މާލެ-ހުޅުމާލޭގެ ޓެކްސީ ދަތުރެއްގެ އަގު 40ރ.

ސިނަމާލެ ބްރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނެ އަގަކީ 40ރ. ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ހަމަޖައްސައިފި އެވެ.


މިގޮތަށް، ސަރުކާރުން ހަމަޖެއްސިއިރު، މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ކޮންމެ ދަތުރަކަށް 100-250ރ. އާ ދެމެދުގެ އަގެއް ޓެކްސީ ޑްރައިވަރުން ދިޔައީ ނަގަމުންނެވެ.

ސިނަމާލެ ބްރިޖު އާންމު ދަތުރުފަތުރަށް މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ. އެއާ އެކު، މާލެ-ހުޅުމާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރުތަކުގެ އަގު އިންތިހާއަށް ބޮޑުވުމުން އެތައް ބަޔަކު އައީ ޝަކުވާ ކުރަމުންނެވެ.

ޓެކްސީ ދަތުރުތަކުގެ އަގުތައް:

- މާލޭގެ އެއް ތަނުން އަނެއް ތަނަށް 25ރ.

- ހުޅުމާލޭގެ އެއް ތަނުން އަނެއް ތަނަަށް 25ރ.

- މާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން މާލެއަށް 35ރ.

- ހުޅުމާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން ހުޅުމާލެ އަށް 35ރ.

- މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް 40ރ.

ސައިކަލް ޓެކްސީގެ އަގުތައް:

- މާލޭގެ އެއް ތަނުން އަނެއް ތަނަށް 10ރ.

- ހުޅުމާލޭގެ އެއް ތަނުން އަނެއް ތަނަށް 10ރ.

- މާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން މާލެއަށް 15ރ.

- ހުޅުމާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން ހުޅުމާލެއަށް 15ރ.

- މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް 20ރ.

މި މައްސަލަ ހައްލު ކުރުމަށް، މާލެ-ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރުކުރެވޭނެ އަގުތައް ކަނޑައަޅައި ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާންގައިވާ ގޮތުން، ހުޅުމާލެއިން ހުޅުލެއަށް އަދި ހުޅުލެއިން ހުޅުމާލެއަށް ކުރާ ޓެކްސީ ދަތުރަކަށް ނެގޭނީ 35ރ. އެވެ. މާލެ އާއި ހުޅުމާލޭގެ ތެރޭގައި ވެސް އެއްތަނުން އަނެއް ތަނަށް ކުރާ ޓެކްސީ ދަތުރެއްގެ އަގަކީ ކުރިއެކޭ އެއްގޮތަށް 25ރ. އެވެ.

ސައިކަލް ޓެކްސީގައި މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއަށް ދަތުރެއް ކުރެވޭނެ އަގަކީ 20ރ. އެވެ. އަދި މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުލެއިން މާލެއަށް ކުރާ ސައިކަލް ޓެކްސީގެ ދަތުރެއްގެ އަގަކީ 15ރ. އެވެ. ހުޅުމާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން ހުޅުމާލެއަށް ސައިކަލް ޓެކްސީ ދަތުރަކަށް ނަގާނީ ވެސް ސަރުކާރުން ހަމަޖައްސާފައިވާ ގޮތުން ނަމަ 15ރ. އެވެ.