ހެދިފައި އޮތީ ނުތަކާވަރުގެ އިދިކޮޅު ކޯލިޝަނެއް، އެއީ ފުޅާ ކޯލިޝަނެއް ނޫން: ރައީސް ޔާމީން

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އިދިކޮޅުން ފަރާތްތަކުން ހެދި ކޯލިޝަނަކީ ނުތަކާވަރުގެ ކޯލިޝަނެއް ކަމަށާއި އެއަށް "ފާޓު ފުޅާ ކޯލިޝަނެއް" ނުކިޔާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ރ. އިންނަމާދޫގައި ވިދާޅުވެއްޖެ އެވެ.


ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނުކުންނަވަނީ ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު އަދި ދުވަސްވީ ބޭފުޅުންނާ އެކުގަ އެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އެވެ. ނަމަވެސް އިދިކޮޅު ހަތަރު ލީޑަރުންގެ މައްޗަށް ޖަލު ހުކުމްތަކެއް ވަނީ އިއްވައިފަ އެވެ. އަދި ނަޝީދާއި ގާސިމް ތިއްބެވީ ރާއްޖެއިން ބޭރުގަ އެވެ.

ރައީސް ޔާމީން، 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވީ މައުމޫނާއި ގާސިމާއި އިމްރާންގެ އެހީއާ އެކު އެވެ. އެކަމަކު، ހާލަތު ބަދަލުވެ، އިދިކޮޅު ލީޑަރުން މިފަހަރު ތިއްބެވީ ރައީސް ޔާމީނާ ދެކޮޅަށް، އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ.

އިންނަމާދޫގެ ބަނދަރު ހުޅުއްވައި ދެއްވުމަށް ފަހު، ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ލީޑަރުންނަކީ އެކި ފަހަރު އެކި ގޮތް ގޮތަށް ވިސްނާ ބައެއް ކަމަށާއި އެބޭފުޅުން މަސައްކަތް ކުރައްވަނީ އަމިއްލަ އެދުމާއިގެން ކަމަށެވެ.

"އެކަންކަން ފުއްދޭތޯ އެ ފަހަރު ޖެހުނު ކުލައެއް ޖައްސަވަނީ. ވަރިހަމަ ދުވަހަކު ވެސް ރީނދޫ ކުލަ އާއި ރަތްކުލަ ނުގުޅުނަސް، (މިހާރު) ރީނދޫ ކުލަ އާއި ރަތް ކުލަ ވެސް ގުޅޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މުއުމިނެއްގެ ގަޔަށް ދެ ފަހަރަށް ކައްޓެއް ނުޖެހޭނެ ކަމަށް ވިދާޅުވި، ސިޔާސީ ލީޑަރުން އެބަ ތިއްބެވި އެވެ. އެކަމަކު، "އެއް ކައްޓަށް ވުރެ ގިނަ ކަށި"، އެއް ހަރުން ޖެހި ލީޑަރުން ހަމަ އެ ހަރުގައި އަނެއްކާ ވެސް ތިއްބެވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެ ބޭފުޅުން ނޫންތޯ ކަށި ޖެހި ހަރުތަކުން ނުނިކުމެވޭ ވަރަށް ބަންދު ވެފައި ތިބީ. ހޮރަށް ވަދެ، ނުނިކުމެވޭ ވަރަށް ބަންދު ވެފައި އެ ތިބީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް އެގޮތަށް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ބޭއްވި ބައެއް ޖަލްސާތަކުގައި، ނަޝީދާ އެކު ދެން މަސައްކަތް ނުކުރައްވާނެ ކަމަށާއި ނަޝީދު ވެރިކަމަށް ގެންނަން މަސައްކަތް ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވެފައި ވަނިކޮށެވެ. އަދި އެ ޖަލްސާތަކުގައި "މުއުމިނެއްގެ ގައިގައި ދެވަނަ ފަހަރަށް ކަށި ނުޖަހާނެ" ކަމަށް ތަކުރާރުކޮށް ގާސިމް ވިދާޅުވެފައިވެ އެވެ.

އިދިކޮޅު ކޯލިޝަނަކީ ނުތަކާވަރުގެ ކޯލިޝަނަކަށް ވަނީ ކީއްވެކަން ތަފްސީލްކޮށް ދެއްވައި ރައީސް ވިދާޅުވީ އެއް ލީޑަރު ވިދާޅުވާ ވާހަކަ، އަނެއް ލީޑަރު ވާހަކަ ދައްކަވަނީ ދިމާ އިދިކޮޅަށް ކަމަށެވެ. އަދި ހުރިހާ ލީޑަރުންގެ ބަސް މަގު ހުރީ އެއްގޮތަކަށް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެމްޑީޕީގެ ބަހުގެ މައްޗަށް އެއްވެސް ކަމެއް ހިންގޭ ވަރުގެ ލީޑަރެއް އެތަނަކު ނެތް،" ރައީސް ވިދާޅުވި އެވެ.

"މިއަދު ގާސިމްގެ ބަހެއް ވެސް ނުވިކޭ. ގާސިމަށް މަސައްކަތް ނުކުރެއްވޭ ތަނުގައި ގާސިމް ނެރުއްވައިގެން އުޅުއްވަނީ ގާސިމްގެ އަނބިކަނބަލުން. މި ބޭފުޅުން ވަޑައިގަންނަވަންވީ ނުންތޯ ރާއްޖެ އަށް. ރާއްޖެ ދެކެ އެހާ ބޮޑަށް ލޯބިވާ ނަމަ، ރާއްޖޭގެ ކަންކަން އިސްލާހު ކުރަން ބޭނުން ނަމަ، މި ތަނަށް އައިސް މި ތަނުގައި މަސައްކަތް ކުރަންވީ. މި ތަނުގައި ނުކުރެވޭ މަސައްކަތް ބޭރުގެ ފަރަންޖީންނާ ހަވާލުކުރާ އެއްޗެއް ނޫން."

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުން ކޯލިޝަންގެ ތެރޭގައި ތިއްބެވުމުން، އެ މެމްބަރުންނަށް ވެސް ރައީސް ޔާމީން ވަނީ ފާޑު ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި 12 މެމްބަރުން އޮޑީގައި ދަތުރު ކުރާއިރު، އެ މެމްބަރުން "ދިޔަ ހިއްކާލާނެ ފަޔެއް" ދޭހެން ހީފުޅު ނުވާ ކަމަށެވެ. އަދި އެބޭފުޅުން އޮޑީގައި ތިއްބަސް، އެބޭފުޅުން ބަސް ނުވިކޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ ގޮތުގައި މަސައްކަތް ކުރައްވަނީ އިންތިގާލީ ބަޔަކުކަން ސިފަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ މީގެ ފަހަތުގައި މަންފާ ވެރިއަކަށް ހުންނެވީ ނަޝީދު ކަމަށެވެ.