރުކޮށްދޭނަން.

- ރާއްޖެ ތަރައްގީ ވާން ޖެހޭނީ ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި.

- އިންނަމާދޫގެ ގޮނޑުދޮށް ހިމާޔަތްކޮށް ދޭނަން.

- ސިޔާސީ ކަމެއްގައި ބައިވެރިވެގެން ވަޒީފާ ގެއްލިއްޖެ ނަމަ، ވަޒީފާ ހޯދައިދޭނަން.

"ވޯޓު ބޮނޑީގައި އަތްލީމަ ނަތީޖާ ފެންނާނެ، ޓެބްލެޓެއް ބޭނުމެއް ނުވާނެ"

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބާ ގުޅިގެން އިބޫ ވިދާޅުވީ ރީ-ރަޖިސްޓްރީ ކުރުމަށް ބުރަ މަސައްކަތްތަކެއް އިދިކޮޅު ފަރާތްތަކުން ކުރި ކަމަށެވެ. އެގޮތުން، 48،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ އެ ކޮމިޝަނުން ބާތިލްކޮށް އަލުން، ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅި ގާތްގަނޑަކަށް 6000 ފޯމްގެ ތެރޭގައި ގިނައީ އިދިކޮޅު ފަރާތްތަކުގެ ފޯމްތައް ކަމަށެވެ. ބާތިލްކުރި ފޯމްތައް އަލުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި، އެމީހުންނަށް ވޯޓުލެވޭނެ ގޮތް ހަދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންތިޚާބު އޮންނަ ދުވަހު، ރައްޔިތުން ގެއަށް ވަންނަން ވާނީ ނަތީޖާ ހޯދުމަށް ފަހު އެވެ. ނަތީޖާ އޮތީ "އެއް ފަރާތަކަށް ބުރަވެފައި" ކަމަށާއި އެއީ "ޓެބްލެޓެއް ހޯދައިގެން" އޭގައި ޖަހަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި، ވޯޓު ކަރުދާސް "ބޮނޑީގައި އަތްލީމަ" ނަތީޖާ ފެންނާނެ އެވެ. ނަތީޖާ ޖަހަން ވާނީ ކަރުދާސް ގަނޑެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.