ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނަން: އިބޫ

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކުރެއްވިއްޖެ ނަމަ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.


ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި އެ އަތޮޅު ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިހާރުގެ ސަރުކާރުން އަޅައި ނުލާ ކަމަށެވެ.

"ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަން ކުރާ ތަނެއް ނުފެނޭ. މުސާރަ ވަނީ ކުޑަ. މި މައްސަލަ ހައްލުކޮށްދީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ އުޖޫރަ މުރާޖައާކޮށް، ހިދުމަތާ އެކަށޭނަ ރަނގަޅު އުޖޫރައެއް ދެވިގެންދާނެ،" ވަރަށް ގިނަ ބަޔަކު ބައިވެރި ޖަލްސާގައި އޭނާ ވިދާޅުވި އެވެ.

އިބޫ ވެލިދޫގައި: އާސަންދަ ތައާރަފް ކުރި މަގްސަދު ހާސިލްނުވާ ކަމަށް ވިދާޅުވި -- ފޮޓޯ / އެމްޑީޕީ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންގުޅޭ ސިއްހީ ދާއިރާގެ ސިޔާސަތަށް ފާޑުވިދާޅުވަމުން އިބޫ ވިދާޅުވީ، އާސަންދަ ތައާރަފް ކުރި މަގްސަދު ގެއްލި، މިހާރު ވެސް ބަލިތަކަށް ފަރުވާ ހޯދުމަށް އާންމުން ފަންޑު ފޮށި ހުޅުވަން ޖެހިފައިވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ހަމަހަމަކަމާ އެކު، ގާނޫނެއްގެ ތެރެއިން ހުރިހާ ރައްޔިތުންނަށް ވެސް އާސަންދަ ފޯރުކޮށްދެއްވާނެ ކަމަށާއި އަމިއްލަ ހޮސްޕިޓަލް އަދި ކްލިނިކްތަކަށް ފުރިހަމަ އަށް އާސަންދަ ފުޅާ ކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މާލެ ފިޔަވައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އެންމެ އެކަށީގެންވާ ފެންވަރުގެ ސިއްހީ ފަރުވާ ލިބޭނެ ފަދަ ހޮސްޕިޓަލްތަކެއް ގާއިމް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރަނގަޅު ސިއްޙީ ނިޒާމަކަށް ރާއްޖެ މި އޮތީ އިންތިހާއަށް ބޭނުން ވެފައި. މި 21 ވަނަ ގަރުނުގައި ވެސް، ރާއްޖޭގައި، މާލެ ފިޔަވައި އެހެން ސަރަހައްދުތަކުން އެކަށީގެންވާ ސިއްހީ ހިދުމަތް ލިބޭކަށް ނެތް. ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި ހާލަތްތައް މެދުވާއިރު ވެސް އަވަސް ފަރުދެވޭނެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރެވިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އިބޫ ވެލިދޫގައި ވާހަކަ ދައްކަވަނީ: ސިއްހީ ދާއިރާ ބަދަލުކޮށްލައްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ / އެމްޑީޕީ

މީގެ އިތުރުން، ނަފްސާނީ ބަލިތަކަށް ހާއްސަ ސަމާލުކަމެއް ދީ، ޑިޕްރެޝަން ފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓެއް، އިދިކޮޅު ކޯލިޝަނެއްގެ ވެރިކަމުގައި ގާއިމް ކުރައްވާނެ ކަމަށް ވެސް އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ވެލިދު އަކީ މި އިންތިޚާބުގެ ކެމްޕެއިނަށް އިބޫ ވަޑައިގެންނެވި 109 ވަނަ ރަށެވެ. އަދި އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމް ވަނީ މިދިޔަ ހަފުތާއާ ހަމައަށް 77 ރަށަކަށް ވަޑައިގެންފަ އެވެ.