އެމްޑީޕީ ވެރިކަމަށް ގެންނަން ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހަކު ދޫކޮށްލައިފި

އެމްޑީޕީ ވެރިކަމަށް ގެންނަން ސިހުރު ހެދިކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށިން ހައްޔަރުކުރި ހަތަރު މީހުން ތެރެއިން ދެ މީހަކު މިއަދު ދޫކޮށްލައިފި އެވެ.


ސިހުރު ހެދިކަމުގެ ތުހުމަތުގައި މިދިޔަ ހަފުތާގައި ހައްޔަރުކުރީ އެރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިސްމާއިލް އިބްރާހިމާއި އެ ކައުންސިލްގެ ސީނިއާ އެޑްމިން އޮފިސަރު ހުސައިން އަލީގެ އިތުރުން އާންމުންގެ ދެ މީހެކެވެ.

ހަތަރު މީހުންގެ ބަންދު މުއްދަތު ކުރިން އިތުރު ކުރުމަށް ފަހު، މިއަދު ދޫކޮށްލީ އިސްމާއިލް އާއި އާންމުންގެ ދެ މީހުންގެ ތެރެއިން އެކެކެވެ.

އެ ދެ މީހުން ދޫކޮށްލީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު އެރަށު ކޯޓަށް ހާޒިރު ކުރުމުންނެވެ. އަނެއް ދެ މީހުންގެ ބަންދަށް އިތުރު 10 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ.

ކައުންސިލްގެ ދެ މުވައްޒަފުން ހައްޔަރު ކުރުމުގެ އިތުރުން އެ މީހުން ދިރިއުޅޭ ގެ ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފަ އެވެ.