އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ، ސިޔާސީ ނުފޫޒަށް ލެނބޭ މީހަކަށް މިނިވަން މުއައްސަސާއެއްގެ މަގާމެއްގައި ނުހުންނެވޭނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ގއ. ވިލިނގިލީގައި ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ވިލިނގިލީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އިބޫ ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގެ އެންމެ ބޮޑު ސިފައަކަށް ވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށެވެ. އަދި އެއީ، ދޫކޮށްލާނެ ދެ ސިފައެއް ނޫން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އެކަމަކު، މިނިވަން މުއައްސަސާތައް "ހުރި ގޮތަށް އަރައި" މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން މިހާރު ކުރިއަށް ގެންދަނީ ބޮޑެތި ބާރުތަކާ އެކީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރުގެ ސަރުކާރުން ވަރަށް އަނިޔާވެރިކޮށް ރައްޔިތުންނާ މެދު ކަންތައް ކުރަނީ. މިނިވަން މުއައްސަސާތައް ބޭނުންކޮށްގެން، ޝަރުއީ ދާއިރާ ތެރެއިން އެކަން ކުރަމުން ދަނީ،" ވިލިނގިލީގައި ބޭއްވި ބޮޑު ޖަލްސާގައި އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން މަސައްކަތް ކުރަން ޖެހޭނީ ގާނޫނުތަކާ އެއްގޮތަށެވެ. އަދި ވިޔަފާރިތައް ބަނގުރޫޓު ކުރާ ތަނަކަށް މީރާ ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، މީރާ އިން ގާނޫނުތައް އަމިއްލަ އަށް ހަދައި، ރައްޔިތުންގެ މަޖިލިހުން ފާސްނުކޮށް މީސްމީހުން އަތުން ފައިސާ ނަގަމުންދާ ކަމަށާއި އިދިކޮޅު ކޯލިޝަނެއްގެ ވެރިކަމުގައި އެކަން އިސްލާހު ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާންމުން ނުކުމެ ތިބީ ކޮރަޕްޝަނާއި ވައްކަމަށް ނޫނެކޭ ބުނުމަށެވެ. އަދި އެ މީހުން ބޭނުންވަނީ އިންސާފު ގާއިމުވެފައި އޮތް ރާއްޖެއެއް ކަމަށް ވިދާޅުވި އެވެ.
"ހަމައެކަނި އިންސާފު ނުލިބެނީ ކޯޓުތަކުން އެކަންޏެއް ނޫން. ވަޒީފާ ދިނުމުގަ އާއި ވަޒީފާއިން ޕްރޮމޯޝަން ދިނުމާއި ވަޒީފާއިން ވަކި ކުރުމުގަ އާއި ސަރުކާރުގެ ހިދުމަތް ދިނުމުގައި މިވަނީ އިންސާފުން އެއްކިބާ ވެފައި،" އެތައް ސަތޭކަ ބަޔަކު ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.
ވާދަވެރި ކެންޑިޑޭޓް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވަނީ ހުދުމުހުތާރު ވެރިކަމެއްކަން ފާހަގަ ކުރައްވައި އިބޫ މިސާލު ދެއްކެވީ ރައްޔިތުންގެ މަޖިލިހުގައި އިދިކޮޅު އެތައް މެމްބަރުންތަކަކަށް މަޖިލިހަށް ވެންނެވުމުގެ ފުރުސަތު ނުދީ ސިފައިން ހިފަހައްޓާތީ އެވެ. އެކަމަކު، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ސިފައިންނަށް ޣައިރު ގާނޫނީ އަމުރު ކުރާނެ ވެރިއަކު ނުހުންނާނެ ކަމަށް ވެސް މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަން ކުރައްވާ އިބޫ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބަށް 19 ދުވަހަށް ވެފައިވާއިރު، އިބޫ ވިދާޅުވީ ފަރުވާ ކުޑަކޮށްލައިގެން އިދިކޮޅު ކޯލިޝަނަށް އެ އިންތިޚާބު ކާމިޔާބު ނުވާނެ ކަމަށެވެ. އިދިކޮޅު ކޯލިޝަނަށް ގއ. އަތޮޅުން ބޮޑު އަޣުލަބިއްޔަތެއް އޮތަސް، އެންމެ ހިނދުކޮޅެއް ވެސް މަސައްކަތް ނުކޮށް ތިބެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަސައްކަތް ކުރަން ޖެހެނީ ގޮންޖެހުންތައް ދިމާވާނެ ކަމަށް ވިސްނައިގެން ކަމަށް ވިދާޅުވި އެވެ.