ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރަން ބަޖެޓް ދޭނަން: ފައިސަލް

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި، ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރަން އެކަށީގެންވާ ބަޖެޓް ހޯއްދަވައި ދެއްވާނެ ކަމަށް އެ ކޯލިޝަން ރަނިންމޭޓް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.


ށ. މިލަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، އިޖުތިމާއީ ދާއިރާގެ ތަފާތު ކަންކަމަށް ވަރަށް ކުރިއްސުރެ ފެށިގެން ޚަރަދު ކުރައްވަމުން ގެންދަވާ ފައިސަލް ވިދާޅުވީ، ރާއްޖެ ދެކެމުން މިދަނީ ދުވަހަކު ވެސް ނުދެކޭ ފަދަ އަނދިރި ދުވަސްތަކެއް ކަމަށާއި އެހެންވެ، އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި އެ ކަންކަމަށް ހައްލު ގެނެސް ދެއްވާނެ ކަމަށެވެ.

އެގޮތުން، މީގެ އަހަރުތަކެއް ކުރިން މަންމައެއްގެ އަނިޔާތަކުން ރަހުމު ކުޑަގޮތަކުން މަރާލާފައިވާ މުހައްމަދު އިބްތިހާލްގެ މަރު ފަދަ ކަމެއް ތަކުރާރު ވިޔަ ނުދެއްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އިބްތިހާލަށް އެ އަނިޔާތައް ލިބެމުން ދިޔަކަން ކަމާ ބެހޭ ފަރާތްތަކަށް އެންގި ނަމަވެސް އޭރު އެ ކަންކަމަށް އަޅާލާފައި ނެތް ކަން ފާހަގަ ކުރައްވައި އެ ކަންކަން އިސްލާހު ކުރައްވާނެ ފައިސަލް ވައުދުވެވަޑައިގަތެވެ.

ފައިސަލް ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި މިލަންދު އަށް ވަޑައިގެން ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ.

ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ފައިސަލް ވިދާޅުވިގޮތުގައި، ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ މުއައްސަސާތަކަށް ބޭނުންވާ ބަޖެޓު ނުލިބުމެވެ. އެހެންވެ، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު އިދިކޮޅު އިއްތިހާދަށް ކާމިޔާބު ވެއްޖެ ނަމަ އެ ކަންކަން ހައްލު ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯލިޝަން ސަރުކާރެއްގައި އެންމެ އިސްކަމެއް ދޭނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް. އެކަން ކުރުމަށް ތަންފީޒީ އިދާރާތައް ބޭނުންވާ ބަޖެޓު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަޖައްސާނަން،" ފައިސަލް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކުގައި ވާހަކަ ތަފާތު ޕޯޑިއަމްތަކުގައި ވަރަށް ގިނައިން ދައްކަވާ ފައިސަލް ވަނީ އަންހެނުން ބާރުވެރި ކުރުވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. ރައްޔިތުންގެ މަޖިލީހާއި މަތީ މަގާމުތަކުގައި އަންހެނުންނަށް ލިބިފައިވާ ފުރުސަތުތައް ކުޑަކަން ފާހަގަ ކުރައްވައި އެކަން ހައްލުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގެ އަމާޒަކީ ޖަޒީރާ ރަށްތަކުގައި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ތަފާތު ކުރުމެއް ނެތި ހޯދައި ދިނުން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.