ކެމްޕެއިނަށް އިބޫ ގއ. އަދި ގދ. އަތޮޅަށް ފުރާވަޑައިގެންފި

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް މިއަދު ފުރާވަޑައިގެންފި އެވެ.


އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިބޫ ކުރައްވާ ދަތުރުގައި ގއ. އަދި ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ތިން ދުވަހުގެ ތެރޭގައި ވަޑައިގަންނަވާނެ އެވެ. އެގޮތުން، ގދ. އަތޮޅުގެ އަށް ރަށަކަށާއި ގއ. އަތޮޅުގެ ނުވަ ރަށަކާ އެކު، ޖުމްލަ 18 ރަށަށް އިބޫ ވަޑައިގަންނަވާނެ އެވެ.

އިބޫ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ގދ. ވާދު އަށެވެ. ވާދޫގެ އިތުރުން، ގދ. ތިނަދޫ، ގދ. ގައްދޫ، ގއ. ވިލިނގިއްޔަށް ވަޑައިގެން ބޮޑު ޖައްސާއެއް ބާއްވާނެ އެވެ.

އިބޫގެ ދަތުރުގައި، ގދ. ފަރެސްމާތޮޑާ، ގދ. ފިޔޯރީ، ގއ. ދެއްވަދޫ، ގއ. ކޮލަމާފުށި، ގއ. ކަނޑުހުޅުދޫ، ގއ. ގެމަނަފުށި، ގއ. ކޮނޑޭ، ގއ. ދާންދޫ، ގއ. ނިލަންދޫ، ގއ. މާމެންދޫ، ގދ. ރަތަފަންދޫ، ގދ. ނަޑެއްލާ، ގދ. މަޑަވެލި އަދި ގދ. ހޯޑެއްދޫ އަށް ވަޑައިގަންނަވާނެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި، މި ހުރިހާ ރަށްތަކަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވައި އިދިކޮޅު ކޯލިޝަން ވެރިކަމެއްގައި ގެންގުޅޭ ސިޔާސަތު އިބޫ ހާމަ ކުރައްވާނެ އެވެ.

އިބޫ އެންމެ ފަހުން، ވަޑައިގަތީ ކ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށެވެ. އެ ރަށްތަކަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވައި، ބައެއް ސިޔާސަތުތައް ހާމަކުރެއްވި އެވެ.

އިދިކޮޅު ފަރާތްތަކުން ބުނި ގޮތުގައި ކެމްޕެއިން ދަތުރުތަކުގައި މިހާތަނަށް 150،000 މީހުންނާ ބައްދަލުވި އިރު، އޭގެ ތެރެއިން ގިނަ މީހުން ބޭނުންވަނީ ބަދަލެކެވެ. އަދި ގިނަ މީހުން ތިބީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން އަތުކުރި އޮޅާލައިގެން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.