އިދިކޮޅުގެ އިންޒާރު މަސީހަށް: ވަކިކުރުމުގެ ކުރިން އިސްތިއުފާދީ!

އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވައި މަޖިލިހުގެ މަސައްކަތް ކުރެވޭނެ މަގުފަހިކޮށް ދެއްވުމަށް އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް މިއަދު ގޮވާލައްވައިފި އެވެ.


ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، އަދި އެ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މަޖިލިހުގެ މަސައްކަތްތައް ފަށަން ބޭނުންވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސަތުގެ ތެރެއިން ކަމަށެވެ. އެހެންވެ، މަޖިލިހުގެ ރިޔާސަތުގައި ގަދަކަމުން ހުންނެވި މަސީހު ރީތި ގޮތުގައި އިސްތިއުފާ ދެއްވުމަށް ރިޔާޒް ތަކުރާރުކޮށް ގޮވާލެއްވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި، މަސީހް އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އިދިކޮޅު ކޯލިޝަންގެ މެމްބަރުން ތިއްބެވީ ނިންމަވައިގެންނެވެ. އެކަމަކު، އޭގެ ކުރިން އެމަނިކުފާނު އިސްތިއުފާ ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރޮޒެއިނާ މިއަދު ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑުމެންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން އޮތީ ރައްޔިތުން ބުނި ބުނުމަށް، މަޖިލިހުގެ ތެރެއިން ކޮށްދޭން ހުރި މަސައްކަތްތައް އަވަހަށް ފަށަން. އެހެންވީމަ އެ ފުރުސަތު ދެއްވުން އެއީ މަސީހަށް އޮތް ހަމައެކަނި ޗޮއިސަކީ،" ކިނބިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ ރިޔާޒް ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ދެ ފަހަރަށް މަޖިލީހަށް ވެއްދި އެވެ. ފުރަތަމަ ފަހަރު މައްސަލަ ބޭރުކޮށްލުމުން، ދެ ވަނަ ފަހަރަށް މައްސަލަ ހުށަހެޅީ 45 މެމްބަރުންގެ ސޮޔާ އެކުގަ އެވެ. އެ މައްސަލަ ބޭރުކޮށްލީ، ޕެޓިޝަންގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުން މަޖިލީހުން ވަކިވެއްޖެ ކަމަށް ކަނޑައަޅައިގެންނެވެ. އެގޮތަށް ކަނޑައެޅީ ޕީޕީއެމުން އެދިގެން އިލެކްޝަންސް ކޮމިޝަނުންނެވެ.

ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މިއަދު އެ 12 މެމްބަރުން މަޖިލީހުނ ވަކިނުވާ ކަމަށް ހަމަޖައްސައި، ބައި އިލެކްޝަން ބާއްވަން ކޮމިޝަނުން ކުރިން ނިންމި ނިންމުން ވެސް ބާތިލްކޮށްފަ އެވެ. އެހެންވެ، އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން މިއަދު ވިދާޅުވި ގޮތުގައި މެމްބަރުން މަޖިލިހަށް ވަނުމަށް އެއްވެސް ހުރަހެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު، މަސީހު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

ރިޔާޒް ވިދާޅުވި ގޮތުގައި، އިދިކޮޅު ކޯލިޝަންގެ މެޖޯރިޓީއާއެކު، މަޖިލިހުގެ މަސައްކަތްތައް ފަށައިގަންނަ އިރު، ރިޔާސަތު ހޯދުމަކީ މުހިންމު ކަމެކެވެ. އަދި މި ދަނޑިވަޅުގައި މަޖިލިހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒުން މަޖިލިހުގައި އަޅުވާފައި ހުރި ތަޅު ނެއްޓިގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ، މާދަމާ އިން ފެށިގެން މަޖިލިހުގެ ހުރިހާ މެމްބަރުންނަށް މަޖިލިހަށް ވެންނެވޭނެ މަގުފަހިވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ މެމްބަރުންނަށް މަސީހު ހުރަސް އަޅުއްވަމުން ގެންދަވާތާ ދެ އަހަރާއި ބައިވެއްޖެ އެވެ. ރޮޒެއިނާ ވިދާޅުވި ގޮތުގައި، މަސީހް އިސްތިއުފާ ނުދެއްވައިފިނަމަ، އެމަނިކުފާނު އެ "ގޮނޑިން ބޭލުމުގެ މަސައްކަތް" އިދިކޮޅު މެމްބަރުން ގުޅިވަޑައިގެން ކުރައްވާނެ އެވެ.

"މަޖިލިހުގެ ރައީސް ކަމުގައި މަސީހަށް ނުހުރެވޭނެ ކަން މަސީހަށް އެނގޭނެ. ރައީސް ޔާމީންގެ ނުފޫޒާއި ބާރުން މަޖިލިހަށް ފުލުހުންނާއި ސިފައިން ވައްދައިގެން މަޖިލިހުގެ ރިޔާސަތުގައި އިންނަވަނީ މަޖިލިހުގެ ގަވައިދާ ގާނޫނުއަސާސީއާ ހިލާފަށް،" ރޮޒެއިނާ ވިދާޅުވި އެވެ.

"އެހެންވީމަ ރީތި ގޮތަކީ މަސީހު އިސްތިއުފާ ދެއްވާފައި ވަޑައިގަތުން. އަޅުގަނޑުމެން މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށްވުރެ،" ރޮޒެއިނާ ވިދާޅުވި އެވެ.

މަޖިލިހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި، ރޮޒެއިނާ ވަނީ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގޮވާލައްވައިފަ އެވެ.

މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވެސް ވިދާޅުވީ އެންމެ ރީތި އަދި އެންމެ ރަނގަޅު ގޮތަކީ މަޖިލިހުގެ ރައީސް ކަމުން މަސީހް އިސްތިއުފާ ދެއްވުން ކަމަށެވެ. މަސީހް އިސްތިއުފާ ދެއްވައިފިނަމަ، މަޖިލިހުގައި އެތައް މަސައްކަތެއް ކުރުމަށް މަގުފަހިވާނެ ކަމަށް އަނާރާ ވިދާޅުވި އެވެ.