ޖަޒުބާތުގައި ޖެހިގެން ކަމެއް ކޮށްގެން ނުވާނެ، ހޯދާނީ ވޯޓު: އިބޫ

ޖަޒުބާތުގައި ޖެހިގެން އެއްވެސް ކަމެއް ނުކޮށް، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަންވާނީ ވޯޓު ހޯދަން ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ މަހުގެ 23ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި ގދ. ވާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ކެމްޕެއިންގެ ފޯރި ގަދަވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން އިންތިހާބުގެ ކަންކަން ކުރާނީ ވިސްނުންތެރިކަމާއެކު ކަމަށެވެ.

އިދިކޮޅު ކެންޑިޑޭޓު އިބޫ މިއަދު ގދ. ވާދޫގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް، ކެމްޕެއިން ކުރުމުގެ ފުރުސަތު ހުރިހާ ކެންޑިޑޭޓުންނަށް އޮންނަން ޖެހޭނެ ކަމަށާއި ޖަޒުބާތުގައި ޖެހިގެން އިދިކޮޅު ސަޕޯޓަރުން ކަމެއް ނުކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އަދި އިދިކޮޅު ފަރާތްތަކުގެ މަސައްކަތަކަށްވާންވީ ކެމްޕެއިންކޮށްގެން ވޯޓު ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަޕޯޓަރުން ތިއްބަވާނީ އެގޮތުގެ މަތިން،" އިބޫ ވިދާޅުވި އެވެ.

އިބޫ އެގޮތަށް ވިދާޅުވީ، ރިޔާސީ އިންތިހާބަށް މަހަކަށްވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ބައެއް ރަށްރަށުގައި އިދިކޮޅު ސަޕޯޓަރުންނާއި ޕީޕީއެމް ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައި އޮތް ދަނޑިވަޅެއްގަ އެވެ. އެގޮތުން ގއ. ކޮލަމާފުށީ ޕީޕީއެމް ޖަގަހައަކަށް ގެއްލުން ދިން މައްސަލަ އާއި އެރަށުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ބައެއް މީހުން ވެސް ހައްޔަރު ކުރި އެވެ.

އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅު ވެރިކަމެއްގެ ސިޔާސަތުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުން ހިމެނެ އެވެ. އަދި ރާއްޖެއަށް ޓޫރިޒަމް ފުޅާ ކުރެވެން އޮތް ކަމަށް ވިދާޅުވެ، އެކަން އިދިކޮޅު ވެރިކަމެއްގައި ފުޅާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ ވަކި ފިކުރެއްގެ ވިޔަފާރިވެރިއަކަށްވެއްޖެނަމަ، ސަރުކާރުން ދަތި އުނދަގޫ ކުރަމުންދާ ކަމަށެވެ. އެގޮތުން ޖާބިރަށް ވެސް މި ސަރުކާރުން އުނދަގޫ ކުރަމުން އަންނަ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ މިއަދު ވާދޫ އަށް ވަޑައިގެން ކުޑަ ކުއްޖަކާ މިއަދު ސަލާމް ކުރައްވަނީ. އިބޫ ވާދޫއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު އޭނާ އަށް މަރުހަބާ ދެންނެވި. - ފޮޓޯ: އެމްޑީޕީ

އިބޫ ވާދޫގައި ވެވަޑައިގެންނެވި ވައުދުތައް:

- ވާދޫގެ މަގުތައް ހަދައި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްދޭނަން.

- ވާދޫގައި ގޭސް ޕްލާންޓަކާއި ފިއުލް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ކުރާނެ.

- ގދ. އަތޮޅުން ރާއްޖެއިން ބޭރަށް ދަތުރު ކުރެވޭނެ ނިޒާމެއް ގާއިމުކުރާނަން.

އިބޫ މިއަދު ވާދޫ އަށް ވަޑައިގަތުމުން، އެ ރަށު މީހަކު އިބޫއާއެކު ސެލްފީއެއް ނަންގަވަނީ. - ފޮޓޯ: އެމްޑީޕީ

ވާދޫ ވިދާޅުވީ، ބިން ބޮޑު، ވާދޫގައި ދަނޑުވެރިކަމާއި މަސްވެރިކަން ކުރާއިރު، ރަށް ކައިރީގައި ހުރި ޑައިވިން ސްޕޮޓްތަކަކީ ދުނިޔެއަށް މަޝްހޫރު ތަންތަން ކަމަށެވެ. އަދި ރަށުގައި ގެސްޓްހައުސްގެ ސިޔާސަތު ކުރިއަރައިގެން ދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި ގާދޫގެ ބޮޑު މެޖޯރިޓީއާއެކުގައި ރިޔާސީ އިންތިހާބުގެ ވޯޓުގެ ކަންކަން ނިމިގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

އިބޫ މިއަދު ވާދޫ އަށް ވަޑައިގަތުމުން، އެ ރަށުގެ ގިނަ ރައްޔިތުންތަކެއް އޭނާ އަށް މަރުހަބާ ދެންނެވި އެވެ. އިބޫގެ އިތުރުން، މި ދަތުރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.