ޔޫކޭގެ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރު އާސިމާއި މަސީހުއާ ބައްދަލު ކުރައްވައިފި

އިނގިރޭސި ވިލާތުގެ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރު މާކް ފިލްޑް ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.


އާސިމާއި މަސީހުއާ، މާކް ބައްދަލު ކުރެއްވީ އޭނާ ރާއްޖެއަށް މިއަދު ފެއްޓެވި ދަތުރުގެ ތެރެއިންނެވެ.

މި ބައްދަލުވުމަށް ފަހު، އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ މަޝްވަރާ ކުރެއްވީ، ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ފަހު، އޮމާންކަމާ އެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މަޖިލީހުގެ ކަންކަމާ ބެހޭގޮތުން ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދާ ތަން ބަލަން އިނގިރޭސި ވިލާތުން ބޭނުންވާ ކަމަށް މާކްގެ ޓްވީޓްގައިވެ އެވެ.

މާކްގެ ޓްވީޓް

އާސިމާއި މަސީހާ ބައްދަލު ކުރެއްވުމުގެ ކުރިން މާކް ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ވެސް މިއަދު ހެނދުނު ބައްދަލު ކުރައްވައިފަ އެވެ. އަދި އިބޫގެ ވެރިކަމުގައި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން އިބޫއާ އެކު އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.

މާކްގެ ދަތުރުގައި، އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.