މައުމޫނަށް ރައީސް ޔާމީންގެ އިހުލާސްތެރިކަމެއް ނެތް: ވަކީލް

ޖަލަށް ލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޚިދުމަތަށް "ކޫރުމެއް އެޅޭ" ފަދަ ވާހަކަ ނުދައްކަވަން އެއްބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ނަމަވެސް އެއީ އިހުލާސްތެރިކަމެއް އޮވެގެން ދެއްކެވި ވާހަކައެއް ނޫން ކަމަށް މައުމޫންގެ ވަކީލު މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް މައުމޫންގެ ވަކީލް، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މައުމޫންގެ ފުރާނަފުޅަށް ނުރައްކާވެފައިވާ ދަނޑިވަޅުގައި އެކަށޭނަ ފަރުވާ ކުރަން ފުރުސަތު ނުދެއްވައި އެމަނިކުފާނަށް ފާޑުވިދާޅުނުވުމަށް ރައީސް ޔާމީން އެދިވަޑައިގަތުމުގައި އިހުލާސްތެރިކަމެއް ނެތް ކަމަށެވެ.

"ރައީސް މައުމޫންގެ ފުރާނަފުޅަށް ގެއްލުންވާއިރު ހުންނަވަނީ އަޅާނުލައްވާ. އަޅުގަނޑު އެދެނީ ޑޮކްޓަރުންގެ އެންގުމަށް އަމަލުކުރެއްވުމަށް މާގިނަ ވާހަކަ ނުދައްކަވާ، ގެއަށް ބަދަލުކޮށް ދެއްވުމަށް،" ޝަމީމް ވިދާޅުވި އެވެ.

އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫން ގެންދަވަނީ ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ. މިދުވަސްކޮޅު އެމަނިކުފާންގެ ހާލު ސީރިއަސް ކަމަށް އާއިލާއިން ބުނެ އެވެ.

ރައީސްގެ ވާހަކައަށް ރައްދު ދެއްވައި ޝަމީމް ވިދާޅުވީ ރައީސް މައުމޫންގެ ތާއީދު މިހާރު ރައީސް ޔާމީނަށް ނެތް ކަމަށާއި އެމަނިކުފާނުގެ ތަރިކައެއް ރައީސް ޔާމީނަށް ހިމާޔަތް ނުކުރެއްވޭނެ ކަމަށެވެ.

"ރައީސް މައުމޫނަކީ ދުވަސްވީ ބޭފުޅުންނާއި ހިދުމަތްތެރިންނަށް އޯގާތެރި އަޅާލައްވާ ބޭފުޅެއް. އަދި އާއިލާ ބޭފުޅުންނަށް ވެސް އިހުތިރާމް ކުރައްވާ ބޭފުޅެއް. އެކަމަކު އެފަދަ ސިފައެއް ރައީސް ޔާމީންގެ ކިބައިގައި ނެތް ކަމަށް އާއިލާ ބޭފުޅުން ވިދާޅުވަނީ،" ޝަމީމް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ވެރިކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ފާޑުވިދާޅުވުމުން އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއްގައި، މައުމޫންގެ ޚިދުމަތަށް އެއްވެސް ކަހަލަ ކޫރުމެއް އެޅޭ ކަހަލަ ވާހަކަ އެއްވެސް ބޭފުޅަކު ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ މީހަކު ޖަލުން މިނިވަންކުރުމަށް މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައީސް މައުމޫން ަވަނީ ހައްޔަރުކޮށްފަ އެވެ. އަދި ހައްޔަރުކޮށް، ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި މައްސަލާގައި އުފުލި، އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް މައުމޫން ގެންދަވަނީ ހޭދަކުރައްވަމުންނެވެ. މިދިޔަ ޖޫން 13 ވަނަ ދުވަހު މައުމޫންގެ މައްޗަށް އެ ހުކުމް ކޮށްފައިވާއިރު، ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެމަނިކުފާނަށް އެ ދައުވާ ކުރަނީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރަން އުޅުއްވި ކަމުގެ ތުހުމަތުގަ އެވެ.