ބާރަށު ދާއިރާގައި އިދިކޮޅަށް ފުއްދޭނެ ވައުދެއް ނެތް، ހުރިހާ ކަމެއް ސަރުކާރުން ކޮށްދީފި: ޝުޖާއު

ހއ. ބާރަށު ދާއިރާގައި ހިމެނޭ ރަށްތަކަށް އިދިކޮޅު ކޯލިޝަނަށް ކޮށްދެވޭނެ އެއްވެސް ކަމެއް މިހާރަކު ނެތް ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮށްދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.


މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރާ ގުޅިގެން، ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ، އޭނާގެ ދާއިރާގެ ރަށްރަށަށް އިބޫ ވެވަޑައިގަންނަވަނީ ރައީސް ޔާމީންގެ ސަރުކާރުން ފުއްދާފައިވާ ވައުދުތަކެއް ކަމަށެވެ. އަދި ދެން ހުރި ވައުދުތައް ފުއްދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ އެކު ދަތުރު ކުރައްވާ ޑެލިގޭޝަންގެ ބޭފުޅުންނަށް، ތި ބޭފުޅުން ރަށްރަށަށް ވަޑައިގަތުމުގެ ކުރިން އެ ރަށްރަށުގައި ހުރި ފުރިހަމަ މައުލޫމާތާ އެކީ ވަޑައިގެންނެވުމަކީ އެއީ އަޅުގަނޑުމެން ދޭން ބޭނުންވާ ނަސޭހަތެކޭ،" އިބޫގެ ވައުދުތަކަށް ފާޑު ވިދާޅުވަމުން ޝުޖާއު ވިދާޅުވި އެވެ.

"އިތުރަށް ވާންޖެހޭ ވައުދެއް، އިދިކޮޅު ކެންޑިޑޭޓަށް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން."

ޝުޖާއު ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަނުން ވަމުންދާ ވައުދުތައް ބާރަށު ދާއިރާގެ ރައްޔިތުން ގަބޫލެއް ނުކުރާނެ އެވެ. ރައްޔިތުންނަށް ލާބަ އާއި މަންފާ ހުރި އެއްވެސް ވައުދެއް އިދިކޮޅަށް ނުވެވޭނެ ކަމަށާއި އެ ކޯލިޝަނުން ވަމުންދާ ވައުދުތަކާ މެދު ރައްޔިތުން ސަމާލުވުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

"އެ ބޭފުޅުންގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ބާރަށު ދާއިރާގެ އެއްވެސް ރަށަކަށް އެއްވެސް ޚިދުމަތެއް ފޯރުކޮށް ދީފައި ނުވާ ކަމީ މުޅި ދާއިރާގެ ރައްޔިތުން ހެކިވާނެ ކަމެއް. އެހެންވީމާ ބާރަށު ދާއިރާގެ ރައްޔިތުންގެ ބޮލަށް ސަވާރު ވުމަށްޓަކައި ދޯހަޅި ވައުދު ވުމަކީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ވަމުންދާ އިތުރު ބައެއް ވައުދުތަކަކީ އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރުގައި ވެސް ނުފުއްދި ހުރި ވައުދުތަކެއް ކަމަށެވެ. އަދި އެމްޑީޕީ އަކީ ވީރާނާވަމުންދާ ފިކުރެއް ކަމަށް ވިދާޅުވެ، ޝުޖާއު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ބާރަށު ދާއިރާއާ މެދު އިހުމާލުވެފައި ވަނިކޮށް އެކަންކަން ހަމަޖައްސައި ދިނީ ވެސް ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ. އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް އެ ދާއިރާތަކުގެ ރައްޔިތުން ވޯޓު ދިނުމަށް ޝުޖާއު ގޮވާލެއްވި އެވެ.

"ބާރަށު ދާއިރާ އަކީ މި ޒަމާއަތުގައި، ރައީސް ޔާމީންގެ ޒައާމަތުގައި އެތަކެއް ބައިވަރު ތަރައްގީގެ މަޝްރޫއު ހިންގާފައިވާ ދާއިރާއެއް." އޭނާ ވިދާޅުވި އެވެ.