ބަރުލަމާނީ ނިޒާމުގައި އޮންނާނީ ހަމަނުޖެހުން: ޝަހީމް

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެމްޑީޕީން ހުށަހަޅާފައިވާ އިރު އެއީ ރާއްޖެއާ ގުޅޭ ނިޒާމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ މަހު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ލ. މާވަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ޝަހީމް ވިދާޅުވީ ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކުން ބަރުލަމާނީ ނިޒާމް ދޫކޮށް ރިޔާސީ ނިޒާމަކަށް ބަދަލުވަމުން އަންނަ އިރު ރާއްޖެ އެއާ ހިލާފު ވަނީ ކީއްކުރަންތޯ އެވެ.

ބަރުލަމާނީ ނިޒާމަކީ ރާއްޖެއާ ގުޅޭ ނިޒާމެއް ނޫން ކަމަށާއި އެ ނިޒާމް ގެނެސްފި ނަމަ ޖެހޭނީ ގައުމުގެ ކުރިއެރުން ދޫކޮށް ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެ އަށް ދާން ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އޭރުން މިތާ އޮންނާނީ ގަޑުބަޑު. ރައްޔިތުންގެ މަޖިލިސް ތެރޭ އޮންނާނީ މުޒާހަރާ. ދެ ދުވަހުން އެއް ދުވަހު ސަރުކާރު ވެއްޓޭނެ. މިފަދަ ކިތަންމެ ކަމެއް މިތާ ހިނގާނެ،" އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި ވެސް ހުންނެވި ޝަހީމް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ މެނިފެސްޓޯގައި ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ބޭއްވުމަށް ހިމަނާފައިވާ އިރު ކޯލިޝަންގެ އެހެން ޕާޓީތަކުން ހުށަހަޅާފައިވަނީ ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ. އެ ޕާޓީތަކުގެ ހުށަހެޅުންތަކާ މެދު މަޝްވަރާކޮށް ކޯލިޝަންގެ މެނިފެސްޓޯ ވަރަށް އަވަހަށް އެކުލަވައިލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އިދިކޮޅު ޕާޓީތަކުން ތަފާތު މެނިފެސްޓޯތައް ހަދައި އާންމު ކޮށްފައިވާ އިރު އެ ކަންކަން އެއް ފޮތަކަށް ނުހެދޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެއް ފިކުރެއްގެ މައްޗަށް އޮންނަ ސަރުކާރުތައް ގިނަ ދުވަސްތަކަކަށް ދެމިގެން ދިޔަ ނަމަވެސް ތަފާތު ފިކުރުތަކުގެ ކޯލިޝަން ސަރުކާރުތަކަކީ ވަރަށް އަވަހަށް ރޫޅިގެންދާނެ ވެރި ކަންތައް ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ތަފާތު ފިކުރުތައް ހިމެނޭ ކޯލިޝަން ސަރުކާރަކީ ގައުމުގެ ކުރިއެރުމަށް އޮތް ވަރަށް ބޮޑު ހުރަހެއް. އެ ސަރުކާރެއް ހޮވިއްޖެ ނަމަ އެ މީހުންގެ ތެރޭގައި އޮންނާނީ ތަޅާފޮޅުން. ކާކަށްތޯ ކޮން ވުޒާރާއެއް ދޭނީ. ދައުލަތް ހިންގެވުމުގައި އުސޫލީ ހަރުދަނާ ސިޔާސަތުތަކެއް ނޯންނާނެ،" ޝަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން ރާއްޖެ ތަރައްގީ ކުރައްވަން ބޮޑެތި މަޝްރޫތައް ހިންގަވަމުން ދަނީ އެތައް ގޮންޖެހުންތަކާއެކު ވެސް ރައްޔިތުންނަށް އެއްވެސް ތަކުލީފެއް ނުޖައްސައި ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އަދި އިލްމާއި ތަޖުރިބާ ނެތް މީހަކަށް ވެރިކަން ދީފި ނަމަ ގައުމު "ފަރަށް އަރާނެ" ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވި އެވެ.

ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވާ ނަމަ ދާންޖެހޭނީ ޖަލަށް ކަމަށް ބައެއް މީހުން އޭނާ ގާތު ބުނަމުން އަންނަ ކަމަށާއި ޖަލަށް ދާން ޖެހޭނީ ކުށެއް ކޮށްފިނަމަ އެކަނި ކަމަށް ޝަހީމް ވިދާޅުވި އެވެ.