ބްރިޖާ ދިވެހި ސަރުކާރުން ހަވާލުވާނީ ދެ އަހަރު ފަހުން: ހައުސިން މިނިސްޓްރީ

ކުލަގަދަ ރަސްމިއްޔާތަކާ އެކު މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި، ހުޅުލެ އާއި މާލެއާ ދޭތެރޭ އަޅާފައިވާ ބްރިޖާ ދިވެހި ސަރުކާރުން އެއްކޮށް ހަވާލުވާނީ ދެ އަހަރު ފަހުން ކަމަށް ހައުސިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.


ސިނަމާލެ ބްރިޖާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވީ، ދިވެހި ސަރުކާރުން އަދި ބްރިޖާ ރަސްމީކޮށް ހަވާލުނުވާ ކަމަށާއި ކުރިއަށް އޮތް ދެ އަހަރު ބްރިޖު ބަލަހައްޓާނީ ބްރިޖު އެޅި ޗައިނާގެ ސީސީސީ ސެކަންޑް ހާބަ އިންޖިނޭރިން އިން ކަމަށެވެ. އެހެންކަމުން، ބްރިޖަށް ގެއްލުންތަކެއް ވެފައިވާ ކަމަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބްރިޖު މިހެން ހުޅުވާލި ކަމަށް ވިޔަސް ބްރިޖު ބެލެހެއްޓުމުގައި މިބޭފުޅުން ގާތްގަނޑަކަށް ދެ އަހަރު ވަރު މިތާގައި ތިބޭނެ. އެހެންވީމަ ބްރިޖަށް ގެއްލުމެއް ވެގެން ކަންބޮޑުވާ ހިސާބަކަށް އަދި ނުދޭ،" ބްރިޖުގެ ޕްރޮޖެކްޓްގައި އިސްކޮށް އުޅުއްވި ޒިޔާދު ވިދާޅުވި އެވެ.

ބްރިޖު ބަލާލުމަށް ގިނަ ބަޔަކު އެއްވެފައި-- ފޮޓޯ: މިހާރު

"ދެ އަހަރު ފަހުން އަޅުގަނޑުމެން ޓޯޓަލީ ބްރިޖު މުޅިން ހަވާލުވެގެންދާނީ. އެހާ ހިސާބަށް އެބޭފުޅުން ބްރިޖު ބަލަހައްޓަމުންދާނެ. އެބޭފުޅުން ބެލުމުގެ ދަށުގައި ބްރިޖު މެއިންޓެނަންސާއި އެކަންތައްތައް ބަލަހައްޓަމުންދާނީ އެބޭފުޅުންގެ ލަފަޔާއި އިރުޝާދުގެ ދަށުން. އެހެންވީމާ އަޅުގަނޑުމެން އަދި ހާސްވާކަށް ނުޖެހޭ އަދި ހެދި މީހުން މިތަނަކުން ދިޔައީ އެއްވެސް ނޫން،"

ބޮޑު ހޭދައެއްކޮށް ހަވާ އަރުވައި ކުލަ ގަދަ ރަސްމިއްޔާތެއްގައި ބްރިޖު ހުޅުވުމުން ގިނަ ބަޔަކު ހީކޮށްގެން ތިބީ ދެން ބްރިޖުގެ ކަންކަން ބަލަހައްޓާނީ ސަރުކާރުން ކަމަށެވެ.

ޒިޔާދު ވިދާޅުވީ ބްރިޖުގައި ދަތުރުތައް ކުރުމަށް އަދި އަގެއް ކަނޑަނާޅާ ކަމަށާއި މި މަހު ހަތެއްގައި ބްރިޖު އާންމުންނަށް ހުޅުވާލާއިރު ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަގެއް ކަނޑައަޅާނީ މިމަހު 23 ގެ ފަހުން ކަމަށާއި އެ ކަނޑައަޅާ އަގަކީ ރައްޔިތުންނަށް ބޮޑު އަގަކަށް ނުހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވިގޮތުގައި ބްރިޖަށް ހަރަދުކުރީ 198 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. ސަރުކާރުން ހަރަދުކުރީ 98 މިލިއަން ޑޮލަރު ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ބްރިޖު ބަލާލަން ބަޔަކު ހިނގާލަނީ-- ފޮޓޯ: މިހާރު

ނަމަވެސް ސަރުކާރުން ކުރިން ހާމަކޮށްފައިވަނީ ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ ކަމަށެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ކަމަށާއި އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ ކަމަށް ހައުސިންއިން ކުރިން ބުނެފައިވެ އެވެ. އަދި އެ މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ވެސް ކުރިން ހައުސިންއިން ބުނެފައިވެ އެވެ.

ބްރިޖު އެޅުމަށް ކުރި ހޭދައަކީ އެކަށީގެންވާ އަގަށް ވުރެ މާބޮޑު އަގެއް ކަމަށް ބުނެ ކިޔާ ފާޑު ކިޔުންތަކަށް ރައްދު ދެއްވައި ޒިޔާދު ވިދާޅުވީ ބްރިޖު ހަދާފައިވާ ފުން މިނާއި އަވަސް މިނާ ބަލާއިރު އަގު ރަނގަޅު ކަމަށެވެ. އަދި ޔޫރަޕު ފަދަ ގައުމެއްގެ ކުންފުންޏަކާ އެ ޕްރޮޖެކްޓް ހަވާލުކުރި ދިރާސާތައް ކުރުމަށް އެތައް ވަގުތެއް ހޭދަކޮށް އެކަން އަވަސް މުއްދަތެއްގައި ނުނިމޭނެ ކަމަށް ވިދާޅުވި އެވެ.

ހުޅުމާލޭ ދެ ވަނަ ފޭސްގެ ތަރައްގީއާ ބްރިޖާ ގުޅިފައިވާ ކަމަށާއި އެހެންކަމުން ބްރިޖަށް ކުރި ހަރަދަކީ އެކަށޭނަ ހަރަދެއް ކަމަށް ޒިޔާދު ވިދާޅުވި އެވެ.