އެމަނިކުފާނުގެ އަސްލު ސޫރަ ރައްޔިތުންނަށް ފެންނާނީ މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވަރަށް ބޮޑަށް ރޭ ފާޑު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން މާމިގިލީގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ޔާމީނަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ "ސޫރައިގެ ހުރި ގޮތްތަކާއި ވައްޓަފާޅި" އާއި ކުރަމުން ގެންދާ ކަންތައްތައް ފެނުނީމަ ސޫރަ ދެކޭ ހިތްވެސް ނުވާ ކަމަށެވެ. އަދި އެ ސޫރައަށް ބަލަން ވެސް ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ސޫރަ ބައްލަވަން ބޭނުންނުވީ، ވެރިކަމަށް ވަޑައިގެން ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށް މަސައްކަތްޕުޅު ފެއްޓެވުމުންނެވެ ކަމަށެވެ.
އެގޮތުން، ރައީސް ޔާމީންގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފާތުމަތު އިބްރާހިމް އިސްކޮށް ހުންނަވައިގެން "ޕީޕީއެމް ނަމުގައި ވަކި" ކެމްޕެއިން އޮފީހެއް ހައްދަވައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެހީތެރިކަމާ އެކު، މަހާސިންތާތަކެއް ބޭއްވި ކަން ވަހީދު ފާހަގަ ކުރެއްވި އެވެ.
އޭގެ ފަހުން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ "ދުވަސް ދުއްވާލި" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދަވަން، ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އުޅުއްވަފާނެ ކަމަށް ފާރިސް ވެސް ޖަލަށްލި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، އިދިކޮޅު ތިން ލީޑަރުން ކަމުގައިވާ، މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަފާނެ ކަމަށް ހީކުރައްވައި، ޖަލަށްލި ކަމަށް އޭނާ ވިދާޅުވި އެވެ.
ވަހީދު ވިދާޅުވި ގޮތުގައި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ޖަލަށް ނުލީ، ފަސޭހަކަމާ އެކު އިންތިހާބު ކާމިޔާބު ކުރެއްވިދާނެ ކަމަށް ރައީސް ޔާމީން ހީފުޅު ކުރައްވައިގެންނެވެ. އެކަމަކު، އެމަނިކުފާނަށް އެކަން ފަސޭހަފުޅޫ ނުވާނެ ކަމަށާއި ދިވެހި ގިނަ ރައްޔިތުން ތިބީ އިބޫއާ އެކު ކަމަށް އޭނާ ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވަހީދު ވިދާޅުވި އެވެ.
އިދިކޮޅު 12 މެމްބަރުންގެ ގޮނޑި ގެއްލުވާލި ކަމަށް ރައީސް ޔާމީން އިއުތިރާފްވެވަޑައިގެންނެވުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ ރައީސް ޔާމީން ބަލި ކުރާނީ އިދިކޮޅު އެ މެމްބަރުން ކަމަށެވެ. އަދި އެ މެމްބަރުންގެ ހުރި ވަރެއް ރައީސް ޔާމީނަށް ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.