އެކްޓިން ކޮމިޝަނަރު ނަވާޒު، އިބޫއާ ބައްދަލު ކުރައްވައިފި

ފެބްރުއަރީ އެކެއްގެ ހުކުމަށް ފަހު، އެކްޓިން ޕޮލިސް ކޮމިޝަނަރު މަގާމުގައި ހުންނެވި އަބްދުﷲ ނަވާޒާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ބައްދަލު ކުރައްވައިފި އެވެ.


އިބޫގެ ކެމްޕެއިން އޮފީހުގައި އިބޫ އާއި ނަވާޒު ކުރެއްވި ބައްދަލު ކުރެއްވުމުގައި ރަނިން މޭޓް ފައިސަލް ނަސީމާއި ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) ބައިވެރިވެ ވަޑައިގެންނެވި އެވެ. އެމްސީ ހަމީދު ވަނީ އިބޫ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ.

އެ ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ނަވާޒު ވަޑައިގަތީ އިހުތިރާމުގެ ޒިޔާރަތަކަށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އިބޫ އާއި ނަވާޒުގެ ބައްދަލު ކުރެއްވުމުގައި އެމްސީ ހަމީދާއި ފައިސަލް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: އެމްޑީޕީ

އެ ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ނަވާޒު އެކްޓިން ކޮމިޝަނަރުކަމާ ހަވާލުވެ ވަޑައިގަތީ ފެބްރުއަރީ އެއް ވަނަ ދުވަހު ސިޔާސީ ލީޑަރުންތައް ހިމެނޭ ގޮތަށް ގިނަ ބަޔަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު އެވެ. އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ވަކިކޮށް އެ މަގާމަށް ދެން އައްޔަން ކުރެއްވި އަހުމަދު ސައުދީ އެވެ. ފަހުން އޭނާ ވަކިކޮށް ނަވާޒަށް އެކްޓިން ކޮމިޝަނަރަކަށް ހަމަޖެއްސެވީ އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ނަވާޒު ވަނީ ފުލުހުން އަމަލު ކުރާނީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ކަމަށް ވިދާޅުވެފަ އެވެ. އަދި ފުލުހުން އަމަލު ކުރީ ވެސް އެ ގޮތަށެވެ. އިދިކޮޅު ފަރާތްތަކުން ވަނީ ނަވާޒަށާއި ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.