ކޮލަމާފުށީގެ ޕީޕީއެމް ޖަގަހަ އަށް ގެއްލުދިން މައްސަލަ ޕޮލިހަށް

ގއ. ކޮލަމާފުށީގެ ޕީޕީއެމް ޖަގަހަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލަ އެ ޕާޓީން ފުލުސް އޮފީހަށް މިއަދު ހުށަހަޅައިފި އެވެ.


މިކަން ކުށްވެރިކޮށް، ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ ކޮލަމާފުށީގައި ހުންނަ، ޕީޕީއެމްގެ ޖަގަހައިގައި ހުރި މޮނިއުމެންޓެއް ހަލާކުކޮށް، ދިދަފަތިތައް ބުރިކޮށް، ގާތްގަނޑަކަށް 40 ހޮޅި ދަނޑި ނައްޓާލާފައިވާ ކަމަށެވެ. ޕީޕިއެމަށް ތާއީދުކުރާ 10 މީހަކަށް އެ ހަމަނުޖެހުމުގައި ގެއްލުންވެ އެކި ވަރުގެ ފަރުވާ ދޭން ޖެހުނު ކަމަށް ނިހާން ވިދާޅުވި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ގއ. އަތޮޅުގެ ރަށްތަކަށް މާދަމާ ދަތުރު ފައްޓަވަން ނިންމާފައިވާއިރު، ކޮލަމާފުށީގެ ޖަގަހަ އަށް ގެއްލުން ދިނީ އެމްޑީޕީ އަށް ނިސްބަތްވާ ދެބެއިން ކަމަށް ނިހާން ތުހުމަތު ކުރެއްވި އެވެ.

ޖަގަހަ އަށް ގެއްލުން ދިނުން ކުށްވެރިކޮށް ނިހާން ކުރެއްވި ޓުވީޓެއް.

ޕީޕީއެމަށް ގެއްލުން ދިން ކަމަށް ތުހުމަތުކުރާ ދެ މީހުންގެ ނަން، ނިހާން ވިދާޅުވި ނަމަވެސް އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ ގާނޫނުގެ ދަށުން ނަން ވަނީ އުނިކޮށްފަ އެވެ. އެ ދެ މީހުންގެ ތެރެއިން އެކަކީ، އެމްޑީޕީގެ ސަރުކާރުގައި ތެލުގެ ނަހަމަ މުއާމަލާތްތަކެއް ހިންގައި މިހާރު ވެސް އެސްޓީއޯ އަށް 1.2 މިލިއަން ރުފިޔާ ދައްކަން ޖެހޭ މީހެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"މި ދެބެއިން މި ހިންގި ޖަރީމާ އަކީ މާދަމާ އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާއިރު، ދުރޫސުލް އަޚުލާގުގެ ތެރެއިން އެޅި އެއް ފިޔަވަޅު،" ނިހާން ވިދާޅުވި އެވެ.

ގއ. ކޮލަމާފުށީ ޖަގަހަ އަށް ގެއްލުން ދިނުމުގެ އިތުރުން، ގއ. ކޮނޑޭ އާއި އދ. މާމިގިއްޔާއި ލ. ފޮނަދޫގައި ހުރި ޖަގަހަތަކަކަށް ގެއްލުން ދިނުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެމްޕޭނާ ދިމާކޮށް، އެފަދަ އަމަލުތައް ހިންގުމަކީ، ނިހާން ވިދާޅުވި ގޮތުގައި، ޓެރަރިޒަމެވެ. އެމްޑީޕީ އަކީ އެކަމަށް ވަރަށް ފަރިތަ ބައެއް ކަމަށާއި އެކި ކެމްޕޭންތަކުގައި އެފަދަ ކަންކަން އެ ޕާޓީން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވެ، ނިހާން ފާޑުވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރިޔާސީ އިންތިޚާބަށް ތައްޔާރުވާން ކެމްޕޭން ކުރަން ޖެހެނީ ސުލްހަވެރިކަމާ އެކު ވާދަވެރި ރޫހެއްގައި ގާނޫނާ އެއްގޮތަށް ކަމަށެވެ. އެފަދަ ކެމްޕޭނަށް އެ ޕާޓީން މަރުހަބާ ކިޔާނެ ކަމަށާއި ނަމަވެސް ޓެރަރިޒަމަށް މަގުފަހިވާ ކަންކަން ބަލައެއް ނުގަންނާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.