ސުނާމީއާ ގުޅިގެން ދޫކުރި ލޯނުތައް މާފުކުރާނަން: އިބޫ

ސުނާމީ ހާދިސާގައި ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ރައްޔިތުންނަށް ދޫކުރި ލޯނުތައް މާފުކޮށްދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު އއ. މަތިވެރީގައި ވިދާޅުވެއްޖެ އެވެ.


މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހަތަރު އަތޮޅަކަށް ފެއްޓެވި ދަތުރުގައި މަތިވެރީގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ 2004 ގައި ރާއްޖެއަށް އެރި ސުނާމީއާ ގުޅިގެން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ދިން ލޯނުތައް އަދާނުކުރެވި ލޯންތަކުގެ އިންޓްރަސްޓް އަރައި ލޯނުތައް ނުދެއްކޭ ހާލަތަށް ބައެއް މީހުން ގޮސްފައިވާ ކަމަށެވެ.

މީގެ 14 އަހަރު ކުރިން ޑިސެމްބަރު 26، 2004ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީގައި ގެދޮރު ގެއްލުނު މީހުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދީފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. ސުނާމީ ކާރިސާގައި ރާއްޖެ އިން 82 މީހުން މަރުވެ، 26 މީހުން ވަނީ ގެއްލިފަ އެވެ.

"އަޅުގަނޑުމެންގެ ވެރިކަމުގައި، އެ ދޫކުރެވިފައި ހުރި ހުރިހާ ލޯންތަކެއް މައާފުކޮށްދޭނަން،" މަތިވެރީގައި އެމްޑީޕީގެ ޖަގަހަ ހުޅުއްވައިދެއްވުމަށް ފަހު އިބޫ ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ކަމަކަށް އިއުތިރާފްވެވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން، ވެރިކަމުގައި ވައްކަމާއި ހިޔާނާތް އޮތް ކަމާއި މަގާމުތަކުން ބޭފުޅުން ދުރު ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ކަމަށް ރައީސް ޔާމީން އިއުތިރާފްވެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު ގދ. ތިނަދު އަށް ވަޑައިގެން، ރައީސް ޔާމީން ވަނީ ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު 13 މެމްބަރެއްގެ ގޮނޑި ގެއްލުވާލުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ އެމަނިކުފާނު ކަމަށް ވިދާޅުވެ، އެކަމަށް ވެސް އިއުތިރާފްވެވަޑައިގެންފަ އެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުގެ ނުރުހުން ވަނީ ރައީސް ޔާމީނަށް އަމާޒުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ކުރިމަތިނުލެއްވޭ ގޮތަށް ހެއްދެވީ ރައީސް ޔާމީން ކަމަށް، އެމަނިކުފާނު އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި، އިބޫ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ގުޅިގެން، ރިޔާސީ އިންތިހާބަށް ނުކުންނަން ޖެހުނީ މި ސަބަބުތަކާ ހެދި ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ރާއްޖޭގައި އޮތް ވައްކަމާއި ކޮރަޕްޝަން ފޮހެލައި، ހަމަޖެހިލައިގެން އުޅެލަން ކަމަށް ވިދާޅުވި އެވެ.

އިބޫ ވަނީ މަތިވެރި އާއި އއ. އަތޮޅުގެ އެހެން ބައެއް ރަށްރަށަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ރާއްޖެ ތަރައްގީ ކުރަން ބޭނުންވަނީ ލާމަރުކަޒީ ނިޒާމަކުން ކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި މާލީ ފުދުންތެރިކަން ކައުންސިލްތަކަށް ދޭނެ ކަމަށެވެ.